އިހުމާލެއްކަމަށް މުއްތޮލިބު ސިފަކުރީ ރަށްރަށުގެ ފެނާ ނަރުދަމާ!

ކަމިޝަން ވަޒީރުންނަށް ފެނަކަ ނާގާބިލުވާނެ!

އިހުމާލެއްކަމަށް މުއްތޮލިބު ސިފަކުރީ ރަށްރަށުގެ ފެނާ ނަރުދަމާ!

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި މުއިއްޒު ސަރުކާރުން މުއްތޮލިބުމެން އަސާސީ ހިދުމަތުގެ ހުރިހާ މަޝްރޫއުއެއް ވަނީ ހުއްޓުވާލާފައެވެ. މ. އަތޮޅު ރަތްމަންދޫގެ މަސައްކަތް އެކަންޏެއް ނޫނެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތުގެ %26 ޕަސެންޓް މަސައްކަތް ކުރީ ސަރުކާރުން ނިންމާފައި އޮތް ކަމަށް މުއްތޮލިބު އެއްބަސްވާކަން ރަނގަޅެވެ. ރަތްމަންދޫގެ ފެނާ ނަރުދަމާގެ މަސައްކަތް ކުރިވަރަކަށްކުރީ ކުރީ ސަރުކާރުގައި ފެނަކައިންނެވެ.

މުއްތޮލިބޫއެވެ. ރާއްޖޭގެ އެތައް ރަށެއްގައި ފެނަކައިން ފެނާ ނަރުދަމާ ނިޒާމް ގާއިމުކޮށް ނިންމާ ހިދުމަތް ދެމުން އެގެންދަނީ ފެނަކައިގައި އެ ގާބިލުކަން ނެތީމާ ހެއްޔެވެ. ފެނަކައިގައި ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އުޅެގެން އެކަން ނުވެއޮތީ ކަމަށް ބިނާރު ވަޒީރު ބުނާތީ އަންނަނީ ހިންޏެވެ.

ދުނިޔެ ހެއްދެވީއްސުރެ އައިހާ ސަރުކާރު ތަކުން ފެނާ ނަރުދަމާގެ ހިދުމަތް ހައެއްކަ ރަށެއްގައި ނޫނީ އޮތީ ގާއިމު ކޮށް ނުދިއެވެ. ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ނިޒާމު ހިދުމަތް އެއްފަހަރާ މުޅިރާއްޖޭގައި ގާއިމުކޮށް ދިނުމުގެ މަސައްކަތް ރައީސް އިބޫ ސަރުކާރުން ފެށިއެވެ. އެވެރިކަމުގައި އެތައް ރަށެއްގެ މަސައްކަތް ނިންމާ ހިދުމަތް ދޭން ފެށިއެވެ. ފެށި ބައެއް މަސައްކަތް ވެރިކަން ބަދަލުވީއިރު ހުރީ ނިމުމަކާ ކައިރީގައެވެ. ބައެއް މަސައްކަތް އެކިކަހަލަ ސަބަބުތަކާހުރެ ކުރިއަށް ނުކަނޑާވެސް ހުއްޓެވެ. ކުރިއަށް ނުގޮސް އޮތްކަމެއް ކުރިއަށް ނުގޮސް އޮތީ ހަމައެކަނި ފެނަކައިގެ މައްސަލައަކުން ނޫނެވެ. 

ކުޑަރަށެއް ބޮޑުރަށެއް ނުބަލާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށްވުރެ ބޮޑު އެއްވެސް އިހުމާލެއް މުއިއްޒު ސަރުކާރުގެ ބިނާރު ވަޒީރަކަށް ނުފެނުނެވެ. ފެނަކައަކީ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމު ކޮށްދެވޭ ވަރަށް ވުރެ ނާގާބިލު ކުންފުންޏެއް ކަމަށް ވަޒީރު ބުނާއިރު އެކުންފުނިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކެއް ނުފެނެއެވެ. 

