ނާޗަރަންގީ ކުޅޭނެ ފައިސާ ސަރުކާރުގައި އެބަހުރި: މެންބަރު ކުޑޫ

ނާޗަރަންގީ ކުޅޭނެ ފައިސާ ސަރުކާރުގައި އެބަހުރި: މެންބަރު ކުޑޫ

އާ އަހަރު ފެށުން ފާހަގަކުރުމަށް ފަޔާ ވޯކްސްއާ އެކު ޑްރޯން ޝޯއެއް ބޭއްވުމާއި މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް ސަރުކާރުން ރާވައިގެން ބޭއްވުމާއި ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) ނުރުހުން ފާޅުކުރައްވައިފިއެވެ. 

"މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް"އާއި އެކު މިއަހަރުގެ ޑްރޯން ޝޯ ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ އަހަރަށް ވުރެވެސް ކުލަގަދަކޮށް ކަމަށް ސަރުކާރުން ބުނެއެވެ. މި އަހަރުގެ ޑްރޯން ޝޯގައި ޑްރޯންގައި ފަޔާ ވޯކްސް ހިމެނޭ ގޮތަށް ޕައިރޯ ޑްރޯން ޝޯ އެއް ފުރަތަމަ ފަހަރަށް ފެނިގެން ދާނެކަމަށްވެއެވެ.

އަނެއްކޮޅުން މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލްގައި އުރީދޫ ފޯމް ފަން އާއި ކާނިވަލާއި ބިރުވެރި ހޮހޮޅަ އާއި އެކި ކަހަލަ ކާ އެއްޗެހި ހިމެނޭ ސްޓޯލްތައް ހުރެއެވެ.

އާ އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ ޑްރޯން ޝޯގެ ވާހަކައާއި މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ވާހަކަ ޝާއިއުކޮށްފައިވާ ހަބަރު ޓެގްކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، " ޑްރޯން ޝޯ ބާއްވަން ފައިސާ ހުރޭ. ބޭރުގައި ތިބި ކިޔަވާ ކުދިންނަށް ދޭނެ ފައިސާ އެއްނެތް" ކަމަށެވެ. ހަމައެހެން ސަރުކާރުގައި "ހަވާ އަރުވާނެ ފައިސާ ހުރޭ. ޒަރޫރީ ބޭސް ގެންނާނެ ފައިސާ އެއްނެތް" ކަމަށްވެސް މެންބަރ ކުޑޫ ވިދާޅުވެއެވެ. މެންބަރ ކުޑޫ ވިދާޅުވާ ގޮތުގައި ދިވެހި ސަރުކާރުގައި "ޖުމްލަ ގޮތެއްގައި ނާޗަރަންގީ ކުޅޭނެ ފައިސާ އެބަހުރި" ކަމަށެވެ. 

ގަލޮޅު އުތުރު ދާއިރާގެ މެންބަރ މުހައްމަދު އިބްރާހީމް (ކުޑޫ) އަކީ ސަރުކާރުން ކުރާ ހައްދެއްނެތް ބޮޑެތި އިސްރާފުކުރާ ކުރުމާ ދެކޮޅަށް އަޑު އުފުއްލަވާ މެންބަރެކެވެ.