މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެން
ކަރުދާހުގައި ލިޔެގެން ކުރަން ނިކުތް ކަންކަން މީހަކު ކޮށްދޭތަން ފެނުނީމާ ބޮޑާ ހެދުން ހަޑި
ހިއްވަރުދޭ ހައެއްކަ މީހެއްގެ ބަސްމަގާ އެކު ދެން ތިބި އެންމެން ހާރުވައި ބިރު ދައްކާން ކަމަށް މިތިބަަގެން ތެޅިފޮޅެނީ ކޮންކަމެއް ނުވެގެންކަން މިއަދަކު ހަމަ ނޭގޭ އެކަކުވެސް ހުރިހެނެއް ހީޔެއް ނުވެއެވެ. ދެކޮޅު ނުޖެހޭ ބަޖެޓޭ ، ވައުދެއް ނުފުއްދެޔޭ ކުރިހަމަ އެއްކަމެއް ވެސް ނެތޭ ކަރުން ނާރު ނަގާފައި ގޮވާ ނަގަނީ ތިޔަ ތިބަ މީހުންގެ ހިތުގައި އޮތް ހަސަދަވެރިކަމާ އަމިއްލަ އެދުމުން ފޯވެފައިވާ ވަރުން އެ ކުރާން އުޅުނު ކަންކަން ނުކުރެވިގެންކަން އެންމެނަށް ވެސް މިހާރު އެބަ އެނގެއެވެ.
އާއެނކޭ! އާނއެކޭ! ރާއްޖެ ތެރޭގެ ރަށްރަށަށް އަރާލުމުން މިހިރަ މިހިރަ ފެންނަ މަންޒަރު ތަކަކީ އަދި ކުރިޔަށް އޮތް ގަރުނުނިމޭ އިރުވެސް ކުރެވި ނިމޭނެ ކަންކަން ކަމުގައި މީގެކުރީން މީހަކަށް ގަބޫލެއް ނުކުރެވެއެވެ. މީހުނަށް އޭރު ގަބޫލު ނުކުރެވި އޮތް އޮތުން މި ސަރުކާރުން ބަދަލުކޮށްލައި މުޅިރާއްޖެއަށް ގެންނަ ތަރައްގީ ފެނުނީމާ ހައިރާން ވާނެތާއެވެ. ޝުކުރުކުރާ އަޅުންގެ ހިތައް ލުއިފަސޭހަކަން ލިބޭނެއެވެ. ހަސަދަވެރީންގެ ހިތްތަކަށް ގިލަންވެރިކަން ވަދެ އަނދާނީ ގިންޏެވެ. އޭރުން ދެން ހަމަ ތިބެން ޖެހޭނީ ކަޅިއަޅައިގެން ތާއެވެ. އަނެކުން ހައްލާލަން ދައްކާ ވާހަކަ ތަކުން ތަސައްލީއެއް އަމުދުން ނުލިބުމުން ދެންވާނެ ހަތަރެތި މިހިރަގެން ދަނީ ވަމުންތާއެވެ.
ތިމަންނާމެނީ އެންމެ މޮޅު އެންމެ ވިސްނޭ މީހުން ކަމުގައި ގަބޫލު ކުރެވުނީމާ ވާނީ އެހެންނެވެ. ތިމާމެން ބޭނުންހާ ގޮތަކަށް ކަންކަން ކުރެވެނީ ތިމާމެންގެ އަމިއްލަ ކަންކަމެވެ. އެންމެން އެއްވެ ތިބެ ކަރުދާހުގައި ލިޔެގެން ކުރަން ނިކުތް ކަންކަން ތިމާނޫން މީހަކު ފުރިހަމަ ކޮށްދޭތަން ފެނުނީމާ ވެސް ޝުކުރުވެރި ވާން އެނގެނީއެއް ނޫނެވެ. ތިމާމެން ނޫން ބަޔަކު ހަމަ އެކަންކަން ކުރާތީވެ ބޮޑާ ހަދާ ތިޔަ ހަލުވާ ރަނބަޔެއް އަމުދަކުން މިއަދަކު ބަލާނެ މީހަކު ނެތެވެ.
ފަރަންޖީންގެ ކައިރިން ޕޮލިޓިކަލް ސައިންސް ކިޔެވިފާ ހުރީތީވެ ދެން މާތޫލި އަޑަކުން ތުއިވެފައި މަލާމާތުގެ ރާގަށް ރާއްޖެތެރޭ މީހުންނާ މެދު ތިމާގެ ހިތުގައި އޮތް ހަސަދަ ފިލުވާލަން ތިިޔަ ކިޔާ އެއްޗެތީން އަރާ ރުޅިން މީހުން ލަވާހަޅޭއް ނިކަން އަޑުއަހާލަ ބަލާށެވެ. ލޯ ހުޅުވާލަން ނުކެރެއެވެ. މިޔަކީ އިރެއްގައި ރާއްޖޭގެ ރޭޑިޔޯ އަކުން ކުރު ވާހަކަ ކިޔައިދިން އަމާމެން އެކިޔައިދިން މޭރުމުން ކިޔާން ދަސްކޮށް ދީފައި އޮތަތީވެ މިއަދަކު ކުރާން އުޅުނަކަސް ވައިގައި ހިއްޕޭކަށް އޮތް ކަމެއް ނޫން ތާއެވެ. އެ ވަރުވެސް ނޭނގި ތިމާގެ ހެދުން ބޭލޭއިރު އެހެން މީހުނަށް ބަލާންް ތިބޭކަށް ވެސް ފަސޭހައެއް ނުވާނެތާއެވެ.
