މުއިއްޒާއެކު ދައުލަތް ޑެޑްލޮކަށް
ރައީސް ނަޝީދު ގަސްދުގައި ދައުލަތް ހުއްޓުވާލަނީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ ކޮޅެއްގައި ނުޖެހިއްޖެ ނަމަ ދައުލަތް ހުއްޓުމަކަށް ދާތަން އެބަ ފެނެއެވެ. އިންތިހާބީ ރައީސް ވަށައިގެން ބަނދެވޭތަން އެބަ ފެނެއެވެ. ވަށަވަށައިގެން ހިނގާހާ ކަންކަމުން ފެންނަމުން ދަނީ އެމަންޒަރެވެ. ގަބޫލު ކުރަން ބޭނުން ނުވިޔަސް ކުރިމަތިވަމުން އަންނާތީ މިފެންނަނީ ދައުލަތް ޑެޑްލޮކަށް ދާތަނެވެ.
ކުރިއަށް އޮތީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ފަސޭހަފުޅު ދުވަސްތަކަކަށް ނުވާނެއެވެ. ހަމަޖެހިފައި އޮތްގޮތުން އިންތިހާބީ ރައީސް ގާނޫނީ ހުވާކުރައްވާނީ 17 ނޮވެންބަރގައެވެ. ހުވާ ކުރެއްވުމުގެ އިންތިޒާމުތައް ރަސްމީކޮށް ހިންގާ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. އިންތިހާބީ ރައީސް ހުވާކުރުމާ ގުޅޭގޮތުން މަޖިލީހުން ހިންގަންޖެހޭ އިދާރީ ކަންކަން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވުމަށް ގާނޫނީ ހުރަހެއް ރައީސް ނަޝީދަށް ނެތަސް އިތުބާރު ނެތްކަމަށް ހުށަހެޅިފައިވާ ރައީސަކަށް ވާތީ މަޖިލީހުގެ ޖަލްސާއެއްގައި ނިންމަން ޖެހޭ އެއްވެސް ކަމެއް ރައީސްގެ އިތުބާރުގެ މައްސަލައެއް ހުށަހެޅިފައި އޮއްވާ ނުނިންމޭނެ ކަމަށް ގާނޫނު ބުނެއެވެ.
މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު އިންނެވުމަށް 49 މެންބަރުން ދެކޮޅެވެ. މަޖިލީހުގެ ގަވައިދާ އެއްގޮތަށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް 49 މެންބަރުން ސޮއިކޮށް އިތުބާރު ނެތްކަމުގެ ގަރާރު ހުށައެޅުމުން އިތުބާރު އޮތްތޯބެލުމަށް ވޯޓުނަގާ ޖަލްސާ ބޭއްވުން ނޫން ހުރިހާ އިޖުރާތެއް ވަނީ ފުރިހަމަ ކޮށް ނިމިފައެވެ. އެހެނަސް ރައީސް ނަޝީދު މަގާމުގައި ދެމިހުންނެވުމަށް އެ ގެންދަވަނީ ކުރެއްވުނުހާ ކަމެއް ރޭވުންތެރި ކަމާއެކު އުސޫލާއި ގާނޫނުގެ ބޭރުން ކުރައް ވަމުންނެވެ. ހުރިހާ ދެރަޔަކާ ގެއްލުމެއް ދިވެހި ދައުލަތަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮޅެއްގައި ނުޖެހި އެ ދަނީ 17 ނޮވެންބަރާ ކައިރި ވަމުންނެވެ. އެ ދުވަހަކީ އިންތިހާބީ ރައީސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ގާނޫނީ ހުވާކުރެއްވުމަށް ކަނޑައެޅިފައިވާ ދުވަހެވެ. އާނއެކެވެ. އިންތިހާބީ ރައީސް ގާނޫނީ ހުވާ ކުރައްވަން ޖެހެނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ. އެހެން އެކަން އޮތަސް 17 ނޮވެންބަރުގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވިދާނެ ބާވައެވެ.
ގާނޫނާއި ގަވައިދު ބުނާ ގޮތުން މަޖިލީހުން އިތުބާރު ނެތްކަމުގެ މައްސަލަ ނޫން އެހެން ކަމެއް ނިންމަންވާނީ މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހެޅިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަ ނިންމާފައެވެ. ރައީސްގެ އިތުބާރުނެތް ކަމަށް ހުށަހެޅިފައިވާ މައްސަލަ ނުނިންމާ އެހެން ކަމެއް މަޖިލީހުން ނުނިންމޭނެތީ އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް ވިޔަސް މަޖިލީހުގެ ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ގާނޫނީ މާހިރުން ބުނެއެވެ. އެހެން ކަމަށް ވާނަމަ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ނުނިންމާ މަޖިލީހުގެ ޖަލްސާއެއް ބާއްވައިގެން އެއްވެސް ކަމެއް (ހުވާ ކުރުން ވިޔަސް) ނިންމުމުގެ ގާނޫނީ ސައްހަކަމެއް ނުއޮންނާނެއެވެ. މަޖިލީހުގެ މެޖޯރިޓީގެ ޕީޖީ ގްރޫޕުން އެބުނަނީ އެވާހަކައެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އައު ރައީސްގެ ކެބިނެޓަށް ރުހުން ދިނުމުގެ ޖަލްސާއެއް ވެސް މަޖިލީހުގައި ނުބޭއްވޭނެއެވެ. އިތުބާރުނެތް ރައީސަކު ރިޔާސަތުގައި އިނދެ ބާއްވާ ޖަލްސާއެއްގައި ހުވާކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދައުލަތް ހިންގުމާއި ރުހުންނެތް ކެބިނެޓަކުން ސަރުކާރު ހިންގުމުގެ ގާނޫނީ ސައްހަކަމާ މެދު އުފެދޭ މައްސަލަތަކަކީ އިންތިހާބީ ރައީސްއަށް ވެސް އަދި ދައުލަތަށްވެސް ހައްލު ނުކުރެވޭ ވަރުގެ ބޮޑު ގޮންޖެހުމަކަށް ވާނެއެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުނިންމާ އޮތުމުން ކުރިއަށް އޮތް އަހަރަށް ފާސްކުރަންޖެހޭ ބަޖެޓް ފާސް ނުކުރެވިގެން ދައުލަތް ހުއްޓުމަކަށް ދިއުމުގެ ބިރު ވަކީން ކުޑައެއް ނޫނެވެ.