ބޮޓުންނަށްވެސް ވައްޓާލެވޭހާ ބަލިކަށި!

ވައްޓާކަށް މީހަކު ކުރިކަމެއް އޮތިއްޔެއް ނޫން

ބޮޓުންނަށްވެސް ވައްޓާލެވޭހާ ބަލިކަށި!

ބިރުފަށެއް ގެންފިތާއެވެ. ކަމެއް ކަހަލަ ކަމެއް ޖެހިއްޖެއްޔާ ކިހާވަރަކުން ދާނެ ބާއެވެ. ފަސް އަހަރުގެ ދައުރެއްގެ ފުރަތަމަ އަހަރުވެސް ނުނިމެނީސް ވެއްޓޭ ވަރަށް އެހުރީ ތުރުތުރު އަޅައަޅައެވެ. ޖިސްމެއްނެތް ބޮޓުންނަށްވެސް ވައްޓާލެވޭހާ ބަލިކަށީތާއެވެ.

ވާނީވެސް އެހެންތާއެވެ. ހުސް ގޮނޑިއެއް ދައްކައިގެން ޖަހައިގެން އެއްޗެއް ބާޒު ތުނބުލައިގެން އުދުއްސައިގަތުމުން ވެއްޓެން ނަގާނީ އަނގަ ހުޅުވާލަން ވާލަހެކެވެ. ކިނބިއްސެއް އަޅަން އަނގަ ހުޅުވުނަސް ތުނބުން ނެއްޓިގެން ވެއްޓޭކަށް ލަހެއް ފަހެއް ނުވާނެއެވެ.  

ވާދަވެރިން އަދި އެ އުޅެނީ ޗުއްޕުވެސް ނުބުނެއެވެ. ހަމަ އެކަނި ބުނިހާވެސް އެއްޗަކީ ޝުއޫރު ފާޅުކުރަން ޖެހެލުން ނުވާނެ ވާހަކައެވެ. އެކަމާ ގަންނާ ކުރެއްވި ބިރުން ފަހާނާ ތެރެއަށްވެސް ވެއްޓެނީއެވެ. މައިދާން ދޫކޮށްފައި ނުގޮސް ތިބެން ކުދިން ގާތުގައި ބުނެފާ ބުޅަލު ބުޑުގައި އުނބުން ޖެހުމުން ދުވެދާހެން ފިލާ ރައްކާވެގެން ގޮސް ފީކުކުޅަކަށް ވެގެން ބަލިއެދަށް ވެއްޓި ރަޖާލައިއްޕެވެ. 

ބާރަށް މީހަކު ވަށްވަށް ޖަހައިގެންފިއްޔާ ބައެއް މީހުންގެ ދެފައިދަޑިއަށް ވާޒާތުގެ ކަމެއްވީތާއެވެ. ގިނި ދުށް މީހާ ރަތްމަލަށް ބިރުގަތަސް އަދިއަކު އެވަރުގެ ކަމެއް ވީއެއްވެސް ނޫނެވެ. ބަޔަކުނިކުމެ ހަސީނާގެ ޑައިރީ ކޮންމެ ސިފައަކަށް ލިޔެފައި އޮތަސް، ބަޔަކު ނިކުމެ ގޯތިބޭ ގަނޑުވަރުން ނެރެ ފުރުވާލިޔަސް ކަޅުދިގު ނުރަރޮނގު ކުރިކަމެއް ކުރީ އަމިއްލައަށެވެ. ފައި ތުރުތުރު އަޅާ ވެއްޓުނަސް ވައްޓާކަށް މީހަކު ކުރިކަމެއް އޮތިއްޔެއް ނޫނެވެ. ހިޔަންޏަށް މުޑިނަގާ ނަށައިގަތީ މާ އަވަހަށެވެ. 

ކާކުކަން ނޭނގޭ ބޮޓަކު ޖަހާބެރަކަށް ނަށާ ގުބޯލަކަށް ބަންޑާރައިން ވީތީ ބިރުގެންފައި ހުރިވަރު އެބަ އެނގެއެވެ. ގަރުދިޔަ މާލަމަށް ގުނބޯ އެއްކޮށްގެން ބަންޑާރައިން ނިކުމެ ބޮޓަކު ކިޔާހާ ލަވައަކާ ހަމަޔަށް ބެރުޖެހޭތޯ ރެއެއްގެ އެއްދަން ހުސްކޮށްލީމާ ބަޔަކު ކޮނޑުހުޅުން ނެއްޓެންދެން އަތް ޖެއްސަކަސް އެއްޔަކީ މޮޅުކަމެއް ނޫނެވެ. އޭގެން އެގުނީ ބޮލުގެ އިސްކުރު މަދުކަމެވެ. ދެއުޅި އެއްނުވާ ކަމެވެ. ބުއްދި ހަމަ ނޫންކަމެވެ.