ރައީސް ނަޝީދު އިސްތިއުފާ
އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވި
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށް އެ މަގާމުން ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
އޭގެ އިތުރުން ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާގެ އިތުބާރު ނެތްކަމަށް ވެސް ވަނީ ހުށަހަޅާފައެވެ.
މިއަދު 16:00 ގައި ފެށި ޖަލްސާގެ ރިޔާސަތުގައި އިންނެވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެވެ. އެ ޖަލްސާގައި ނަޝީދުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވިއިރު އެމަނިކުފާނު ވެސް ވަނީ އެ ސިޓީ ފޮނުއްވިކަން ތަޅުމުގައި ކަށަވަރު ކޮށްދެއްވާފަ އެވެ.