ނަހަލާލަށް ދަރިން ހޯދާ ހަލާލުކުރުން

ޝަރުއީ އަގުދަކާ ނުލާ ދަރިން ހޯދާ ގޮތެއް އިސްލާމްދީން ނުދަނޭ

ނަހަލާލަށް ދަރިން ހޯދާ ހަލާލުކުރުން

ޒިނޭކުރި ކަމަށް އެއްބަސްވެ ހައްދު ގާއިމުކުރެވޭ ފިރިހެނާއަށް ނަހަލާލުދަރި ނިސްބަތްކުރުމާއި، ވާރުތަކުރުމާއި، އެ ދަރި ބެލެހެއްޓުމުގައި އެހީތެރިވެ އަޅައިލުމާއި، ކައިވެނި ހަރާމްވުމުގެ ހުކުމްތައް ހިނގުމާއި މިހުރީކިީ ސަމާސާ ކަންކަމެއް ނޫނެވެ. އާނއެކެވެ. މި ކަންކަމުގެ މައްޗަށް އިސްލާމީ ބޮޑެތި ބައެއް އިލްމުވެރިން ރައުޔު ފާޅުކޮށް ބަހުސްކޮށްފައި ވަނީ އަދަކު އިއްޔެއަކު ނޫނެވެ. އަދި އެ ރައުޔުތައް އެ ގޮތުގައި ބިނާވީ ބުރަދަންހުރި ސަބަބުތަކެއް ހިކުމަތްތަކެއް ނެތިއެއް ވެސް ނޫނެވެ. 

ނަސަބާމެދު އުފެދޭ ވަހުމުތަކަށް، ބޭރުފުށުގެ ޖިސްމާނީ ސިފަތަކުގެ އަސަރުން، ކަމާބެހޭ މާހިރުން ލައްވައި ހޯދޭ ޖަވާބުތައް ނަބަވީ ހަޔާތްޕުޅުގައިމެ ބަލައިގެންފައިވާކަމަށް ބުނެ ހަރާން ކަންކަން ހުއްދަ ކޮށްގަތުމަށް ހުއްޖަތް ނެރެން ނޫޅޭށެވެ. އެގޮތަށް ބާރު ހޯދައިގެން އެކަމަށް ވަކާލާތު ކުރާނީ އިސްލާމީ އުސޫލުތަކުގެ ބޭރުން ޒިނޭ ހުއްދަ ކުރުމަށެވެ. ޒިނޭގެ ހައްދު ގާއިމު ނުކުރުމަށެވެ. އިސްލާމީ ހުދޫދުގެ ބޭރުން ދަރި ލައްވައި ޝަރުއީ ބަލަދުވެރިކަން ނަގަހައްޓާ ދެމެހެއްޓުމަށެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިޔެފައި އެބަ އޮތެވެ. "ޒިނޭގެ ބުރަ އާއި ބަދުނާމާއި ވޭނާއި ހިތާމަ، ޒިނޭކުރި އަންހެނާއަށް އެކަނި ބަރުދާސްތުކުރަން ޖެއްސޭ ސަގާފަތާ ދުރަށް ދާންވެއްޖެ"އެވެ. އަދިވެސް އޭނާ ލިޔެފައިވަނީ " ނަހަލާލުދަރި ކުޅަ ކުށަކާ ނުލައި، މުޖުތަމައުގައި ނިކަމެތިކޮށް ފަލީހަތްކޮށް ބަރުބާދުކޮށްލުމީ މިންވަރުވި ބަދުނަސީބެއްކަމުގައި ސިއްކަ ޖަހާފައި ތާއަބަދު ބޭއްވެން ނެތް" ވާހަކައާއި "އެ ދަރި ވުޖޫދުކުރި ފިރިހެން އަސްލު، އުފަލާއި ފޮނީގައި ފޮރުވިގެން އުޅޭ ފަރުދާ ފަހާފައި ވަނީ ދީނީ ފޮއްޗަކުން ކަމުގައި ބުނެ ފަރުޖައްސައިގެން ތިބުން މަރުހެޔޮ ނުވާނެ" ކަމަށެވެ.

އޭނާ ދެކޭ ގޮތުގައި އެއީ މާތްރަސްކަލާންގެ ކުޅަދުންވަންތަވެރިކަމުން ގުދުރަތުގައި ލައްވާފައިވާ އިލްމީ ހަގީގަތްތަކުގެ މައްޗަށް ބަރޯސާވެ، މުޖުތަމައުގައި ވަކިހިއްޕާފައިވާ އިންތިހާއީ ބޭއިންސާފުގެ ނޭދެވޭ އާދަތައް ނެތިދާނެ މަގަށް، ސަލާމަތް ބުއްދީގެ ތަރާދުގައި މީޒާންކުރެވޭ ސިޔާސަތުތަކުގެ މައްޗަށް، ގާނޫނުތައް އެކުލަވާލައި ތަންފީޒުކުރުމީ ލާދީނީ ކަސިޔާރު ވިސްނުމެއްކަމުގައި ދުށުމީ އޮއްޓަރެއް ނެތް ބޮހޮލާ ކަޓުމުއްލާ ވަހުމެއް ކަމަށެވެ.

