ޓެކްސް ބޮޑުވުމުން ސިނގިރެޓް ބޯމީހުން މަދުވެ، ގެސްޓުން އިތުރުވޭ!؟

ޓެކްހާއި ފީތައް ބޮޑުކޮށްގެން ޓޫރިސްޓުން ގެންނަން ޖަހާ ހިސާބާމެދު ހައިރާންވޭ

ޓެކްސް ބޮޑުވުމުން ސިނގިރެޓް ބޯމީހުން މަދުވެ، ގެސްޓުން އިތުރުވޭ!؟

އެތެރެކުރާ ކޮންމެ ސިނގިރެޓަކުން ޓެކްސްގެ ގޮތުގައި ނަގަމުން އައި -/3 ރުފިޔާގެ ބަދަލުގައި -/8 ރުފިޔާ ނަގަން ނިންމުމުން 20 ސިނގިރެޓްގެ ސިނގިރެޓް ފޮއްޓެއްގެ އަގު -/300ރ އަށް ވުރެ ކުޑައެއް ނުވާނެއެވެ. ދުންފަތުގެ އެހެން ބާވަތްތަކުން %50 އަގު ބޮޑު ކުރުމަކީވެސް ބަޔަކު ދުންފަތުގެ އިސްތިއުމާލާ ދުރަށް ދާނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު ދުންފަތުގެ އިސްތުމާލުކުރުން ހުއްޓާލާނެ ކަމަށް ސަރުކާރުން ދެކެއެވެ. 

ޓެކްސް ބޮޑުކުރުމުން މެދުފަންތިއާއި ދަށްފަންތީގެ މީހުނަށް ނުކުޅަދާނަވެގެން ދުންފަތާ ދުރަށް ދާން މަޖުބުރުވާނެކަމަށް ދުންފަތުގެ ޓެކްސް ބޮޑުކުރާ ބިލް މަޖިލީހަށް ހުށަހެޅި ޕީއެންސީ މެންބަރު ވިދާޅުވިއެވެ. ދުންފަތުގެ އިސްތިއުމާލު ކުރަން ކިތަންމެ ބޭނުން ވިޔަސް ހިސާބަށްވުރެ އަގު ބޮޑުވުމުން މެދުފަންތިއާއި ދަށްފަންތީގެ މީހުނަށް ޖެހޭނީ ދުންފަތާ ދުރަށް ދާށެވެ. ތެދެކެވެ. އެއީ ގަބޫލު ކުރަންޖެހޭ ހަގީގަތެކެެވެ. 

ޓެކްސް ބޮޑުކޮށްގެން މީހުން ދުންފަތާ ދުރަށް ދާހެން ޓެކްސްއާއި ފީތައް ބޮޑުކޮށްގެން ރާއްޖެއަށް ޓޫރިސްޓުން ގެންނަން ޖަހާ ހިސާބާ މެދު ހައިރާން ވެއެވެ. ގްރީން ޓެކްސް ދެގުނަކޮށް ފުރާ މީހުން އަތުން ނަގާ ފީއާއި އެއަރޕޯޓް ޑިވްލޮޕްމަންޓް ފީ އެތައް ގުނައަކަށް ބޮޑުކުރުމުން އެގޮތަށް ހޭދަކޮށްގެން ޓޫރިސްޓުން ރާއްޖެއަންނަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ހާއްސަކޮށް މެދު ފަންތިއާއި ދަށްފަންތީގެ ބަޖެޓް ޓޫރިސްޓުންނަށް ރާއްޖެ އައުމަކަށް ކުޅަދާނައެއް ނުވާނެއެވެ. މިލިޔަނަރުން ނޫން ބަޔަކަށް އާދެވޭ ތާކަށް ރާއްޖެ ނުވާނެއެވެ.

ޓޫރިޒަމްގެ ޓެކްސްތަކާއި ފީތައް އޮބި ނުއޮންނަ ވަރަށް ބޮޑުކުރުމުން މެދު ފަންތިން ދަށުގެ ރިސޯޓްތަކާއި ގެސްޓް ހައުސްތައް ބަދަލުވެގެން ދާނީ ފަޅު ތަންތަނަށެވެ. ހައި އެންޑް ރިސޯޓްތައް ވެސް އަހަރުގެ ގިނަ ދުވަސްތަކުގައި އޮންނާނީ ފުލްނުވެއެވެ. ހަގީގީ ނަމްބަރުން އަދަދުތައް ފެންނަން ފަށާނީ ހައެއްކަ މަސް ދުވަހުގެ އޮޕަރޭޝަނަށް ފަހުގައެވެ. އޭރަށް އޮންނާނީ އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ރާއްޖޭގެ ޓޫރިޒަމް ބޮއްސުންލާފައެވެ. 

ރާއްޖެއަށް އައުމުގެ ބަދަލުގައި ގެސްޓުން އަގުހެޔޮ އެހެނިހެން މަންޒިލުތައް ހިޔާރުކޮށް އެ ދިމަ ދިމާލަށް އުދުހި ގަންނާނެއެވެ. އެތަކެއް މިލިޔަން ޑޮލަރު ޓޫރިޒަމަށް އިންވެސްޓް ކޮށްގެން ތިބި ރާއްޖެއާއި ބޭރުގެ ވިޔަފާރިވެރިން ތިބޭނީ ގޮތް ހުސްވެ އިނދަޖެހިފައެވެ.