ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެ!
ކޯލިޝަން ގޮވައިގެން ވެރިކަން ކުރަން އެދުނީ ރައްޔިތުންނެވެ.
ދިވެހި ރައްޔިތުން އިބޫފައިސަލް ގާތު އެދުނީ އެ މީހުނަށް ހެޔޮވެރި ކަމެއް ކޮށްދިނުމަށެވެ. ދެވަނަ ބުރަކަށް ނުގޮސް އެއްބުރުން އިބޫފައިސަލް ވެރިކަމަށް ހޮވާދިނީ ކަންތައް ތަކެއް މަތިކޮށްފައެވެ. ވެރިކަމަށް އިސްކުރަމުން ރައްޔިތުންގެ ގިނަ ބަޔަކަށް އިބޫފައިސަލް އޯކޭވީ ވަކި ކަހަލަ ކަންތައްތަކެއް ކޮށްދޭ މަތިންނެވެ. އެ ގޮތުން ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވި މުހިންމު ބައެއް ކަންކަން ހަދާނަށް އަންނަތީ ހިއްސާ ކޮށްލަމެވެ.
ނަމަނަމަ ޔާމީނާއި އޭނާގެ ބައިވެރިން ވެރިކަމާ ކައިރި ނުކުރާތި:
އާނއެކެވެ. އިބޫފައިސަލްގެ ވެރިކަމަށް ހަތަރު އަހަރު ފުރިއްޖެއެވެ. ފަސްވަނަ އަހަރު ފެށުނީއެވެ. ދައުލަތް ހިންގުމުގައި ޔާމީނުގެ ބައިވެރިވުމެއް އޮތަކަ ނުދެއެވެ. މަޖިލީހުގައި ވެސް ޔާމިނުގެ ބައިވެރިން ކުރަން ބޭނުން ވެގެން ހުށައަޅާ އެއްވެސް ކަމެއް ވިޔަކަ ނުދެއެވެ. އެމްޑީޕީގެ ވަފާތެރި މެންބަރުން އެ ތިބީ އެ ކަމަށް ނިކަން ރަގަޅަށް ހޭލައެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ސަރުކާރުގެ ބައިވެރިން ގޮތުގައި ތިބެ ސަރުކާރަށް ޖެއްސުން ކޮށް ހެދިޔަސް ޔާމީނާ ގުޅިގެން އުޅޭކަން ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ނަމަ މި ސަރުކާރުން ފެޔެއް ނުވެއެވެ.
މައުމޫނާއި އިމްރާނާއި ގާސިމާއި ނަޝީދު ވެރިކަމުގައި ބައިވެރި ކުރުން:
ވަޒީރުންގެ މަޖިލީހުން ފެށިގެން ސަރުކާރު ކުންފުނިތަކުގެ ހިންގުމާ ހަމަޔަށް އެ ހަތަރު ސިޔާސީ ލީޑަރުންގެ ހިއްސާ އިންތިހާ ދަރަޖައަށް އިބޫ ފައިސަލް ސަރުކާރުގައި އޮވެއެވެ. ކޮރަޕްޝަނާއި ފަސާދައިގެ އިނގިލި ދިއްކުރެވޭ ކިތަންމެ ބަޔަކުވެސް އެކަމާ ހެދި މި ސަރުކާރު ތެރެއަށް ވަދެ މަތިހަށި ނަގަން ފުރުސަތު ލިބުނެވެ. ސިޔާސީ ކޯލިޝަނުގެ ތެރޭގައި އޮތް ވެރިކަމަށް އައުމުގެ ވާދަވެރިން ސިއްރު އެޖެންޑާގެ ތެރެއިން އިބޫފައިސަލަށް އުދަގޫތަކާ ދުއްތުރާތައް އަބަދުމެ އޮންނަނީ ޖެހި ޖެހިއެވެ. ކޮންމެ އެފަދަ ދަޑިވަޅެއްގައި އިބޫފައިސަލް އިސްކުރީ ކެއްތެރިކަމެވެ. އެއީ ރައްޔިތުން ބޭނުންވި ގޮތެވެ. ފުރަތަމަ ރިޔާސީ ތަގުރީރުގައި ވެސް އިބޫ ކޯލިޝަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނީ އެއުދަގޫ ޖެހޭނެކަން ނޭގި ހުރެއެއް ނޫނެވެ. ރައްޔިތުން ބޭނުންވެގެން ބުނެ ވޯޓުދިން ގޮތް ކަމަށް ވާތީއެވެ.
