ލޭނުއެޅުން ހުއްދަނުކުރެވުމުގެ ރުޅި ކަންނެލި މަސްވެރިންނަށް
ލޭނުއަޅަން ހުއްދަ ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް މުއިއްޒު ވެރިކަމާ ހަވާލުވުމާއެކު ކުރިއެވެ. ލޭނު އަޅައިގެން ނެގެން އޮތް ބޮޑު ފައިދާގެ ވާހަކަވެސް ދެއްކިއެވެ. އުސޫލު އެކުލަވާލާއި ގަވައިދު އާއްމުކުރިއެވެ. އެތައް ޒަމާނެއް ވަންދެން ރާއްޖޭގައި ލޭނއެޅުން މަނާކޮށްފައި އޮތް އޮތުން ބަދަލުކޮށް ލޭނުއަޅަން ހުއްދަދޭން ނިންމާ ހުއްދަދޭނެ ދުވަސް ވެސް އިއުލާނުކުރިއެވެ.
ލޭނު އެޅުން ހުއްދަކުރުމުގެ މަސައްކަތުގައި އަވަދިނެތި އިސްކޮށް އުޅުއްވީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްއެވެ. ޝިޔާމް އެހާ ބުރަކޮށް އެ މަސައްކަތް ކުރައްވާ ނިންމެވިތަނާ ލޭނުއަޅަން ހުއްދަ ނުދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުން ވެގެންދިޔައީ ޝިޔާމްގެ ކަންކަށިމަތީގައި އަޅާލި ތަފާލަކަށެވެ. ސިވިލް ސޮސައިޓީގެ ކަންބޮޑުވުންތަކާއި ފިއްތުމާހުރެ ލޭނުއަޅަން ހުއްދަ ނުދޭން ރައީސް ނިންމެވި ނިންމެވުން ޝިޔާމަށް ހަޖަމު ކުރެއްވުނު ކަމަކަށް ނުވިއެވެ.
ބޮޑުކަންނެލި މަސްވެރިން ބުނާ ގޮތުގައި ކަންނެލި މަސްވެރިންނަށް ސަރުކާރުން ފިއްތާ ފިއްތުމަކީ ލޭނުއަޅަން ހުއްދަ ނުދެވިގެން ފިއްތާ ފިއްތުމެކެވެ. އެކަމާ ވަޒީރު ޝިޔާމް ކަންނެލި މަސްވެރިންދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫންކަމަށް ކަންނެލި މަސްވެރިންގެ ބައެއެް މީހުން ބުނެއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް، ވިދާޅުވާ ގޮތުގައި މިނިސްޓަރ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވާށެވެ. ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސް ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް ވިދާޅުވިއެވެ.
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް އިމްރާން ވިދާޅުވާގޮތުގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ކުރައްވާ މަސައްކަތަކީ ހުރިހާ ކަންނެލި މަސްވެރިކަން ކުރާ ދޯނިތައް ހުއްޓުވާލައިފައި ލޯންގްލޭނަށް ދާން ކުރައްވާ މަސައްކަތެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް ލޭނުއެޅުން ހުއްދަ ކުރާނެކަމަށް ބޮޑުކަންނެލި މަސވެރިންނާ ދިމާލަށް މިނިސްޓަރު ވިދާޅުވެފައި އޮތުމުން ބޮޑުކަންނެލި މަސވެރިންކަން ނައްތާލަން ވަޒީރު މަސައްކަތް ކުރައްވާކަމަށް ގަބުލުކުރެވޭތީ ވަޒީރު ޝީޔާމް އިސްތިއުފާ ދެއްވުމަށް ބޮޑުކަންނެލި މަސވެރިން ގޮވާލައެވެ.



