ގައުމިއްޔަތުގެ ނަމުގައި މުއިއްޒު މުގައްދަސް ކުރުން!

ގައުމިއްޔަތާއި ވަޒަންދެކެ ލޯބިވުމަކީ ދެކަމެއް

ގައުމިއްޔަތުގެ ނަމުގައި މުއިއްޒު މުގައްދަސް ކުރުން!

ދުނިޔޭގެ އެއްވެސް ގައުމެއްގައި ގައުމިއްޔަތު ކިޔާ މާއްދާއެއް ކިޔަވައެއް ނުދެއެވެ. އެހެންނަމަވެސް “ދިވެހި ގައުމިއްޔަތު”ގެ ނަމުގައި ރާއްޖޭގެ ތައުލީމީ މަންހަޖަށް މާއްދާއެއް މިހާރު ވަނީ އިތުރުކޮށްފައެވެ. އަޖުމަ ބެލުމުގެ ގޮތުން 11 ސްކޫލެއްގައި ދިވެހި ގައުމިއްޔަތު ކިޔަވައިދޭން ވެސް ފަށައިފިއެވެ.

އެއްވެސް ދިރާސާއެއް ކުރުމެއްނެތި ތައުލީމީ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ މާއްދާ އިތުރު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ބަވަނަވެތި މިޒަމާނުގައި ހިފެހެއްޓި ތަޅުލެވޭ ހައްދުފަހަނައެޅި ކަނާތު ފިޔާގެ ވިސްނުން އަށަގަންނަވާ މަވެތި ފިކުރު ދަރިވަރުންގެ ހިތްތަކުގައި ބިންވަޅު ނެގުވުމަކީ ހާދަހާވާ ނުރައްކާތެރި ކަމެކެވެ. 

ކަންކަމުގައި ހައްދުފަހަނަ އަޅާގޮސް ހަމަ ނުޖެހުމާއި އަނިޔާވެރިކަމާއި ގަދަކަން ދެއްކުމާއި ދެކޮޅުވެރިކަމާއެކު މީހުނާ ކުރިމަތިލުމުގެ ވިސްނުމުން ޅަދަރިންގެ ސިކުނޑިތައް ބައްޓަން ކުރުމަކީ ބިރުވެރިކަމެކެވެ. ގައުމިއްޔަތާއި ވަޒަންދެކެ ލޯބިވުމަކީ ދެކަމެކެވެ.

އެއްވެސް ތާރީހަކާއި ސަގާފަތަކީ އެމަތީގައި ހުއްޓި ތިބެން އޮތް ކަންކަމެއް ނޫނެވެ. ތާރީހަކީ ހާލަތާއި ކުރިމަގަށް ލިބިދިޔަ ފިލާވަޅެވެ. އެނބުރި ރުޖޫއަވާން އޮތްކަމެއް ނޫނެވެ. އަނެއްކޮޅުން ސަގާފަތަކީ އެއްޖީލުން އަނެއް ޖީލަށް ބަދަލުވަމުންދާ އެއްޗެކެވެ. ހުއްޓި އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި އެބައެއްގެ ކާބަފައިން އުޅުނުހާ ގޮތަކާއި ގެންގުޅުނުހާ ތަކެއްޗަކީ އެތަނެއްގައި އަބަދަށް ދެމިހުރި ތަކެއްޗާ ކަންކަމެއް ނޫނެވެ. ކާބަފައިންގެ ބައެއް ކަންކަމާއި ތަކެއްޗަކީ ހަނދާން ނައްތާލާ ނެތިކޮށްލަން ޖެހޭ ކަންކަމާއި ތަކެއްޗެވެ. 

