ނުޙައްގު ބާރާއި ނުފޫޒު ވެރިންނަށް ލިބުނަ ނުދެނީ ލާމަރުކަޒީ ނިޒާމު: ޝާހިދު

ނުޙައްގު ބާރާއި ނުފޫޒު ވެރިންނަށް ލިބުނަ ނުދެނީ ލާމަރުކަޒީ ނިޒާމު: ޝާހިދު

ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ރައްޔިތުން އަޅުވެތިކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށްކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އެހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅު ހެއްދެވުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓްގައެވެ.

އޮނަރަބަލް ޝާހިދު ވިދާޅުވި ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައިސަރުކާރު ތަކުން ޒަމާނުއްސުރެ އައީ ރައްޔިތުން އަޅުވެތިކުރަމުންނެވެ. ލާމަރުކަޒީ ނިޒާމު ވުޖޫދުކޮށްގެން އެމްޑީޕީން ވަނީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައިސަރުކާރު ތަކުން ރައްޔިތުން އަޅުވެތި ކުރިކުރުން ނިމުމަކަށް ގެނެސްފައި ކަމަށް ޝާހިދު ވިދާޅުވެއެވެ.

ރައްޔިތުންގެ މައްޗަށް ނުޙައްގު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ގައުމުގެ ވެރިންނަށް ލިބުނަ ނުދެނީ ލާމަރުކަޒީ ނިޒާމުން ކަމަށް ޝާހިދު ވިދާޅުވެއެވެ. 

ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލްތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތިކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާޙެއް ކަމަށް ޢެމްޑީޕީގެ ރައީސް ސިފަކުރައްވައެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ފާއިތުވެދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ ކަމަށް އެމްޑީޕީގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅުކަން ސަރުކާރަށް އެންގުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ކައުންސިލްތަކުން އަޑު އުފުލުމަށް އެމްޑީޕީގެ ރައީސް ގޮވާލެއްވިއެވެ.