އިންޑިއާ ނޫން ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ!؟

އިންޑިއާ ސިފައިން ބޭލުމަކީ ދޫދިނުމެއް މަޝްވަރާ ކުރުމެއް ނެތް ކަމެއް: މުއިއްޒު

އިންޑިއާ ނޫން ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ!؟

ޑރ. މުއިއްޒު ވެރިކަމާ ހަވާލުވާ ސުން ސިކުންތުން ފެށިގެން ބޭރު ގައުމެއްގެ ސިފައިންގެ ބޫޓު ޖޯޑަކަށް ވެސް ރާއްޖޭގައި ޖާގަ ނުއޮންނާނެ ކަމަށް ބުންޏެވެ. ފިސާރި ފަލަކޮށް ދަމާނެ ސިޔާދަތީ ރަތް ރޮނގެއްގެ ވާހަކަ ދެއްކިއެވެ. ރާއްޖޭގައި ތިބިއްޔާ ތިބި އިންޑިއާ ސިފައިންނެއް ބޭލުމަކީ "ނަން ނެގޯޝިބްލް" ކަމެކޭވެސް ބުންޏެވެ. 

އިންޑިއާ ސިފައިން ބޭލުމާ ގުޅޭގޮތުން ދައްކާނެ ވާހަކައެއް ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް އެތައް ފަހަރަކު އެތައް ތަނެއްގައި ވަނީ ބުނެފައެވެ. ވެރިކަމަށް އިންތިހާބުވެ ވެރިކަމާ ހަވާލުވުމާ ދެމެދު ހޭދަވި އިންތިގާލީ މަރުހަލާގައި ވެސް ބުނަމުން އައީ ޝަރުތެއްނެތި އިންޑިއާ ސިފައިން ރާއްޖޭން ބާލާނެ ކަމަށެވެ. 

ވެރިކަމުގެ ހުވާ ކުރުމަށްފަހު ގައުމާ މުހާތަބު ކޮށް އަޑަށް ބާރުލައްވާ ވިދާޅުވީ ފިސާރި ފަލަކޮށް ސިޔާދަތީ ރަތް ރޮނގު ދަންމަވާނެ ކަމަށެވެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތު ނުވާނެކަމަށެވެ. ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ ކަމަށެވެ.

އަޝްކަރީ ބޭނުމެއްގައި ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ނުތިބޭ ކަމަށް ކުރީގެ ރައީސުން އެ ބޭފުޅުންގެ ވެރިކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. ރައީސް ނަޝީދު ވެސް ރައީސް ޔާމީނު ވެސް ރައީސް ސޯލިހު ވެސްމެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒު ވިދާޅުވަމުން އައީ އެއްވެސް ބޭނުމެއްގައި އެއްވެސް ވަރަކަށް ބޭރުގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށެވެ. ތިބިނަމަ ތިބި ސިފައިންގެ ބައެއްގެ އަތުގައި ހަތިޔާރު ހުރުމާއި ނެތުން މުހިންމު ނޫންކަމަށް ރައީސް މުއިއްޒު ދެކިވަޑައިގަތެވެ. 

ރައީސް މުއިއްޒުގެ ވެރިކަމަށް ތިން ހަތްދުވަސް ވަނީއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ރައީސަށް އެނގިވަޑައެއް ނުގަންނަވައެވެ. އިންޑިއާ ސިފައިން ބޭލުމަކީ ދޫދިނުމެއް މަޝްވަރާ ކުރުމެއް ނެތް ކަމެއްކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވެފާ ވާއިރު މުޅި މަންޒަރު ފެންނަނީ ބަދަލުވަމުން ދާތަނެވެ. 

ފަލަކޮށް ދަންމަވައިގެން ހުންނެވި ރަތް ރޮނގުގެ ތެރޭގައި ތިބިކަމަށް އަމިއްލަފުޅަށް ވިދާޅުވާ އިންޑިއާ ސިފައިން ބޭރުކޮށެއް ނުލެއްވުނެވެ. ދޫދިނުމެއް މަޝްވަރާކުރުމެއް ނެތްކަމަށް ވިދާޅުވި އިންޑިއާސިފައިން ބޭލުމަކީ ބުނެކިޔާ އާދޭސްކޮށްގެން ކުރަން ޖެހޭ ކަމަކަށް ވެއްޖެއެވެ. ޑިޕްލޮމަސީ އިސްކޮށް މަތީފެންވަރުގެ ގުޅިފައިވާ މަޝްވަރާ މަޖިލީހަކުން ނިންމާ ގޮތަކަށް ނޫނީ ކުރެވެން ނެތް ކަމަކަށް މިހާރު ވެއްޖެއެވެ.

އަޖައިބެއް ނުވާނެހެއްޔެވެ. އިންޑިއާ އާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމަކީ ދެގައުމުގެ މަތީފެންވަރުގެ ގުޅިފައިވާ މަޝްވަރާ މަޖިލީހަކުން ވާހަކަ ދައްކައިގެން ކުރަންޖެހޭ ވަރަށް ގޯސްވެފައިވާ ގުޅުމަކަށް ބަދަލުވީ ގައިމު ބަޔަކަށް ކަމެއް ގޯސްކޮށް ކުރެވިގެންތާއެވެ.

ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ބައްދަލު ކުރެއްވުމުން ވެސް އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ސީދާކޮށް ދައްކަވަން ރައީސް މުއިއްޒަށް ކެރިވަޑައި ނުގަތީ ބޮޑުވެގެންވާ ގޯސްތަކެއް ގައިމު ހެއްދެވިފައި ހުރެގެންތާއެވެ. 

ވެރިކަން ހޯއްދެވުމުގެ ދަހިވެތިކަމުގައި ގުރުބާން ކުރެއްވީ އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ އެއްބަޑު އެއްބަފާ ވަންތަ ގުޅުމެވެ. ތިބިކަމަށް ބުނާ އިންޑިއާ ސިފައިން ބޭލުން މިހާރުވަނީ "ނަން ނެގޯޝިބްލް" ކަމަކުން "ނެގޯޝިބްލް" ކަމަކަށް ބަދަލުވެފައެވެ. 

ވެރިކަމަށް ހުވާކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި "ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެ" ކަމަށް އެ ވިދާޅުވީ ދިވެހިރާއްޖެއަކީ އިންޑިއާ ނޫން ބޭރުގެ އެހެން އެއްވެސް ގައުމެއްގެ ސިފައިން ނެތް ގައުމަކަށް ރާއްޖެ ހަދާނެ ވާހަކަ އޭ މިހާރު އެބަ ހީވެއެވެ.