މާތް ވެގެންވާ އިސްލާމްދީން މުސްލިމުންނަށް ދައްކާދިނީ އެމަގެވެ. އިސްލާމް ދީނުގައި ގައުމިއްޔަތެއް ނޯވެއެވެ. އޮންނަނީ މުސްލިމް އުންމަތެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިޖުތިމާއީ އެއްބައި ވަންތަކަމެވެ. ތަފާތު ނުކުރުމެވެ. ވަކި ނަސްލަކަށް ވަކި ވަންހަޔަކަށް ނިސްބަތްވުމަކުން މާތްކަމެއް ލިބިގެން ނުވާކަމެވެ. އިސްލާމް ދީން ދަސްކޮށްދެނީ އިންސާނީ ކަރާމާތެވެ. 

ގައުމިއްޔަތުގެ ފިކުރަކީ ތިމާމެންގެ ތެރެއިން ނުވާ ކޮންމެ މީހަކީ އަދުއްވެއް ކަމުގައި ބެލުމުގެ ފިކުރެވެ. ވަކިވަކި ހާއްސަ ސަހުސިއްޔަތަކީ މާ މުގައްދަސް މާ އަބުއި މީހަކަށް ހެދުމުގެ ފިކުރެވެ. ހޮދުމުހުތާރު ކަމާއި ވަކި މީހެއްގެ ވިދާޅުބަސްފުޅު ނޫން އަޑެއް ނޭހުމުގެ ފިކުރެވެ. ހައްގަކީ ހަމައެކަނި ތިމާމެން ގަބޫލުކުރާ ގޮތްކަމުގައި ހެދުމުގެ ފިކުރެވެ. މިއީ ތާރީހު ދައްކާ ހަގީގަތެވެ.

ބަވަނަވެތި ދުނިޔޭގައި ބައިބައިވުން އުފެދޭ ފިކުރުތައް ކުރިއެރުވުމުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. ގައުމިއްޔަތުގެ ފިކުރު ތިމާމެންގެ ޖަމާއަތް ނުވަތަ ގައުމަކީ، އެހެން ގައުމުތަކަށްވުރެ މަތިވެރި ބައެއް ކަމުގައި ގަބޫލު ކުރުވައެވެ. ގައުމިއްޔަތު ބާރުއަޅަނީ ޖަމާއަތުން ވަކިވެގަނެ ބޮޑާކަން އަށަގެންނެވުމަށެވެ. ތިމާމެންގެ ޖަމާއަތަށް ނުވަތަ ގައުމަށް ނިސްބަތް ނުވާ ކޮންމެ މީހަކާ ނުވަތަ ބަޔަކީ ތިމާމެންގެ ތެރެއިން ވާބައެއް ކަމަށް ގައުމިއްޔަތުގެ ވިސްނުމުގައި ބަލައެއް ނުގަނެއެވެ. ގައުމިއްޔަތުގައި ތިމާމެންގެ ގައުމަށް ނިސްބަތްނުވާ ކޮންމެ ބަޔަކާ ކުދިކުދި ކަންކަމުގައިވެސް ދެބަސްވެ މަވެތިކަން ބޮޑުކުރެއެވެ.

ގައުމިއްޔަތުގައި ހުރިހާ މޮޅެއް ތިމާމެންނަށް އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރެއެވެ. ހާއްސަކޮށް ތިމާމެންގެ ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަކީ މާ ދަށްބައެއް ކަމަށް ބަލައެވެ. އެމީހުންގެ މައްޗަށް އަނިޔާވެރިކަން އިސްކުރުމާއި، ތަފާތު ކުރުން އިސްކުރެއެވެ. ތަފާތު ނަސްލުތަކާއި ތަފާތު ވިސްނުމުގެ މީހުންނާ އެކުވެރި އުޅުމުގެ ވިސްނުން ޅަފަތުގައި ސިނކުޑިތަކުން ނެރެލައެވެ. 

ގައުމިއްޔަތަކީ ޔަހޫދީ ވިސްނުމެކެވެ. ޔަހޫދީން ގަބޫލުކުރާ ގޮތުގައި ޔަހޫދީން ނޫން އެންމެންނަކީ ދެވަނަ ދަރަޖައިގެ އިންސާނުންނެވެ. އެހެން އެންމެންނަކީ ޔަހޫދީންގެ އަޅުން ކަމަށް އެމީހުން ދެކެއެވެ. ގައުމިއްޔަތު ކުރިއަރުވާ ހުރިހާ މުޖުތަމައަކުންވެސް އެސިފަ ފާޅުކޮށް ފެންނަން އޮވެއެވެ. 

