ބަނގުރޫޓުވީ ރާއްޖެއެއް ނޫން - ބަނގުރޫޓުވީ ޔާމީނާއި ނަޝީދު
ގައުމެއް ބަނގުރޫޓު ވުމުން ބޮޑު އަގު ދީގެން ގަންނަން ވެސް ކާބޯތަކެތި ލިބޭކަށް ނުހުރޭ
ބަނގުރޫޓްގެ އަޑު ލައްކަ ގަދައެވެ. ބަނގުރޫޓްގެ އަޑު އެހާ ގަދަވެގެން މިއުޅޭނީ ކޮންމެވެސް ކަމެއް ވެގެންނެވެ. ޔަގީނުން ވެސް ކޮންމެސް ބަނގުރޫޓެއް އެބަވެއެވެ. އެކަމަކު ބަނގުރޫޓު ވަނީ ރާއްޖެއެއް ނޫނެވެ. ރާއްޖޭގައި އުޅޭ ދެމީހަކު މާ ގަދަޔަކަށް ބަނގުރޫޓު ވަނީއެވެ. މީހަކު ކުރި ކަމަކާ ނުލައެވެ. އަމިއްލައަށް އުޅެވުނު ގޮތަކުންނެވެ.
ބަޔަކު މީހުން ހޭނުބަހައްޓާ ބަނގުރޫޓްގެ ވާހަކަ މި ދައްކަނީ ހަގީގަތުގައިވެސް ރާއްޖެ ބަނގުރޫޓް ވެގެން ހެއްޔެވެ. ނޫނެކެވެ.
ބަނގުރޫޓް ވެފައި އޮންނަ ގައުމު ތަކުގައި މީހުން އުޅޭ ހާލު ގިނަ ބަޔަކު ދެކޭނެއެވެ. ބަނގުރޫޓް ވުމުން މީހުންގެ ހާލަތު ބަދަލުވެގެންދާ ގޮތްތަކެއް ލޮލަށް ފެންނަން އޮވެއެވެ. ބަނގުރޫޓް ވެފައި އޮންނަ ތަންތާ ބޭނުން ވިޔަސް ބޭނުންވާހާ ކަމެއް މީހުނަށް ކޮށެއް ނޫޅެވެއެވެ. ކުރެވޭކަށް ނުވެސް އޮވެއެވެ.
ގައުމެއް ބަނގުރޫޓު ވުމުން އެގައުމެއްގައި ބޮޑު އަގު ދީގެން ގަންނަން ވެސް ކާބޯތަކެތި ލިބޭކަށް ނުހުރެއެވެ. ތެލާ ކާޑާ ކިއުގައި ތިބެ ކޫޕަނަށް ވެސް ލިބެނީ އެތައް ހާލަކުންނެވެ. އެވެސް ކުޑަކުޑަ މިންވަރެކެވެ. ދިރިއުޅުމުގެ ޒުރޫރީ ގިނަ ކަންކަން ކުރެވޭކަށް ނޯވެއެވެ. އާމްދަނީ ހޯދަން ކުރާނެ މަސައްކަތެއް ވަޒީފާއެއް ނޯވެއެވެ. ވަޒީފާ އެއް އޮތަސް މުސާރައެއް ނުލިބެއެވެ. އުނު އަންނައުނެއް ކަރަންޓެއް ފެނެއް ނުލިބެއެވެ. ދަތުރު ފަތުރެއް ނުކުރެވެއެވެ. ދުވާލު ހަތަރު ދަމުން އެއް އިރުވެސް ކާއެއްޗެއް ލިބޭނީ މަދު މީހަކަށެވެ.
ރާއްޖެ ބަނގުރޫޓް ވެގެންދާ ވާހަކަ ދައްކާ މީހުންގެ ލޮލުހާލާ މެދު ހަމްދަރުދީ ވެވެއެވެ. ސިނކުނޑިއަށް ހަލަލެއް އައިސް ފެންނަތަން ނުފެންނަ އިވޭއަޑު ނީވޭ ވާހަކަ ދެއްކޭ މަންމަނުންނާ މެދު ހިތާމަ ކުރަމެވެ. ތިޔަ ކިޔާ ބަނގުރޫޓެއް ރާއްޖެ ނުވެއެވެ. އިރާދަ ކުރެއްވިއްޔާ ނުވެސް ވާނެއެވެ.
ރާއްޖެ ބަނގުރޫޓްވީ ވާހަކަ ދައްކާއިރު މުޅި މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި ހުޅުވާފައި ހުރިހާ ކެފޭ ހޮޓާ ރެސްޓޯރެންޓް ތަކުގައި 24 ގަޑިއިރު ކައިބޮއެ އަތް އަނބުރާލާފައި ދުއިސައްތަ ތިންސަތޭކައިން ބިލް ކަނޑާލަ ކަނޑާލާ މީހުނަށް ތިބެވެނީ ކީއްވެ ހެއްޔެވެ. ދުނިޔޭގެ ބަޒާރަށް ނެރޭ އެންމެ ޒަމާނީ ތިން ހަތަރު ފޯނު ހިފައިގެން ހިތުހުރި ވަރަކަށް ޑާޓާ އަޅައިގެން ގިނަބަޔަކަށް އެ އުޅެވެނީ ކީއްވެ ހެއްޔެވެ. ސްޕަރމާޓްތަކާއި ކަންމަތީ ފިހާރަތަކުން ހިތުހުރި އެއްޗެއް ގަނެލަން ލިބެން އެހުންނަނީ ކީއްވެ ހެއްޔެވެ. ހުއްޓުމެއް ނެތި ކޮޅުކޮޅަށް ސައިކަލުތަކާ ކާރުތަކުގައި ދަތުރު ކޮށްލަ ކޮށްލާ އެ އުޅެވެނީ ކީއްވެ ހެއްޔެވެ.