އަނެއްކޮޅުން ޒިނޭކުރިކަމަށް އެއްބަސްވާ ފިރިހެނާގެ މައްޗަށާއި ބަޔޮލޮޖިކަލް ވަސީލަތަކުން ނަހަލާލު ދަރީގެ ބަފާކަމަށް ބުރުހާނުކުރާ ފިރިހެނާގެ މައްޗަށް، އެ ކުއްޖާއަށް ހަރަދުކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވުން ގާނޫނުން ލާޒިމުކުރުމީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާ ހިލާފު ވާނޭ ކަމެއް ކަމަށް އޭނާއަށް މޭރުންވާނޭ ގޮތެއް ވީކަމަކަށް ނުވެއެވެ. އޭނާއަށް ވިސްނެނީ އެކަމަކީ ހިފެހެއްޓޭ ބޮޑު ބޭއިންސާފެއް ކަމުގައެވެ. 

އެކަމަކު ޖަޒްބާތުން ފުރިފައިވާ އެ ވިސްނުމަކީ ކައިވެނީގެ ބޭރުން ގުޅުން ހިންގުމުގެ ވިސްނުމެވެ. ނަހަލާލު ދަރިންތަކެއް ހޯދާ ހަލާކުކޮށް ގަތުމުގެ ވިސްނުމެވެ. ކައިވެނި އަގުދު ކުރުމުގެ ބޭނުން ކަނޑުވާލުމުގެ ވިސްނުމެވެ. މުޖުތަމައަށް ހަރާމް ދަރިންތަކެއް ގިނަ ކުރުމަށް މަގުކޮށުމެވެ. މުސްލިމުން އަރައިގަތުން ހަރާމް ކުރައްވާފައިވާ ބޮޑު ފާފައެއް ކަމުގައިވާ ޒިނޭ ހުއްދަ ކުރުމެވެ. ޝަރުއީ އަގުދަކާ ނުލާ ދަރިން ހޯދާ ގޮތެއް އިސްލާމްދީން ނުދަނެއެވެ. މުސްލިމުންނަށް ކައިވެނިނުކޮށް ރުހިގެންވެސް ނުރުހިވެސް ޒިނޭ ކުރުމާ ޒިނޭގެ ދަރިން ހޯދުން ހުއްދަ އެއް ނޫނެވެ.

އެކަކަށްވުރެ ގިނަ މީހުނާ ޒިނޭކުރާ އަންހެނާ ކައިވެނީގެ ބޭރުން ހޯދާ ދަރިއަށް ބަފާ ކަށަވަރު ކޮށްދޭން ނޭނގޭއިރު ބިކަވާ ދަރީގެ ހައްގު އަދާކުރާނެ ބަފާ ކަނޑައެޅުމަކީ މުސްތަޙީލު ކަމެއްކަމުން އެދަރިއަށް ނުލިބޭ ހައްގެއް ޒިނޭގެ އެހެން ދަރިއަކަށް ލިބިދެވޭ ގާނޫނީ ނިޒާމަކަށްވުރެ ވަކީން ބޭއިންސާފް ނިޒާމެއް އޮންނާނެ ހެއްޔެވެ. ބަފާ ކަށަވަރު ވިޔަސް ނުވިޔަސް ޒިނޭގެ ދަރިންގެ ހައްގުތައް އަދާކޮށްދޭން ޖެހޭ މީހުންނާ ފަރާތްތައް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި ވެއެވެ.

ޒިނޭއަށް އަރައި ނުގަންނަ އަންހެނަކަށް ހައްދުގެ އުގޫބާތެއް ނުލިބޭނެއެވެ. ޒިނޭގެ ކުށުން ބަރީއަ ވުމުގު ފުރުސަތު ފިރިހެނަކަސް އަންހެނަކަށް ވެސް ތަފާތެއް ނެތި އެބަ އޮތެވެ. ކުއްޖަކު ނުލިބޭނަމަ ނުވަތަ މާބަނޑު ނުވާނަމަ އަންހެނާގެ މައްޗަށް ވެސް ޒިނޭ ކުރިކަން ސާބިތު ނުވެގެން ހައްދު ނުޖެހި ސަލާމަތް ވެފާ ތިބި އަންހެނުން މަދެއް ނޫނެވެ. ޒިނޭގެ ތުހުމަތުގައި އަންހެނާގެ މައްޗަށް ޒިނޭ ސާބިތުނުވެ ފިރިހެނާގެ މައްޗަށް ހައްދު ގާއިމުކޮށްފައިވާ ޝަރީއަތްތައް ރާއްޖޭގައިވެސް ހިނގާފާ އެބަހުއްޓެވެ.

ކުދިން ނުލިބޭ ހާލަތުގައި އިއުތިރާފުން ފިރިހެނުންގެ މައްޗަށް ޒިނޭ ސާބިތުވެ އަންހެނުން އިއުތިރާފް ނުވުމުން  އަންހެނާއަށް ޒިނޭ ސާބިތު ނުވެ އެބަހުއްޓެވެ. ފިރިހެނާ ޒިނެކުރިކަމަށް އިއުތިރާފްވެ އަންހެނާ އިއުތިރާފް ނުވާ ކިތަންމެ މައްސަލައެއްގައި ފިރިހެނާގެ މައްޗަށް ހައްދު ގާއިމުކުރެވިފައިވާ މައްސަލަތައް އެބަހުއްޓެވެ. އެހެން ކަމުން ޒިނޭގެ ހައްދަކީ އަންހެނުންނަށް އެކަނި ހާއްސަވެފައިވާ ކަމެއް ނޫނެވެ.