ވިސްނުމާއި ސުވާލު ކުރުމަށް ހުރަސް އެޅުމަކީވެސް ގައުމިއްޔަތުގެ ސިފައެކެވެ. ތައުލީމީ ރޮނގުން ކުރިއަރާ ދިޔުމަށް ބޭނުންވާ ކްރިޓިކަލް ވިސްނުމާއި ސުވާލު ކުރުން ގައުމިއްޔަތުގެ ވިސްނުމުން ހުއްޓުވައެވެ. ވަކި ފިކުރެއް ނޫން ހުރިހާ ފިކުރެއް ގޯސްކަމަށް ނިންމައެވެ. ކަންކަން ހޯދައި ބެލުމަށް ހުރަސް އެޅެއެވެ. ފިކުރުކުރުމާއި، ވިސްނައިގެން ކަންކަން ކުރުން ހުއްޓުވުމަށް ކުދިންގެ ސިކުނޑިތައް ތަޅުލައެވެ. ގައުމީ ލޯބީގެ ނަމުގައި ވެރިމީހާ ދެކެވާ ކަނު ލޯތްބާއި ހައްދެއް ނެތް ވަފާތެރިކަމުން ވެރިމީހާއަށް ކަލާނގެވަންތަކަށް ދޭވަރަށް ކުދިންގެ ސިކުނޑިތައް ތަގައްޔަރު ކޮއްލައެވެ. 

ގައުމިއްޔަތު ކިޔަވާ ދިނުމަށްވުރެ ތަފާތު ސަގާފަތްތައް ދެނެގަތުމާއި ތަފާތު ވިސްނުމުގެ މީހުންނާއެކު އިސްލާމީ އަގީދާގައި ސާބިތުވެ ހުރެވޭނޭ ގޮތަށް އުގަންނާ ދިނުން ބައްޓަން ކުރުން މާ މުހިންމެވެ. ސުލްހަވެރިކަމާއި އެއްބައިވަންތަކަމުގައި ތަފާތުނުކޮށް އިންސާނީ ކަރާމާތް ނަގަހައްޓަމުން ކެތްތެރިކަން (ޓޮލަރަންސް) އިސްކޮށްގެން އުޅެން ދަރިވަރުންނަށް ދަސްކޮށްދިނުން މާ ބުއްދިވެރިއެވެ. 

ރިވެތި އާދަތައް އުނގަންނައި ދޭނަމަ، އުގަންނައި ދޭންވީ އިސްލާމީ ރިވެތި އާދަތަކެވެ. އިސްލާމީ މަންހައްޖު ފުޅާކޮށް، އެކުވެރި ކަމާއި، އެއްބައިވަންތަކަމާއި، އަވަށްޓެރިންނަށް ކަމޭ ހިތުމުގައި ދީނުގައި ހުރި ސަވާބާއި ހެޔޮ ދަރުމައިގެ އުފާވެރި ހަބަރުތަކުން ދަރިވަރުންގެ އިސްލާމީ ތަރަހަ ވަރުގަދަކުރުމެވެ. ކުރަންވީ ކަމަކީ އީސްލާމީ އީމާން ކަން އިތުރުކޮށް، ދުނިޔެ އަށް ލޯހުޅުވޭ، އެހެނިހެން ފިކުރުތަކުގެ މައްޗަށް ކެތްތެރިކަން އިސްކުރާ، އުފެއްދުންތެރި، އޯގާތެރި ރައްޔިތެއް އުފެއްދުމުގެ މަސައްކަތެވެ. ގައުމިއްޔަތުގެ ނަމުގައި ޅަދަރީންގެ ސިކުނޑިތައް ތަޅުލުމެއް ނޫނެވެ.