މުޒާހިރީންނާ ދައުވާކުރަންޏާ މޮޓޯކޭޑާ ދެކޮޅަށްވެސް ދައުވާކުރަންޖެހޭ
ދުއްވާ ތަކެއްޗާ މަގު ހިނގާ މީހުނަށް މޮޓޯކޭޑްގެ ސަބަބުން މާބޮޑަށް އާއްމު އުދަނގޫވޭ
ގައުމުގެ ދުސްތޫރީބާރު ވަކި މީހެއްގެ މުށުތެރެއަށް ވަދެ ހުސްވުމުން އަދުލު އިންސާފުގެ ވާހަކަ އެކަކުވެސް ނުދައްކާށެވެ. ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ވާޖިބަށް ހުރަސްއަޅާ ވާހަކަ ނުދައްކާށެވެ. މުޅި ދައުލަތް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުގައި ފިތިބާރު ވެފައިވާ ކަމުގެ ހެކިތައް އެންމެ ތުއްތު ކުއްޖާއަށްވެސް ޝައްކެއްނެތި އެނގޭ ވަރަށް ރާއްޖޭގައި މިހާރު ސާފެވެ.
ކުރީން ހުއްދަ ނެގުމަކާނުލާ މުޒާހަރާ ކުރުމާއި އެއްވެއުޅުމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ދީފައި އޮތް އަސާސީ ހައްގެކެވެ. މުއިއްޒަށް ވެރިކަން ލިބިގެން އުޅެނީވެސް ގާނޫނު އަސާސީންނެވެ. ޕްރޮސިކިއުޓަރ ޖެނެރަލާއި ފަނޑިޔާރުން ވެސް ތިބީ ހަމަ އެ ގާނޫނު އަސާސީން ކަނޑައަޅާފައިވާ ގޮތަށެވެ.
އެހެން އެކަން އޮތް އިރު ގާނޫނު އަސާސީން ނުދޭ ބާރުތަކާއި ހައްގުތައް ނާޖާއިޒު ގޮތުގައި ރައީސާއި މެންބަރުންނާއި ފަނޑިޔާރުންނާއި މުއައްސަސާތަކުން ބޭނުންކުރަމުން ދާއިރު އެމީހުންގެ މައްޗަށް ގާނޫނެއް ނުހިނގައެވެ. މަތި މައްޗަށް ހުވަޔާއި ހިލާފުވެ ހިޔާނާތާއި އަނިޔާވެރިކަމުގައި ހައްދުފަހަނަ އެޅިޔަސް ފެންނަ ލޮލެއް އެޅޭ ފިޔަވަޅެއް ދެވޭ އަދަބެއް ނޯވެއެވެ.
ޝަރީއަތް ހިންގާ ކުށްވެރި ކުރަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގު ޕްރެކްޓިސްކުރާ ރައްޔިތު މީހާއެވެ. ރައްޔިތުން އެ މީހުންގެ ހައްގު ހޯދަން މަގަށް ނިކުންނަންވީ ގޮތާއި ތަނާއި ކިޔަންވީ އެއްޗެތިވެސް ކަނޑައަޅަންވީ ރައީސާއި ސަރުކާރުންނެވެ. ސަރުކާރުން ހުއްދަ ލިބިގެން މުޒާހަރާ ކުރަން ނިކުތީމާވެސް އާއްމު އުދަގުލަކަށް އެބަހަދައެވެ. އެކަމަކު ރައީސް މީހާގެ މޮޓޯކޭޑް ދިޔުމަށް މަގުބަންދުކޮށް ދަތުރު ފަތުރު ހުއްޓުވާ ހެދުން އާއްމު އުދަނގުލަކަށް ނުވެއެވެ.
މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ނުދީ މީހެއްގެ ގަޔަށް ބޮލަށް ނާރާ މަގުމަތީގައި މުޒާހަރާ ކުރާކުރުން ހުއްޓުވޭނެ ގާނޫނީ ހަމައެއް ނުއޮންނާނެއެވެ. ދުއްވާ ތަކެއްޗާއި މަގު ހިނގާ މީހުނަށް ދަތިވާކަމުގެ ބަހަނާގައި މުޒާހަރާތަކާ އެއްވުންތައް ރޫޅާލުމުގެ ހައްގެއް ފުލުހުންނަކަށް ވެސް ނުއޮންނާނެއެވެ. ހުއްދަކަމެއް ހުއްޓުވުމަކީ ކުރާކުށެކެވެ. އެއްޔަކީ ވާޖިބު އަދާކުރުމެއް ނޫނެވެ. މުޒާހަރާކުރުމަކީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުންކަމަށް ހަދައިގެން އަދަބު ދިނުމަކީ އަނިޔާއެވެ.
މުޒާހަރާކުރުން އާއްމު އުދަގުލަކަށް ވަންޏާ މޮޓޯކޭޑްގައި ދުއްވުމަކީވެސް އާއްމު އުނދަގުލެކެވެ. ގާނޫނުލްއުގޫބާތުން މާއްދާއެއް ހޯދައިގެން މޮޓޯކޭޑާ ދެކޮޅަށް ދައުވާނުކޮށް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ދައުވާކޮށް އަދަބުދިނުމަކީ ސިޔާސީ ގޮތުންދޭ އަނިޔާއެކެވެ.