މާލެ ސަރަހައްދުގައި ދިހަބާރަ ހާހަށް އެޕާޓްމަންޓެއް ކުއްޔަށް ހިފަން ނުލިބިގެން މީހުންގަނޑު ތެޅެފޮޅެނީ ކީއްވެ ހެއްޔެވެ. ކިތަންމެ އަގުބޮޑަސް ފުލައިޓްތަކުން ޖާގަ ނުލިބިގެން އެތައް ބަޔަކު ތެޅި މަރުވަނީ ކީއްވެގެން ހެއްޔެވެ. ޝޯތަކާއި މުބާރާތް ތަކާއި ސްޓާފް ނައިޓްތައް ބާއްވާ މަޖަލާ ސަކަރާތުގައި އެންމެން އަވަދި ނެތި އެއުޅެވެނީ ކީއްވެ ހެއްޔެވެ. ފަތުއަޑު ކިޔާފާއި އިމާރާތް ކުރުމާ މަސްވެރިކަމުގައި ހޭބޯނާރާ މީހުން އުޅެމުން ދަނީ ކީއްވެހެއްޔެވެ.
އެތައް ހާސް ބަންގާޅު މީހުންނާއި އެނޫން ވެސް ގައުމުތަކުގެ މީހުން އަތުފަތު ނުޖެހި ލައްކަ ލައްކައިން ޑޮލަރު ހޯދައިގެން ބޭރު އެކުރެވެނީ ނެތް ފައިސާ ކޮންތާކުން ހޯދައިގެން ހެއްޔެވެ. މަސާޖު ޕަލާތަކާއި ފިޓްނަސް ސެންޓަރ ތައް ނުހުއްޓި ހިނގަހިނގާ އެހުރީ ކީއްވެހެއްޔެވެ. ޖަވާބު ދީބަލާށެވެ. އެހުރިހާ ހަރަކާތް ކެނޑިނޭޅި ހިނގަމުން ދަނީ އިގްތިސާދުގައި ވަރު ހުރީމައެވެ. ބަނގުރޫޓްވެފައި އޮތްނަމަ ކިތަންމެ ބޭނުން ވިޔަސް އެއްކަމެއް އެއްތާކުވެސް އެ ގޮތަކަށް ނުހިނގާނެއެވެ.
ލޯނަކީ އިގްތިސާދު ދުޅަހެޔޮ ކުރުމަށް ނަގަން ޖެހޭ އެއްޗެކެވެ. ލޯނު އަދާކުރަން ލޯނު ނަގަން ޖެހޭ ހާލަތުވެސް އަންނާނެއެވެ. ރޭވުންތެރި ކަމާއެކު ރަގަޅަށް މެނޭޖު ކުރެވެންޏާ ލޯނު ނެގުން މައްސަލައަކަށް ވާނަމަ އެއްބަޔަކުވެސް ލޯނެއް ނުނަގާނެއެވެ. އާމްދަނި ނުލިބި ދެއަހަރެއްހާ ދުވަހު ހަރަދު ކުރަން ޖެހުނީމާ ޖަމާގައި ހުންނަ އެއްޗަކަށް ލޮޅުން އަރާނެއެވެ.
އެހެނެކޭ ކިޔާ ކުރަންޖެހޭ ހަރަދު ނުކޮށް ތިބީ ކޮންބައެއް ކޮންތާކު ހެއްޔެވެ. ވެވެން އޮތް ގޮތަކަށް ލޯނާއެހީ ހޯދައިގެން ކުރަންޖެހޭ ކަންކަން ކުރަމުން އާމްދަނީ ހޯދަމުން ލޯނު ދައްކަމުން ދާނަމަ ވާނީ ކޮން ބަނގުރޫޓެއް ހެއްޔެވެ.
ސިޔާސީ ގޮތުން ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ބަޔަކު ދައްކާފަ ނުދައްކާނެ ވާހަކައެއް ނުއޮންނާނެއެވެ. ސިޔާސީ ގޮތުން ބަޔަކު ބަނގުރޫޓުވެ ވެރިކަމާ ފޭވި ވަރަކަށް ރައްޔިތުންގެ ކަންބޮޑުވުން އިތުރު ކުރަން ބަނގުރޫޓް ލަވަ ނޫނީ މިހާރަކު ކިޔޭނެ އެހެން އެއްޗެއް ނެތުމުން ބަރުބާރަށް ބަނގުރޫޓޭ ބަނގުރޫޓޭ ގޮވޭނެއެވެ. ބަނގުރޫޓް ވިއްޔާ ވެގެން އުޅެނީ ޔާމީނާއި ނަޝީދެވެ. ރާއްޖެއެއް ނޫނެވެ.