ޗައިނާ ބުނީމާ ޓައިވާނާ ރުޅިވި މުއިއްޒަށް އިޒްރޭލް ޕާސްޕޯޓް އޯކޭ!
ޓައިވާނާ ހުރިހާ ގުޅުމެއް ކަނޑާލިއިރު އިޒްރޭލު ޕާސްޕޯޓް ބޭން ކުރާކަށް ނުކެރުނު
ޓައިވާނަކީ ދިވެހިން ވަރަށް ގިނައިން ވިޔާފާރިކަމު ގޮސްއުޅޭ ގައުމެކެވެ. ރާއްޖެއަށް ޓައިވާނުން ޓޫރިސްޓުންގެ ގޮތުގައި އަބަދުވެސް މީހުން އައިސް އުޅެއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޓައިޕޭއަށް މަތިންދާ ބޯޓު ދަތުރުތައް ސީދާކޮށް އޮވެއެވެ.
ކުރިއްސުރެ ވެސް ރާއްޖެއަކީ ޗައިނާއިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތާ ދެކޮޅު ބައެއް ނޫނެވެ. އެހެން ނަމަވެސް އަޅުވެތިކަމާ އަބަދުވެސް ދެކޮޅު ބައެކެވެ. ޓައިވާންގެ ސިޔާދަތު ވަކި ގޮތަކަށް ބޭއްވުމަށް ރާއްޖޭން އެއް އިރެއްގައިވެސް ބާރެއް ނާޅައެވެ. ރާއްޖޭން ދެކެމުން އައީ ޓައިވާނު އޮންނަން ޖެހޭ ގޮތްކަނޑައަޅާނީ ޓައިވާނުން ކަމަށެވެ. އޭގެ މާނައަކީ ޗައިނާއިން ގެންގުޅޭ ވަން ޗައިނާ ސިޔާސަތާ ރާއްޖެ ދެކޮޅުވުމެއް ނޫނެވެ.
ޒަމާނުއްސުރެ ރާއްޖޭން ގެންގުޅުނު މެދުމިނުގެ ސިޔާސަތު ދޫކޮށް ބައިނަލްއަގުވާމީ ގޮތުން ވަކި ފަރާތަކަށް ފާޅުގައި ޖެހޭ ގައުމަކަށް ޑރ. މުއިއްޒު ރާއްޖެ ހަދައިފިއެވެ. ވެރިކަމަށް އެރީއްސުރެ އިންޑިއާއަކީ ރާއްޖޭން އެންމެ ބޮޑަށް ނަފުރަތު ކުރާ ގައުމަށް ހަދައިފިއެވެ. ޗައިނާއާއި އިންޑިއާ އާއި އެކުގައި ދަމަހައްޓަމުން އައި ބަދަހި އަހުވަންތަ ގުޅުން އެކު އެކީގައި ދެމެހެއްޓޭ ވަރުގެ ވެރިއަކަށް މުއިއްޒު ނުވިއެވެ.
ޑިޕޮލަމެސީގެ ކަންފުޅެއްވެސް މުއިއްޒުގެ ކިބާގައި ނެތެވެ. ޗައިނާއަށް ގެންގޮސް ރަތްދޫލައިގައި އިއްޒަތްދީގެން ދެތިން ދުވަހު ގެންގުޅެލާ ވިއްސަކަށް އެއްބަސްވުމުގައި ޗައިނާއާއި އެކު ސޮއި ކޮށްލެވުމުން މުއިއްޒަށް ހިޖުރަ އޮޅިއްޖެއެވެ. މުއިއްޒުގެ ދުނިޔެ ރަންވެއްޖެއެވެ.
ޑރ. މުއިއްޒަކީ އިންޑިއާގެ ހުއްދަނެތި އިން ގޮނޑިން ތެދުވެ އަނެއް ގޮނޑިއަށް ނުދެވޭ ވަރަށް ކުރީގެ ސަރުކާރު ދަށުވެފައިވާ ކަމަށް ބުނަމުން ވެރިކަމަށް އައި މީހެކެވެ. އެހެނެއް ކަމަކު ވެރިކަމަށް ދެމަސް ދުވަސް ނުވަނީސް މުއިއްޒު ވަނީ ޗައިނާގެ އަޅަކަށް ބަދަލުވެފައި ކަމަށް ނުބުނާ ވަރެއް ނޫނެވެ. ޓައިވާނާއެކު އެއްވެސް ފެންވަރެއްގެ ގުޅުމެއް ރާއްޖޭން ނުބާއްވަން ނިންމި ނިންމުމުން އެކަނިވެސް އެކަން ސާބިތުވެއެވެ.
ޓައިވާނާ ހުރިހާ ގުޅުމެއް ރާއްޖޭން ކަނޑާލިއިރު އިޒްރޭލު ޕާސްޕޯޓް ބޭން ކުރާކަށް މުއިއްޒަކަށް ނުކެރުނެވެ. ރާއްޖޭގެ ރައްޔިތުން އިންތިހާ ދަރަޖައަށް ބޭނުންވެގެން އެތައް ބަޔަކު ޕެޓިޝަނެއްގައި ސޮއިކޮށް އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އެކަމަށް އިހުތިރާމްކޮށް މަޖިލީހުގެ ގަރާރަކުން އިޒްރޭލުގެ ޕާސްޕޯޓު ބޭން ކުރަން ރައީސް މުއިއްޒަށް ރަސްމީކޮށް ވަނީ ދަންނަވާފައެވެ. ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ބުނެ އިޒްރޭލު ޕާސްޕޯޓް ބޭން ނުކޮށް މުއިއްޒު ވަނީ ގަރާރު ޑަސްބިނަށް ލާފައެވެ.
ފަލަސްތީނުގެ މުސްލިމު ރައްޔިތުންގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ އަނިޔާވެރި ރަހުމުކުޑަ އަމަލަުތަކަށް ފާޅުގައި ނޫނެކޭ ބުނެ އިޒުރޭލު މީހުނަށް ރާއްޖެ ބަންދު ކުރަން ކެރޭ ވެރިއަކަށް މުއިއްޒަކަށް ނުވެވުނެވެ. ޗައިނާގެ ބައިމަދު ޔުބްޣޫރު މުސްލިމުންގެ ނަސްލު ނައްތާލަން އަނިޔާވެރިކަން ދައްކާ ޗައިނާ ސަރުކާރުން ބުނުމުން ޓައިވާނާ ގުޅުން ކަނޑާލުމުގެ ގާނޫނީ ހަމަ މުއިއްޒަށް ފެނިއްޖެއެވެ.