މުއިއްޒަށް: އަމިއްލައަށް ތިޔައުޅެނީ ވެރިކަން ވައްޓާލަން

މުއިއްޒަށް: އަމިއްލައަށް ތިޔައުޅެނީ ވެރިކަން ވައްޓާލަން
ފައިލް ފޮޓޯ

ފައިހަރުނުލައިގެން ސަރުކާރެއް ވެއްޓެން ވީމާ ލައްކަ ކަންކަން ހިނގައެެވެ. ގައުމެއްގެ ވެރިންގެ ހާލަތު އެހިސާބަށް ދިޔުމުން ސަރުކާރަށް ނިސްބަތްވާ މީހަކަށް ނޫނީ ހުއްދަ ހަލާލު ކަމެއް ކުރެވޭ ކަމަކަށް ނުވާނެއެވެ. ފޮޓޯއެއް ނެގުން ކީއްކުރަން ހެއްޔެވެ. މީހަކާ ދިމާލަށް ބަލާލެވޭ ގޮތަކުންވެސް މީހުން ކުށްވެރިވާން ފަށާނެއެވެ.

ރުހުން ނެތް މީހަކަށް ގާނޫނުގެ ކޮންމެވެސް ގޮޅިއަކަށް ނުފެތޭ ގޮތަކަށް ފިޔަވަޅެއްވެސް އެޅޭކަމަކަށް އޭރަކުން ނުވާނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން ވެރިންނާ ތަފާތު ހިޔާލުގެ މީހުން ހިފާ ހައްޔަރު ކުރުން ގިނަވާނެއެވެ. 

ހަމަމަގަށް އެޅުވުމުގެ ނަމުގައި އުސޫލުތައް ހަރުކަށިވެ ވަކި ބައެއްގެ މުއްޕަތުން ނޫނީ އެކަކަށް އެއްކަމެއްވެސް ނުކުރެވޭ ހިސާބަށް ކަންކަން ދުއްވާލައެވެ. ވެރިކަމުގެ ބާރުން ބާރުލިބިގެން އުޅޭ ހައްދު ފަހަނައެޅި ބަޔަކު ލައްވާ މީހުނަށް ބިރުދެއްކުމާއި މަރުގެ އިންޒާރުތައް ދިނުން އާއްމުވާނެއެވެ. 

ކައުންޓަރ ޓެރެރިޒަމާއި އެ ނޫންވެސް ބިރުވެރި ނަން ނަމުގައި އާއްމުންގެ ތެރޭގައި ސިފައިންނާއި ފުލުހުން ހިންގާ އޮޕަރޭޝަންތައް ގިނަވާނެއެވެ. އާއްމު ބޮޑު ހައްޔަރު ކުރުމަކަށް ދިއުމަށްޓަކައި ވެރިކަމުގެ ފަރާތުން ބަޔަކު ނެރެ އަނިޔާވެރި ނޭއްގާނި އަމަލުތައް ހިންގުވާ އަމަން ނަގާލައި ކުއްލި ނުރައްކަލުގެ ހާލަތަށް ގައުމު ވައްޓާލާނެއެވެ. 

ގައުމުގައި ހިންގާ ހުރިހާ ނޭއްގާނި ކަމެއް އާހިރުގައި ފޫޅުކަނޑާނީ ވާދަވެރިންނަށެވެ. ހައްޔަރުވެ އަނިޔާ ލިބެނީ ކަމާއި ގުޅުމެއް ނެތް އެތައް ބަޔަކަށެވެ.

ރާއްޖެވެސް ފަތުއަޑު ކިޔާފައި ވެއްޓެން ދާތަން މި ފެންނަނީ އެ ހާލަތަށެވެ. ރައްޔިތުންގެ އާއްމު ހާލަތު އިންތިހާ ދަރަޖައަށް ދަށަށް ވެއްޓި، ދަރަނިވެރިކަން ބޮޑުވެ، އިގުތިސޯދީ ދަތިކަމެއްގެ ތެރޭގައި ރައްޔިތުންނާއި ސަރުކާރު ވަނީ އިނދަޖެހިފައެވެ. މިކަހަލަ ހާލަތަކަށް ގައުމު ގޮސްފައިވާއިރު އެކަންކަން ހައްލު ކުރުމަށްވުރެ ދުލާއި ގަލަމުގެ މިނިވަކަން ހަނިކުރަން އުޅުން ސަރުކާރަށް މުހިންމު ވުމުން ނުވެނުދާނެ ހުރިހާ ގޮތެއް ވަމުން އަންނަތަން ސަރުކާރަކަށް ނުފެނެއެވެ.

އެންމެފަހުން އެޔެއް މިޔެއް ނުބަލާ އެ މީހަކަށް ޖެހުނުތާކުން ނިކުމެ ޖެހުނު ކަމެއްކޮށް ވެރިކަން ވައްޓާލަންދެން ނުބައި ނުލަފާކަން ދެއްކުމުގައި ތިބެއްޖެނަމަ ނަގާފާނެ ރާޅެއްގެ ބޮޑުކަން ސަރުކާރަށް ނުވިސްނޭތީ ދެރައެވެ. ހެޔޮވިސްނި ގަދަކަން ދެއްކުން ހުއްޓާނުލާ  ނުބައި ނުލަފާކަން ދެއްކުމުގައި ދެމިތިބިގެން ސަރުކާރަށާއި ރައްޔިތުންނަށާއި ގައުމަށް ވާނެ އެއްވެސް މޮޅެއް ނެތެވެ.