އަންނި ދިވެހިންގެ ބޮލަށްޖަހާ މެގަ ޗިޕް
އަންނި ޖެހި ކޮންމެ ޗިޕަކުން އައްޑޫ މީހުނަށް ދިނީ ދޯކާ
ދިވެހިންގެ ބޮލަށް އެކި ފަހަރު އެކި ޗިޕްޖަހަން އަންނި ވަރަށް މަސައްކަތް ކޮށްފިއެވެ. ރައީސް މައުމޫނުގެ ދިގުވެރިކަން ނިންމަން ދިވެހިން ފެށި ދަތުރުގައި އަންނި ޖެހި ޗިޕްގެ ފައިދާ އަންނިއަށް ފިސާރި ރަނގަޅަށް ކުރިއެވެ. އެހާމެ ދެރަޔާއި ހިތާމަ ރައްޔިތުންނަށް އުފުލަން ޖެއްސިއެވެ.
ފުލުހުންގެ އުރުގައި ކޯޓަށް ދިޔައެވެ. ފައިވާން އަތަށް ލައިގެން މަޖީދީ މަގުގައި ދުވިއެވެ. ޖުމްހޫރީ މައިދާނުގައި ބަނޑު ބިންމަތީ ދެމެވުނެވެ. އެމްޑީޕީގެ މަސައްކަތަކީ "އަންނި ދޫކޮށްލާ" ގޮވަން މަގުމަތީގައި ތިބުން ކަމަށް ހެއްދިއެވެ. އިސްލާހީ ހަރަކާތުގެ މިލްކުވެރިކަން ހޯދާ މަންޑޭލާ ހެދިގެން ދިވެހި ތަހުތަށް ސަވާރުވީ ދިވެހިންގެ ބޮލަށް ނިކަން ރަނގަޅަށް ޗިޕް ޖަހއިގެންނެވެ.
ނުކުރާ އެތައް ކަމެއް ކުރިކަމަށްވެ ޑިމޮކްރަސީގެ ބަފަޔަށް ވިއެވެ. އިންސާނީ ހައްގުތަކުގެ އަމަޔަށް ވިއެވެ. ތިމާވެށީގެ ޗެންޕިއަނަށް ވިއެވެ. ފްލެޓް ދޮންބެއަށް ވިއެވެ. ނުބައި ނުލަފާކަން ދެއްކުމުގައި ސްޕްރީމް ކޯޓުގައި ތަޅު އަޅުވާ ފަނޑިޔާރަކު ރަހީނުކޮށް ހެދިހެން ކޮށްފައި ނުކުރާ އެއްވެސް ކަމެއް ނެތެވެ. އެހެނެއް ކަމަކު ދިވެހިން ގުނބޯ ހައްދައިގެން ހޯދި ވެރިކަމުން ކައްސަލައިގެންވެއްޓި މަގުމަތިވީ ގަންޖާބޯއަށް ވެގެންނެވެ. އަމިއްލައަށް ވެރިކަން ދޫކޮށްފައި ނިކުމެ ޖެހީ ހުޅެވެ. ހަތް އަހަރު އެމްޑީޕީ ބޭއްވީ މަގުމަތީގައެވެ. އޭރު ރައްޔިތުން ބޮލަށް ޗިޕް ޖަހައިގެން ގެންނަން އުޅުނު އަވަސް އިންތިހާބެއް ނުގެނެވުނެވެ. ކޮށިއަރައިގެން ދިން އިސްތިއުފާ ބަގާވާތަކަށް ނުވިއެވެ.
2013 ގެ ރިޔާސީ އިންތިހާބު ޗޮކުން ދިޔައީ ޖެހިހާ ޗިޕް ޗިޕަށް ނުވެ ފޭލިވެގެންނެވެ. 2018ގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ގޮނޑި ދުއްވަން އޮއްވާ އެމްޑީޕީ ރަނގަޅު ފިލާވަޅެއް ދިނެވެ. އަންނި ކިޔާހާ ލަވަޔަކަށް ނަށައިގެން މޮޅެއް ނެތްކަން އެމްޑީޕީ ދެނެގަނެ އުކުޅަހުގައި ލަވަ ބަދަލު ކުރިއެވެ. އަންނި އާއި ނުލާ އެމްޑީޕީއަށް ވެރިކަން އަނބުރާ ހޯދުނެވެ. ބަންދުން ވީއްލި އަންނި ހަށިފޮޅާ ލެވުމާއެކު ދެނެކާ ދެނެއް ނެތެވެ. އުކުޅަހުގެ ނިންމުން "އުކުޅަހު ބަގާވާތް" އަށް ހެދިއެވެ. ސަރުކާރަކީ އަންނިގެ ގޮނޑިކޮއްކޮ އަކަށް ހަދަން ފޫގެޅިއެވެ. އެކަމަށްޓަކާ ޗިޕަކަށް ފަހު ޗިޕެއް ޖަހަމުން ޖަހާހާ ޗިޕެއް އަތަށް ގޮއްވަމުން ގޮސް ޕާޓީ ގެއްލި އެންމެ ފަހުން ވާބުއި ކަށިކެޔޮ ވަކެއްހެން ގަސްބުޑަށް ގުޅައަކަށް ޖެހުނީއެވެ.
ދިވެހިންގެ ބޮލަށް ޖެހިހާ ޗިޕް ފޭލިވެ އެންމެ ފަހުން ޖަހާން އޮތް މެގަ ޗިޕްއަކީ އިލްޔާސް ލަބީބްއެވެ. ކޮންމެ ފަހަރަކު ވޯޓު ބައިކުރަން އައްޑޫ މީހުން ޅޮސް އުނދޯއްޔަށް ލުމަށް އެކިފަހަރު އެކި ޗިޕް ޖަހާ ބީދައިންނެވެ. 2008 ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ދައުރު މެދުތެރެއިން ހަސަން ސައީދަށް ވެރިކަން ދޭނެ ވާހަކަ ދެއްކިއެވެ. 2013 ގައި ރަނިންގ މޭޓަކަށް މުސްތޮފާ ލުތުފީ ލައިގެން އައްޑޫއަށް ވެރިކަން ހޯދާ ދޭން އުޅުނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން އަންނި ހޯދަން ހިތަދޫ މެންބަރ އަސްލަމް މަޖިލިސްގެ ރައީސް ކަމަށް ނެރުނެވެ. ތަކުރާރުކޮށް އަންނި މީހުންގެ ބޮލަށް ޖެހި ކޮންމެ ޗިޕަކުން އައްޑޫ މީހުނަށް ދިނީ ދޯކާއެވެ.
އެންމެ ފަހުން ގޮތް ހުސްވެ އެ ޖެހީ މިހާރު ޖެހެން އޮތް މެގަ ޗިޕެވެ. އަންނިގެ ގުރުބާން ކަންބަޅިއަކަށް މި ފަހަރު އެ ހަދަނީ މެގަ ޗިޕް އިލްޔާސް ލަބީބެވެ. އަންނި ހިތުން އައްޑޫ މީހުން ތިބީ ވާނުވާގައެވެ.