މުއިއްޒުގެ ސޫރަޔާއި ސިފަ ހުތުރުވާނީ މިވަރަށް

''ޕްރޯ މޯލްޑިވްސް'' ނުވެވި އެންމެ ފަހުން މިވީ ''ޕްރޯ އިންޑިއާ'' އަށް

މުއިއްޒުގެ ސޫރަޔާއި ސިފަ ހުތުރުވާނީ މިވަރަށް

''އަޅުގަނޑުމެންގެ ސަރުކާރުގެ ސޫރަޔަކީ, ސިފަޔަކީ ކޮބައިތޯ؟'' މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށްފަހު ޑރ. މުހައްމަދު މުއިއްޒު ދެއްވި ތަގުރީރުއި ސުވާލު ކުރައްވައިފައި ވެއެވެ.

ޖުމްހޫރީ މައިދާނުގައި ހުންނަވައިގެން ދެއްވި ތަގުރީރުގައި މުއިއްޒު ވަނީ އެ ސުވާލުގެ ޖަވާބު ވެސްް ދެއްވާފައެވެ. 

މުއިއްޒު އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ދެފުށް ފެންނާނެ ކަމަށެވެ. އެއްވެސް އެއްޗެއް ފޮރުވައި ސިއްރެއް ނުކުރައްވާނެ ކަމަށެވެ. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނެ އެ ކަންކަމަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. ބޭއިންސާފެއް ނުވާނެ ކަމަށެވެ. މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމު ދިފާއުކުރާނެ ކަމަށެވެ. ގައްދާރު ނުވާނެ ކަމަށެވެ. ހީލަތްތެރިއެއް ނުވާނެ ކަމަށެވެ. ނިކަން ރަހުމާއި ކުލުނާއި އަގަލު ހުންނާނެ ކަމަށެވެ. ރައްޔިތުންގެ އަޑުއައްސަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް އެއީ މުއިއްޒު އަމިއްލަފުޅަށް ކުރެއްވި ސުވާލަށް މުއިއްޒު ދެއްވި ޖަވާބެވެ. އެމަނިކުފާނުގެ ސަރުކާރުގެ ސޫރަޔާއި ސިފަ, ސިފަކޮށްދެއްވި ގޮތެވެ. ރައްޔިތުންގެ ޖަވާބެއް ނޫނެވެ. ރައްޔިތުން މި ސަރުކާރު ސިފަކުރި ގޮތެއްވެސް ނޫނެވެ.

ވެރިކަމަށް ހައެއްކަ މަސްވީއިރު މުއިއްޒާއި މި ވެރިކަމުގެ އަސްލު ސޫރަ ރައްޔިތުންނަށް މިވަނީ ފެންނަން ފަށާފައެވެ. ސިފައަކަށްފަހު ސިފައެއް ދަނީ ފެންނަމުންނެވެ.

ތެދުފުޅެއްމެއެވެ. ނިކަން ރަހުމާއި ކުލުނާއި އަގަލު ހުންނާނެ ކަމަށާއި ކޮންމެ ޕާޓީއެއްގެ ރައްޔިތަކު ވެސް އެމަނިކުފާނުގެ ކުރިފުޅުމަތީގައި ހަމަހަމަވާނެކަމަށް ވިދާޅުވި މުއިއްޒު ހާލު ދެކެބަލާށެވެ. އެންމެ ފުރަތަމަ ވެސް ސަރުކާރުގެ މަގާމުތައް ބައްސަވައިލެއްވީ އާއިލާއާއި ރަހުމަތްތެރިންނާއި ''ޕާޓީ ކުދިން'' ނަށެވެ. ހީލަތްތެރިއެއް ނުވާނެކަމަށް ވިދާޅުވި މުއިއްޒު ފުރަތަމަ ވެސް ހީލަތްތެރިވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށެވެ. ފަލްސަފާއާއި ފޮޓޯއާއި ''ހުސްގޮނޑިއަކާއި'' , ''ހަރާމް ހުކުމެއް'' ބޭނުން ކުރައްވައިގެން ވެރިކަން ހޯދެއްވުމަށްފަހު ޔާމީނަށް ވެސް ބޭވަފާތެރިވީއެވެ. ހުކުމް ހަލާލުވީތޯއްޗެކެވެ!

ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެކަމަށާއި އިސްލާމްދީން ދިފާއުކުރާނެކަމަށް ވިދާޅުވިއިރު ހައްޖުގެ އަޅުކަމުން ވެސް ވައްކަންކޮށްފިއެވެ. ހައްޖު ކިއުއަށް ނުފޫޒު ފޯރުވައި އަރިސް ބޭފުޅުންނާއި އެބޭބޭފުޅުންގެ އާއިލާތަކަށް ވެސް ޖާގަދެއްވީއެވެ. ބޮޑު އަގުގައި ހައްޖުކޯޓާ ވިއްކީއެވެ.

މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު, ''އިންޑިއާ އައުޓް'' ކިޔަމުން ކިޔަމުން އައިސް އެންމެ ފަހުން ނާށިގަނޑު ހިއްޕަވައިގެން ވަޑައިގެން އެ ވެއްޓިވަޑައިގަތީ އިންޑިއާގެ އުނގަށެވެ. ''ޕްރޯ މޯލްޑިވްސް'' އަކަށް ނުވިތާއެވެ! އެންމެ ފަހުން މިވީ ''ޕްރޯ އިންޑިއާ'' އަށެވެ.‏ 

ސިޔާސީ ބޭފުޅަކު އިއްޔެ ވިދާޅުވެފައިވަނީ މުއިއްޒު އަތުގައި ދެކޮޅުޖެހޭ ހާރިޖީ ސިޔާސަތެއް ނެތް ކަމަށެވެ. އޮތީ ''އުނބައްޖެހުން'' ކަމަށެވެ.

ޔަގީނުން ވެސް މުއިއްޒު ސަރުކާރުގެ ސޫރަޔާއި ސިފަ ހުތުރުވެއްޖެއެވެ. ދިވެހިން އެކަން މިއަދު ދަނެއެވެ. 

‏އޭ މިހިރަ ދިދަޔާއެވެ! ހަމަ ކަށަވަރުން ވެސް މި ސަރުކާރުގެ ސޫރަޔަކީ, ސިފަޔަކީ ކޮބައިކަން ތިބާއަށް ވެސް މިއަދު އެބަ އިހުސާސްވޭ ނޫން ހެއްޔެވެ!