ނަޝީދު ދަމާހާ ގުއިރޯނެއްގައި ގާސިމެއް ނުޖެހޭނެ!
ޖުމްހޫރީ ޕާޓީއާއި ގާސިމަށް އޮތްމޮޅު ވިދާޅުވެ ދެއްވަން ރައީސް ނަޝީދަކީ ކޮންބޭފުޅެއް
ނޫސްތަކުން ފަލަ ސުރުހީ ހޯދަން އަތްގުޅި ނުކާވަރުގެ ވާހަކަ ނުދައްކާށެވެ. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ވަރަށް އެއްކަމެއްގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ދޮގުވެރިކަމުގެ ސިއްކަ ތިމާގެ ނިއްކުރީގައި ޖެހޭކަމެކެވެ. އިތުބާރާއި އިހުތިރާމް ގެއްލޭ ކަމެކެވެ.
ރައީސް ސާލިހުގެ ފަހަތްޕުޅަށް އޮނަރަބަލް ގާސިމު އިބްރާހީމް އަރާވަޑައިގަތަސް ނުގަތަސް ރައީސް ނަޝީދާއެކު ގާސިމު އިބްރާހީމް ސިޔާސީ މަސައްކަތްޕުޅެއް ކުރެއްވުމަކީ ވުމަށްވުރެ ނުވުން ކައިރިކަމެކެވެ. ދެހާސް އަށެއްގެ ވަތަން އެދޭ އިއްތިހާދުގައި ލިބި ވަޑައިގެން ކެހި އޮނަރަބަލް ގާސިމު ހަނދުމަފުޅު ހުންނާނެއެވެ. ޕެރެޑައިޒް އައިލެންޑަށް ފުލުހުން އަރުވާ އެރިސޯޓުގެ ސްޕާ ބަންދު ކުރުވި ހަނދުމަފުޅު ނެތޭހާ ދުވަހެއް ނުވެއެވެ. ރީތިރަށަށް ފުލުހުން އަރުވަން ޖެހުނު ސަބަބު މަތިކުރި ގޮތް ހަނދުމަފުޅު ހުންނާނެއެވެ. މަސް ދުވަސް ނުވަނީސް ހޯމް މިނސްޓަރުކަން ދޫކޮށްލެއްވުމަށް މަޖުބޫރުވެ ވަޑައިގެން ގޮތް ސިކުނޑިފުޅުން ފިލާ ނުދާނެއެވެ.
ޔާމީނާ އެއްގޮޅިއެއްގައި ދޫނިދޫގައި ހައްޔަރުކުރެއްވި ހަނދުމަފުޅު އާވެ އާލާވާނެއެވެ. ބޮޑުސޭޓުގެ ވަތްގަޑާ ދައުލަތުގެ ހަޒާނާ ގުޅުނީމާ ވާގޮތޭ ކިޔާ ކުރިހާ ފުރައްސާރަ ބިންވަޅު ނެގިފައި އޮންނާނެއެވެ. މާމިގިލީ ގޮނޑުދޮށުގައި މުންޑުބުރި އަނދެގެން ކަކުނި ކޮންނަން އޮތް ބީރައްޓެހި ގަބު ބޯނެއް ބުރުމާ ދިވެހި ވެރިކަމަށް ކުފޫހަމަ ނޫންކަމަށް ލީ ހަޅޭކުގެ އަޑު ކަނޑައިގެން ނުދާނެއެވެ. އުސްފަސްގަނޑުގައި ކުޑައި މީސްކޮށް މަނީމަނީ ޔޭސްސަރއޭ ގޮވާ ރައްޔިތުންގެ ހިތުގައި އުފެއްދި ނަފްރަތުން ހެދުނު ބާގަނޑުތައް ނުބެދެއެވެ.
ރައްޔިތުންގެ މަޖިލިސްގެ ރައީސްކަން ލިބުނަ ނުދޭން ކުޅުނު ޗަރުކޭހުން ވީ ޑެމޭޖް ރިކަވަރއެއް ނުވެއެވެ. ރައީސް ސޯލިހުގެ ކޯލިޝަންގެ ޕާޓްނަރުންނާ ވީއެއްބަސްވުން ބާތިލުކޮށް ކޯލިޝަން ރޫޅާލަން ރައީސް ނަޝީދު ކުރެއްވި މަސައްކަތް ގާސިމަށް އޮޅިވަޑައެއް ނުގަންނަވާނެއެވެ. ކޯލިޝަން ޕާޓްނަރުންގެ ސްލޮޓްތަކުގައި ތިއްބެވި ވަޒީރުންނާއި ސިޔާސީ ބޭފުޅުންގެ ހަތަރެސްފައި ބަދެ ރައީސް ނަޝީދުގެ އައުވާނުން ލައްވާ ޖަރީމާތައް ހިންގުވާ ކޯލިޝަން ޕާޓްނަރުންނާއި ރައީސް އިސްތަށިފުޅުގައި އެޅުވިހާ ދޮގުތުހުމަތާއި ވަގު ބަދުނާމު އޮޅިވަޑައެއް ނުގަންނަވާނެއެވެ.
ޖުމްހޫރީ ޕާޓީއާއި ގާސިމަށް އޮތްމޮޅު ވިދާޅުވެ ދެއްވަން ރައީސް ނަޝީދަކީ ކޮންބޭފުޅެއް ހެއްޔެވެ. ރައީސް ނަޝީދުގެ އެ ޒާތުގެ ކޮންމެ ރައުޔަކީ ދަންމަވާ ގުއިރޯނެއް ކަން ނޭނގޭ ދިވެއްސަކު ނުހުންނާނެއެވެ. އެހެން ދަންމަވާހާ ގުއިރޯނެއްގައި ޖެހި ވަޑައިގަންނަވާ ވަރަށް ވުރެ އޮނަރަބަލް ގާސިމް އިބުރާހީމަށް ކާކަކީ ކާކުކަން އެނގިވަޑައި ގަންނަވާނެއެވެ. ކޮށްފަނުކުރާނީ ކީއްކަން ރަނގަޅަށް ފަހުމްވެ ވަޑައިގަންނަވާނެއެވެ.