މުއިއްޒުގެ ފުރަތަމަ ރިޔާސީބަޔާން އިއްވާނީ އަސްލަމްގެ ރިޔާސަތުގަ: ހުސައިން

ގާނޫނީ އެއްވެސް ހުރަހެއް ނެތް: އުސްތާޒާ ހިސާން

މުއިއްޒުގެ ފުރަތަމަ ރިޔާސީބަޔާން އިއްވާނީ އަސްލަމްގެ ރިޔާސަތުގަ: ހުސައިން

ރައީސް މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާގެ ރިޔާސަތުގައި އިންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރ ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ. ހުސައިން އެހެން ވިދާޅުވީ  މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބު ރައީސް އަހުމަދު ސަލީމު ނޫން އެހެން މެންބަރަކަށް ރިޔާސަތު ހަވާލުކުރުމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ގޮވާލެއްވުމާ ގުޅިގެން ހީރަސް ނިއުސްއިން ދެންނެވި ސުވާލަކާ ގުޅިގެންނެވެ.

މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ކުރެއްވި އެކްސްއެއްގައި ގޮވާލައްވައިފައި ވަނީ، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލިހަށް ވެއްދުމާ އެކުގައި، ނަޝީދު ވެސް ރިޔާސަތުން ދުރަށް ޖެހިވަޑައިގެންނެވި ކަމަށާއި، މާދަމާގެ މަޖިލިހުގެ ރިޔާސަތު ރައީސް އަސްލަމާއި ނައިބު ރައީސް ސަލީމްގެ ބަދަލުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންނާ ހަވާލުކޮށް ދެއްވުމަށެވެ. 

ސަރުކާރަށް ތާއީދުކުރާ 23 މެންބަރުން ސޮއިކުރައްވާ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނައިބުރައީސް އަހުމަދު ސަލީމުގެ އިތުބާރު ނެތްކަމަށް މަޖިލީހުގެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. އެކަމުގެ ނޯޓިސް އެބޭފުޅުންނަށް ފޮނުވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. 

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ހުށަހެޅުމެއް އޮތް ކަމުގައި ވިޔަސް އެ ބޭފުޅެއްގެ އިތުބާރު ނެތްކަމުގެ ވޯޓުނެގުމުގެ ޖަލްސާ ނޫން އެއްވެސް ޖަލްސާއެއްގެ ރިޔާސަތު ރައީސާއި ނައިބު ރައީސް ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވިދާޅުވެއެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޒާ ހިސާން ހުސައިން ވެސް ވިދާޅުވަނީ މާދަމާގެ ޖަލްސާގެ ރިޔާސަތު ރައީސް އަސްލަމު ބެލެހެއްޓެވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށެވެ. 

އުސްތާޒާ ހިސާން ވިދާޅުވި ގޮތުގައި މަޖިލީހުގެ ކުރީގެ ރައީސް، ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅުމުން ދުވަސް ކޮޅަކަށް ރިޔާސަތުން ތަނާޒުލްވެ ވަޑައިގަތުމަށް ފަހުވެސް އިތުބާރުނެތް ކަމުގެ ގަރާރު މަޖިލީހުގައި އޮއްވާ، އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ކުރިން ރައީސް ނަޝީދު ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާފައިވެއެވެ.

މެންބަރު ހުސައިން ޝަހީމް ވިދާޅުވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ފާޅު އެ ކުރައްވަނީ އެ މަނިކުފާނުގެ އަމިއްލަފުޅު ރައުޔު ކަމަށެވެ. ޓޮމްގެ އެ ވާހަކަފުޅަކީ މަޖިލީހުގެ ގަވައިދާއި އެއްވެސް އިޖުރާތަކާ ގުޅުމެއް ނެތް ވާހަކަފުޅެއް ކަމަށް ހުސައިން ވިދާޅުވިއެވެ.