ރައީސާއި ނައިބު ރައީސް ގުޅިގެން ވެރިކަން ކުރުން:
ރާއްޖެ މިކުރާ ޑިމޮކްރެޓިކް ވެރިކަމުގެ ތަޖުރިބާގައި ނައިބު ރައީސުންނަކީ ބިރެކެވެ. ނަޝީދުގެ ވެރިކަން ދައުރު ހަމަ ނުކޮށް ނިމެން ދިމާވީ ނައިބު ރައީސްގެ އިހުލާސްތެރި ނުވުމުންނެވެ. ޔާމީނަށް ފަސް އަހަރުގެ ދައުރެއް ނިންމުނީ ތިން ނައިބު ރައީސުން ތަޖުރިބާ ކޮށްގެންނެވެ. ރައްޔިތުން އިބޫ ފައިސަލްގެ ކިބައިން ގުޅިގެން ދައުރު ނިންމައި ދޭން އެދުނީ އެހެންވެއެވެ. އެކަން އިބޫ ފައިސަލް ރައްޔިތުންނަށް ސާބިތު އެބަކޮށްދެއެވެ.
އަސާސީ ހިދުމަތް އެންމެނަށް ތަފާތު ނުކޮށް ދިނުން:
އަބާދީގެ ސައިޒެއް ރަށުގެ ސައިޒެއް ނުބަލާ މީހުން އުޅޭ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ގާއިމުކޮށް ލަފާފުރުން ފަސޭހަކޮށް ރައްކާތެރި ފެން ލިއްބައިދީ އެކަށީގެންވާ ކަރަންޓްގެ ހިދުމަތް ގާއިމު ކުރަން އިބޫފައިސަލަށް ރައްޔިތުން ޝަރުތު ކުރިއެވެ. ތަފާތެއް ނެތި ހުރިހާ ރަށެއްގައި އެއް ވާނަކަށް އެކަންތައްތައް ކޮށް އެހެރަ ނިމެނީއެވެ.
އަނިޔާވެރިކަން ފުހެލުން:
ބަސްބުނުމުގެ މިނިވަންކަމާއި އިހުތިޖާޖު ކުރުމުގެ މިނިވަން ކަމުގައި މިހާރަކު ހައްދެއް ނެތެވެ. އެހެނެކޭ ކިޔާފައި ސިޔާސީ މަސްލަހަތެއް އިސްކޮށް އެއްވެސް މީހަކު ހިފާ ހައްޔަރެއް ނުކުރެއެވެ. ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ކޮންމެ މީހަކަށް ދިފާއުވުމުގެ ހުރިހާ ހައްގެއް ތަންމިނަށް އޮތި ހުޅުވިފައެވެ. މިނިވަންކަމުގެ ބޮޑު ކަމުން ކަންބޮޑު ވާހާވެއެވެ.
އިދިކޮޅު ސިޔާސީ ހަރަކާތައް ޖާގަ ދިނުން:
ލިޔާނެ އެއްޗެއް ލިޔެ ކިޔާނެ އެއްޗެއް ކިޔަމުން ދިޔުމަކަށް ހުރަހެއް ނެތެވެ. އަރާނެ ރަށަކަށް އަރާ ސިޔާސީ ވާދަވެރިން ކުރާނެ ކަމެއްކޮށް ދައްކާނެ ވާހަކައެއް މިއަދު އެތިބެގެން ދަކަނީއެވެ. ނުހުއްޓުވައެވެ.
ރިޔާސީ އެހެނިހެން ވައުދުތަކާއި މެނިފެސްޓޯއަށް އަމަލު ކުރުމުގައިވެސް އިބޫ ފައިސަލް ވަރެއް ނެތެވެ. ކޮވިޑްގެ ވަބާގައި ވެރިކަމުގެ ދެ އަހަރު މުޅި ދުނިޔެ މަރުތަޅު އަޅުވާފައި ވަނިކޮށް ކުރު މުއްދަތެއްގައި މިވަރު ވީ ބަޔަކު ވެސް ދިވެހިން މީގެ ކުރިއަކުން ނުދެކެއެވެ. ހެޔޮވެރިކަމަކީ މިއީ ނޫން ހެއްޔެވެ. %68 ދީފައި ރައްޔިތުން އިބޫފައިސަލްގެ ކިބައިން އެދުނީ އެމީހުން ގޮވައިގެން ޔަމީނު ކައިރިކުކޮށް ވެރިކަން ކުރާށެވެ. ޔާމީނާ ކައިރިވާ މީހަކު ބާކީކޮށް އެކަހެރި ކުރަން އެދުނީ ވެސް ރައްޔިތުންނެވެ. ޔާމީނާ ބައިވެރިވާ މީހަކާ މި ސަރުކާރު އެކަހެރި ވާނެއެވެ.