މުއައްޒަފުންގެ އަގުވަޒަކޮށް އެސްޓީއޯ ދިން ފުރަތަމަ އެވޯޑް

އެސްޓީއޯ ސްޓާފް އެވޯޑް 2022

މުއައްޒަފުންގެ އަގުވަޒަކޮށް އެސްޓީއޯ ދިން ފުރަތަމަ އެވޯޑް

އެސްޓީއޯގެ ކާމިޔާބީގެ އަސްލަކީ އެސްޓީއޯގެ ހީވާގި މުއައްޒަފުންނެވެ. އެސްޓީއޯ އުފެދުނީއްސުރެ އަދާ ހަމައަށް އެސްޓީއޯގައި ހިދުމަތްކުރެއްވި ގިނަ ގުނަ މުއައްޒަފުން ކުރި ބުރަ ހިއްވަރާ މަސައްކަތުގެ އަގުވަޒަންކުރާ ވެރިއަކު އެސްޓީއޯ މީގެ ކުރިއަކުން ދެކިފައެއް ނެތެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގައުމު ހިންގެވުމާ ހަވާލުވެ ވަޑައިގެން އެސްޓީއޯއަށް ހޯއްދަވާ ދެއްވީ މުއައްޒަފުންގެ އަގު ވަޒަން ކުރައްވަން ދެނި ވަޑައިގަންނަވާ ފިސާރި ހިންގުންތެރި އޯގާތެރި ވެރިއެކެވެ.

މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހުސައިން އަމްރުއަކީ އެސްޓީއޯގެ މުއައްޒަފުން ލޯތްބާއި އެއްބާރުލުން ހޯއްދަވައިގެން ކުންފުނި އައު އުސްމިނަކަށް ގެންދެވުމަށް ހިތާ ރޫހުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. ކޮންމެ ކުންފުންޏެއްގައި ވެސް އެ ކުންފުންޏެއްގެ މުއައްޒިފުންނަކީ ކުންފުނި ހިންގާ ހަކަތަކަން އަމްރު ދެނެވަޑައިގަނެއެވެ. މުއައްޒަފުންގެ ގުޅުމާއި ކުންފުންޏަށް އޮންނަ ލޯތްބާއި ވަފާތެރިކަމާއި ހީވާގި މަސައްކަތާ ނުލާ ކުންފުނި ދިރި ނުއޮންނާނެކަން އަމްރު ނިކަން ރަނގަޅަށް ދެނެވަޑައިގަނެއެވެ.

މުއައްޒަފުންނަށް ރަނގަޅު މުސަރައާއި އިނާޔަތްތައް އެކަނި ދިނުމަކުން ނުފުދެއެވެ. ވަޒީފާ އަދާ ކުރާވެއްޓަކީ އުފާވެރި އަމާން ހިތްހަމަޖެހޭ ވެއްޓަކަށް ވުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ހުނަރާ ގާބިލުކަން ދައްކާ ދެވޭ ފަދަ ވެއްޓަކަށް ހަދަން ޖެހެއެވެ. އިލްމާ ހުނަރު އިތުރުކޮށް އައު ހިޔާލާ އީޖާދީ ވިސްނުމަށް ފަހި ވެއްޓަކަށް ވެސް ވާން ޖެހެއެވެ. މި ހުރިހާ ކަންކަމާއެކު މަސައްކަތުގެ އަގު ވަޒަންކުރާ ވެއްޓަކަށް ވުމަކީ ކޮންމެހެން މުހިންމުކަމެކެވެ. މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ލީޑަރެއްގެ ގޮތުން އެސްޓީއޯގައި އެ ހުރިހާ ކަންކަމެއް މުއައްޒަފުންނަށް އެ ގެންދަވަނީ ކަށަވަރު ކޮށްދެއްވަމުންނެވެ.

ފުރަތަމަ ފަހަރަށް އެސްޓީއޯގައި ސްޓާފް އެވޯޑް ނައިޓެއް ފާހަގަކުރި ކުރުމަކީ އެސްޓީއޯގެ މުއްޒަފުންގެ ހިތްތައް އުފަލުން ފޮޅޭނެކަމެކެވެ. އެސްޓީއޯގެ މުއައްޒަފުންގެ ތެރެއިން އެވޯޑް ހައްގުވާ މުއައްޒަފުން ފާހަގަ ކޮށްދިނީ އެސްޓީއޯގެ މުއައްޒަފުންނެވެ. މެނޭޖުމެންޓަކުން ނޫނެވެ. ފަހަރެއްގައި ވެސް އިސްވެރިން ހުނި ޖަހާލާފައި ވަކި ބަޔަކަށް ދިން އެވޯޑަކަށް ނުވުމަކީ އިތުބާރާ އިންސާފުވެރި ފެށުމަކުން ފެށުނު ކަމުގެ ރަމްޒެކެވެ.

ތަފާތު އެ ތަކެއް ދައިރާއަކަށް ބަލާލެވިގެން 08 ޑިސެމްބަރ 2022 ގައި ދިން އެސްޓީއޯގެ ސްޓާފް އެވޯޑަކީ އައުހިޔާލާއި އީޖާދީ ވިސްނުމާއި ބަދަހި ގުޅުމާއެކު އެސްޓީއޯ އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ބިންގަލެކެވެ. އެސްޓީއޯގެ ސްޓާފް އެވޯޑަކީ ހެޔޮވެރިކަމެއް ކުރާ ތަފާތު ކުރުމެއް ނެތް ރައީސް ސާލިހުގެ އިރުޝާދާއި މަޝްވަރާ ހޯއްދަވައިގެން އެސްޓީއޯ ފަހި އެހެން ހަރުފަތަކަށް ގެންދެވުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުގެ އަމާޒަށް ވާސިލުވުމަށް ކޮށުނު ކުރު މަގެކެވެ.

އެވޯޑަށް ވާދަ ކޮށްލެވޭ ވަރުގެ 598 މުއައްޒަފުން އެސްޓީއޯގައި ތިބި ތިބުމުން ދައްކާދެނީ އެސްޓީއޯ ޓީމުގެ ގާބިލުކަމެވެ. ހުނަރުވެރިކަމެވެ. އެސްޓީއޯއަކީ އާދައިގެ ކުންފުންޏެއް ނޫންކަމެވެ. ހުނަރުވެރި ފަންނުވެރި މުރާލި ހީވާގި ކަމަށްކަމޭ ހިތާ މުއައްޒަފުން ތިބި ތަނެއް ކަމެވެ. އާނއެކެވެ. ހުސައިން އަމްރުގެ މޭސްތިރިކަމުގައި މުއައްޒަފުންނަށް ހައްގު ޝަރަފުދީ މަސައްކަތުގެ އަގުވަޒަން ކުރަން ފެށި ފެށުމަށް ވުރެ ވަކީން ބޮޑު ކާމިޔާބީއެއް އެސްޓީއޯގެ މުޅި ތާރީހުގައި ދެކިފައެއް ނުއޮންނާނެއެވެ.