ތިޔަހެން މަލާމާތުގެ ހިނިގަނޑެއް ޖަހައިގެން ރަށްފުށުގެ ވޯޓުން ހޮވޭތޯ ބަލަނީއޭ ކިޔައި އަނގަ ތޮރުފާ ގޮއްޔެގެ ހަތަރު ކަށިމަތި އަޅެ މާލެތޯ ވެސް އަހާލާ ހިއްވެއްޖެއެވެ. މީގެ ކުރީން ރަށްރަށަށް އަރައި ފެނުނުހާ މީހަކާ އެކު ސެލްފީ ނަގައި ބައްދާ ކޮޑަށް އަރާ ދުމަށިން މަސްކައި އެ އުޅުނީ ބަލަގަ ނިސްބަތްވާ އަވަށުން އެކަނި ވޯޓު ހޯދައިގެން ވެރިކަމަށް އާދެވެން ނެތީމާކަން މިއަދު ހަނދާނެއް ނެތްދޯއެވެ. އެކަމަކު އެއިރުވެސް ރަށްފުށުގެ މީހުންނޭ ކިޔައި ކުރި މަލާމާތް އަޑުއެހި މީހުން މަދެއް ނޫނެވެ. މިއަދު ވެސް ތިޔައީ ހަމަ އެމީހާއެވެ. އެހެން ހަސީލަތެއް ގައިމުވެސް ތިޔަކުން ނުފެންނާނެ ތާއެވެ. ބުނަން ހެއްޔެވެ؟ ބަޖެޓު ގޯސްވެގެން ތިޔަ އުޅެނީވެސް ބޭބޭފުޅަށް ބޮޑުވަޒީރުކަން ދެވޭނެ ގޮތައް ތިޔަ ބަޖެޓުގައި ބިލިޔަނުން ފައިސާ ނުހިމެނީމަ ދޯއެވެ؟ އެކަމަކުވާ ދިވެހީންނަކު އަދި ތިޔަކިޔާ ލަވަޔަށް ނަށާކަށް ނޫޅެއެވެ.
ދެބުރިކޮށް އެއްބުރި ތެންމައިގެން އޮރިޔާން ހާލުގައި ޕޫލަށް އެރިގެން އެންމެންނަކު އުޅޭކަށް އަދި ބޭނުމެއް ނުވެއެވެ. ތިޔަ މަލާމާތް ކުރާ ރާއްޖެތެރޭގެ ކުޅަނދު މަދު މީހާ މިހުރިހާ ދުވަހު ނަޖިސްފެނުން ފެންވަރައިގެން އުޅުނުއިރު ގޮއްޔެ މީރުފެނުން ފެންވަރައި ހެދިއިރު ހިތަށް އެރީ ކޮން އެއްޗެއް ބާވަޔޭ ހީވެއެވެ. ދެ ލޯހުޅުވައިގެން ނިކަން ބަލާބަލާށެވެ. ރަށްރަށުގައި ހަދަނީ ހަމައެކަނި ބަނދަރު ހެއްޔެވެ؟
ގޮއްޔެއަށް ވުރެ މޮޅަށް ރަށްރަށު ދަރީންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު މި ސަރުކާރުން ހުޅުވާލަ ދިނީތީވެ ތިހިރަ ހަސަދަ ބާލާވަރެއް ދޯއެވެ. ރަށްރަށުގައި ހޮސްޕިޓަލްތައް ތަރައްގީ ކުރެވި އަތްގާޑިޔަލުގައި ބަލިމީހުން އުފުއްލި އުފުއްލުމަށް މި ސަރުކާރުން ހައްލު ހޯދައި ދިނީމާ ތިޔަހަރަ އަރާ ރުޅިޔެއްދޯއެވެ.
ރަށުމީހާ ތާރުއެޅި މަގުގައި ފައިޖައްސާތީވެ ދެލޯމުދުނަށް އަރައިގެން ނުތެޅި މި އުޅެނީ ތިމާގެ ބޭފުޅާޔަށް ބޮޑުވަޒީރުކަން ހޯދައިދޭން ނިޒާމު ބަދަލު ނުކުރެވިގެންނޭ ގޮވިނަމަ އެހެން މީހުންވެސް އެވާހަކަ ގަބޫލުކޮށްފީހެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ބަރުލަމާނީ ގެނެވުނަސް ދެންމިހާރު ތިޔަ އުޅުއްވާ އައްޗިފާޑުން ތިޔަ ބުނާ މީހަކަށް ބޮޑުވަޒީރުކަން ދޭންވެސް ތިޔަ އުޅޭ މަދުމީހުން ކޮޅުމެނުވީ ތާއީދެއް ނުކުރާނެކަން ޔަގީނެވެ.