ރާއްޖެއޮތީ އިންޑިއާގެ ބެކްޔާރޑްގައި ނޫންކަން މޯދީއަށް މުއިއްޒު ދައްކާލާނެ!

ރާއްޖެއޮތީ އިންޑިއާގެ ބެކްޔާރޑްގައި ނޫންކަން މޯދީއަށް މުއިއްޒު ދައްކާލާނެ!

މުއިއްޒު ވެރިކަމަށް އައީ އެއްގައުމަކަށް ރާއްޖޭން ބަރޯސާވެފައި އޮންނަ އޮތުން ނިންމާށެވެ. ބިހާއި ތަރުކާރީއާއި އަލުއްވާއި ފިޔާ އިންޑިއާއިން ގެންނަ ބެނައުން ޕާކިސްތާނު ފަދަ ގައުމުތަކުން ވެސް އެތެރެކުރެވޭ ގޮތަށް ބަދަލުކުރާށެވެ. ކާޑްގެ ބާވަތްތަކުގެ ޝިޕްމަންޓްތައް ތުރުކީން ވެސް ގެންނުވާށެވެ. ބޭސްވަރުވާއަށް އިންޑިއާ ހާއްސަވެފައި އޮތް އޮތުން ބެންކޮކާއި ދުބާއީން ވެސް އާސަންދަ ދޭށެވެ. 

މުއިއްޒު ވެރިކަމަށް އައީ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޮނިއާ ބޯޓުގައި ރެސްކިއު އޮޕަރޭޝަންތައް ހުއްޓުވުމަށެވެ. ތުރުކީން ޑްރޯން ގަނެ އެމްއެންޑީއެފްގައި އެއަފޯސް ހަދާ އިންޑިއާގެ ހެލްކޮޕްޓަރާއި ޑޮނިއާ ބޯޓުގައި ސަރަހައްދު ބެލެހެއްޓުން ހުއްޓުވުމަށެވެ. އެއަރ އެމްބިއުލަންސް ގާއިމުކޮށް އިންޑިއާގެ ހެލްކޮޕްޓަރުގައި އިމަޖެންސީ ބަލިމީހުން އުފުލުން ހުއްޓުވުމަށެވެ. 

މުއިއްޒު ވެރިކަމަށް އައީ ސިޔާދަތުގެ ފަލަ ރޮނގުގެ އެތެރޭގައި ބޭރުގެ ސިފައިންގެ މީހެއްގެ ބޫޓު ކިޔަބައެއްވެސް ހުއްޓަ ނުދީ އިންޑިއާ އައުޓުކުރުމަށެވެ. އަސްކަރީ ބޭސް ހަދައިގެން ރާއްޖޭގައި ތިބި ދޭހާހެއް ހާސިފައި ބޭރުކޮށް ރާއްޖެ އިންޑިއާގެ ކިބައިން މިންޖުކުރުމަށެވެ. އިންޑިއާއި އެކުވެފައިވާ އެއްބަސްވުންތައް ހާމަކޮށް އިންޑިއާގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫންކަން ސާބިތުކޮށް ދިނުމަށެވެ. 

މުއިއްޒު ވެރިކަމަށް އައި އެންމެ ބޮޑު ބޭނުން މުއިއްޒުގެ ވެރިކަމަށް އައިތާ ދެ އަހަރުނުވަނީސް ފުރިހަމަކޮށް ނިމިއްޖެއެވެ. ހުރިހާ މާނައެއްގައި އިންޑިއާ އައުޓްވެ ނިމިއްޖެއެވެ. ކުރިންވެސް އިންޑިއާ ސިފައިން ބޭނުންކުރި އިންޑިއާގެ ހެލްކޮޕްޓަރތަކާއި ޑޯނީއާ ބޯޓްދުއްވަން ޔުނީފޯމްނާޅާ އިންޑިއާ ސިފައިން ތިއްބަސް ސެނެހިޔާ ހޮސްޕިޓަލްގައި ޔުނީފޯމްއެޅި އިންޑިއާ ސިފައި ތިއްބަސް ބޫޓްކިބައެއް ވެސް ނުހުންނަ ވަރަށް މުއިއްޒު އިންޑިއާ އައުޓްކޮށްފިައެވެ. ސައިޒުން ބޮޑަސް މީހުން ގިނަޔަސް ރާއްޖެއަކީ އިންޑިއާއަށް ވުރެ ވަކީން ކުޑަގައުމެއް ނޫންކަން މުއިއްޒު ކަށަވަރުކޮށްފިއެވެ. 

ރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރ މޯދިޢަށް ދައުވަތު ދީގެން ގެނެސް ދައްކާލަން އެއުޅެނީ ރާއްޖޭގެ ފެންވަރާ ފަންވަރެވެ. ރާއްޖޭގެ ވައިގެ ބާރާއި ހަތިޔާރު ދައްކާލާނެއެވެ. އިންޑިއާއަކީ ރާއްޖެއާ ބްލީ ކުރެވޭވަރުގެ ބައެއް ނޫންކަން ދައްކާލާނެއެވެ. އެއްވެސް ގޮތަކަށް ރާއްޖެ އޮތީ އިންޑިއާގެ ބެކްވާޑްގައި ނޫންކަން މޯދީއަށް މިފަހަރު ދައްކާލާނެއެވެ.