މަރުވި މީހާއަށްވުރެ މަރާލިމީހާ ދިރިހުރުމުގެ ހައްގުބޮޑު

މީހަކު މެރި މީހަކަށް ދިރިހުރުމުގެ ހައްގަކީ ލިބިދެވޭނެ ހައްގެއް ނޫން

މަރުވި މީހާއަށްވުރެ މަރާލިމީހާ ދިރިހުރުމުގެ ހައްގުބޮޑު
ކުޑަ ކުއްޖަކު މަރާލުމަށް ފަހު ކުށް ސާބިތުވުމުން މަރަށް މަރު ނުހިފުނެވެ. 2015 ވަނަ އަހަރު އައިޖީއެމްއެޗު ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު މަރާލީ އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެކެވެ. ކުޑަ ކުއްޖާ މަރާލި 18 އަހަރު ނުފުރޭ ކުއްޖާގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުވުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރަން ހުށަހެޅީ ކުށް ސާބިތުވި 18 ނުފުރޭ ކުއްޖާއަށް 19 އަހަރު ވީފަހުންނެވެ.
ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާގެ (ނ) އިސްތިސްނާގެ ގޮތުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ކުށްކުރި ހިނދުގައި 18 އަހަރު ފުރިހަމަނުވާ ކުދިންގެ ތެރެއިން، ގާނޫނުލް އުގޫބާތުގެ 53 މާއްދާގެ (ހ) އާއި (ށ) ގެ ދަށުން މައާފު ލިބެނިވި ދިފާއުގެ ފައިދާ ލިބިގެންވާ ކުދިން ވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށްތަކަށް ކުށުގެ ޒިންމާ ނަގަންޖެހެއެވެ. މިފަދަ ކުށްތަކަށް އެކުއްޖެއްގެ މައްޗަށް އަދަބު ކަނޑައަޅަން ވާނީ އެ ކުއްޖެއްގެ އުމުރުން 18 އަހަރު ފުރިހަމަ ވުމަށް ފަހުގައެވެ.
29 މާޗު 2015 ވަނަ ދުވަހުގެ 3:13 ހާއިރު، އައިޖީއެމްއެޗު ސަރަހައްދުގައި ކުޑަކުއްޖަކު މަރާލި 18 ނުފުރޭ ކުއްޖާގެ މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން ނިންމީ އޭނާގެ އުމުރުން 24 އަހަރުވީ ފަހުންނެވެ. މައްސަލަ އިސްތިއުނާފް ނިމިގެން ދިޔައީ އަލަށް އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތަށެވެ. އަލަށް އަމަލު ކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނަނީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާ ޝަރީއަތުން ސާބިތު ވެފައިވާ ކުށަކަށް މަރުގެ އަދަބު ނުދެވޭނެ ކަމަށެެވެ.
 ތޫނު އެއްޗަކުން ހަމަލާދީގެން މަރުވެދިޔަ ކުޑަކުއްޖާގެ ފުރާނައިގެ އަގަށްވުރެ ބޮޑުވެގެން ދިޔައީ މަރުގެ ހަމަލާ ދިން ކުއްޖާގެ ފުރާނައެވެ. ހައިކޯޓުގެ ނިންމުން އައީ އަނިޔާ ލިބުނު ކުއްޖާގެ ވާރިސުން ބޭނުން ވަނީ އަނިޔާ ލިބުނު ކުއްޖާ މަރާލި ބައެއްގެ ކިބައިން ގިސާސް ހިފުން ކަމުގައި ވިޔަސް މައްސަލަ ރައްދުވާ ކުއްޖާ އަކީ ކުށް ކުރިއިރު 18 އަހަރު ނުފުރޭ ކުއްޖެއް ކަމުން ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މިހާރު މައްސަލަ ރައްދުވާ ކުއްޖާގެ ކިބައިން ގިސާސް ހިފޭން ނެތް ކަމަށެވެ.
ހައިކޯޓުގެ އެނިންމުމާ ގުޅިގެން އެނގި ކަށަވަރުވީ އަނިޔާވެރިކަމާއެކު މަރާލައިގެން މަރުވެ ދިޔަ ކުއްޖާގެ ދިރި ހުރުމުގެ ހައްގަށްވުރެ އެކުއްޖާ މަރާލި ކުއްޖާ ދިރި ހުރުމުގެ ހައްގު މާބޮޑުކަމެވެ. ގާނޫނުތައް ވަކި ގޮތަކަށް ބައްޓަންވެފައި ހުރުމުން ހުކުމް ކުރާން ތިބޭ ފަނޑިޔާރުންނަށް ވެސް ހުކުމް ކުރުމުގައި އެހެން ގޮތެއް ނެތޭ ބުނާ ކަހަލައެވެ.
މައްސަލާގައި ފަނޑިޔާރަކު ފާޅުކުރި އޭނާގެ ރައުޔުގައި ބުނެފައިވެއެވެ. " އޭނާ ( ގަތުލުވެ ދިޔަކުއްޖާ) މިއަދު އެ ވަނީ ގާތިލެއްގެ ޝިކާރަކަށްވެ މަރުވެގެން ގޮސްފައެވެ. ވީމާ، ދައުވާ ލިބޭ ފަރާތުގެ މައްޗަށް ދައުވާގައި ބަޔާން ކުރާ ކުއްޖާ މެރިކަމުގެ ކުށް ސާބިތުވުމުން ދިރިހުރުމުގެ ހައްގަކީ ޝަރުއީ އަދި ދުސްތޫރީ ހަމައަކުން ވެސް އޭނާއަށް ލިބިދެވޭނެ ހައްގެއް ނޫނެވެ. ވީމާ، ދިރިހުރުމުގެ ހައްގުގެ ވާހަކަ ދައްކަން ޖެހެނީ، މަރާލެވުނު މީހާއަށް ވެސް އެ ހައްގު ހަމަ އެ މިންވަރަށް އޮތްކަން ވިސްނުމުގައި ބަހައްޓައިގެން ކަމަށް ދެކެމެވެ." އިސްވެ ދިޔަ ކަންކަން ފަނޑިޔާރުންނަށް ފާހަގަ ކުރެވޭ އިރު އެއާއި ހިލާފަށް ހުކުމް ކުރެވޭނީ އިސްލާމީ ޝަރީއަތާ ހިލާފަށް ހެދިފައި ހުންނަ ގާނޫނުތަކުން ބަނދެވިފައި ތިބެގެންނެވެ.