ފެނަކައަކީ ގާބިލުނޫން ކުންފުންޏެއް ނަމަ ރާއްޖޭގެ ކަންކޮޅުތަކުގައި ފެނަކައިން ކޮށްނިންމާފައިވާ މަސައްކަތްތަކާ ދެމުންދާ ހިދުމަތްތަކެއް އެހެނެއް ނުހުންނާނެއެވެ. ތަރުތީބަކުން ހިނގަމުން އައި ކުންފުންޏެއްގައި ހިފަހައްޓަމަުން އައި އުސޫލުތަކާއި ކުރަމުން އައި ގޮތް ކުއްލިޔަކަށް ބަދަލު ކޮށްލުމަކީ ކުރަން ހަވާލުވާ ބައެއްގެ ނާގާބިލުކަމެވެ. ވިސްނުންތެރި ކަމާއެކު ހަގީގަތާ ކުރިމަތި ލައިގެން ހިދުމަތްދޭން ނޭނގޭވަރުގެ ބަޔަކު ކަންކަމާ ހަވާލުވުމަކީ ފެނަކައިގެ ނުވަތަ ސަރުކާރުގެ މަސްސަލައެއް ނޫނެވެ.  

އެރަށަކުން އެރަށެއްގެ މަސައްކަތަށް މީހުން ހޯދައިގެން ވަޒީފާ ދީގެން ރަށުގެ ނަރުދަމާއާއި ފެނުގެ ހިދުމަތް ގާއިމުކުރުވުމަކީ ބޮޑުއަގުގައި ބިޑްކޮށްގެން މަސައްކަތް ކުރުމަށްވުރެ ކުންފުނީގެ އަމިއްލަ ކަންކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން އިތުރުވާނެކަމެކެވެ. ރަށްރަށުގައި ވަޒީފާގެ ފުރުސަތު އިތުރުވެ ބޭރު ލޭބަރުން މަދުކުރެވޭނެ ކަމެކެވެ. ދިވެހިންގެ އެތައް ބަޔަކަށް ފެނާ ނަރުދަމާ އެޅުމުގެ އަމަލީ ތަޖުރިބާ ލިބިގެން ދާނެކަމެކެވެ.

ކުންފުނީގެ މުއައްޒަފުންގެ އާއްމު މަސައްކަތެއްގެ ގޮތުގައި ރަށްރަށުގެ ފެނާ ނަރުދަމާއެޅުމުގެ މަސައްކަތް ކުރުވުމުން އެކަމަށްޓަކާ ކުންފުނީގެ މާލިއްޔަތުން ގަނޑުކޮށް ހޭދަވާފައިސާ ހަރަދުކުރުން ހުއްޓުވޭނެއެވެ. ކުރީ ސަރުކާރުން ފެނަކަލައްވާ ފެނާ ނަރުދަމާގެ ހިދުމަތް ގާއިމުކުރުވީ ބުނެވިދިޔަ ކަހަލަ އެތައް ފައިދާއަކަށްޓަކައެވެ. ބައިއަޅައިގެން ބިޑްގެ ކަމިޝަން ހޯދަން ބޭނުންވަންޏާ މުއްތޮލިބުމެނަށް ފެނަކައަކީ ގާބިލު ކުންފުންޏަކަށް ނުވާނެއެވެ.    

ކަންކަން ނުނިމި އޮތް ވާހަކަ ދައްކަނީ ފަށަފައި އޮތީމާތާއެވެ. ނުފަށާކަމެއް ނުނިމޭ ވާހަކައެއް ނުދައްކާނެއެވެ. ރައްޔިތުންގެ ހެވާ ލާބައަށް ފަށާފައި ހުންނަ ކަންކަން އޮތް ހިސާބަކުން ކުރިއަށް ގެންގޮސް ނިންމުމަކީ ހަވާލުވާ ބައެއްގެ ކަމެކެވެ. ހުއްޓިފާ އޮތަސް ހިނގަހިނގާ އޮތަސް އެކަމެއްކޮށް ނިންމުމަކީ ސަރުކާރު ހިންގަން ހަވާލުވާ ބަޔަކު ކުރަންޖެހޭ ކަމެކެވެ.