ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަން މަޖުބޫރު

ވެރިކަން ކުރަން ޕާޓީ ނިޒާމަކީ ގާނޫނު އަސާސީ ދަންނަ އެއްޗެއްނޫން!

ގާނޫނުއަސާސީގެ ދިފާއުގައި ނިކުންނަން މަޖުބޫރު

ރާއްޖެއަކީ ރިޔާސީ ނިޒާމުން ވެރިކަން ހިންގާ ގައުމެކެވެ. ވެރިކަމަށް އައުމަށާއި އެނޫންވެސް އިންތިހާބުތައް ކާމިޔާބު ކުރުމަށް އެއްވިސްނުމެއްގެ ބަޔަކު ސިޔާސީ ޕާޓީ ހަދައިގެން ހިންގުމަކީ ގާނޫނު އަސާސީން ލިބި ދީފައި އޮންނަ އަސާސީ ހައްގެކެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަ ގޮތާއި ބާރުތައް ދެމިއޮންނާނެ ގޮތް ގާނޫނު އަސާސީން ބުނެދެއެވެ.

ސިޔާސީ ޕާޓީން ދައުލަތުގެ އެއްވެސް ބާރެއް ހިންގުމަކަށް ގާނޫނު އަސާސީ ނުބުނެއެވެ. އިންތިހާބު ތަކުގައި ރައްޔިތުންގެ ތާއީދު ހޯދުމަށް ޕާޓީތަކުން ސިޔާސީ މަސައްކަތް ކުރަން ގާނޫނުއަސާސީ ފުރުސަތު ދިނުމަކީ އެއްވެސް ޕާޓީއަކުން ދައުލަތުގެ ބާރުތައް ހިސޯރު ކުރުމަށް ލައިސަންސް ދިނުމެއް ނޫނެވެ. 

ގާނޫނުއަސާސީގެ އެތައް މާއްދާއަކުން ކަށަވަރު ކޮށްދެނީ ވަކި ދަރިކޮޅެއް ވަކި ޖަމާއަތެއްގެ ވަކިރަށެއް ވަކިޕާޓީއެއްގެ މަސްލަހަތު ކުރިއަށް ނެރެގެން ދައުލަތުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ. ދައުލަތް ހިންގަން ޖެހޭނީ މުޅި ރައްޔިތުންގެ މަސްލަހަތުގައި ކަމެވެ. ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާއި މަޖިލިސް މެންބަރުންގެ ހުވަޔާއި ފަނޑިޔާރުންގެ ހުވާގައި ޕާޓީއަށް ވަފާތެރި ވުމުގެ ވާހަކައެއް ނޯވެއެވެ. 

ރައްޔިތުން އިންތިހާބުކުރާ މީހަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަ ކުރާ މީހަކަށް ވާންޖެހޭނެ ކަމަކަށްވެސް ގާނޫނުއަސާސީ ނުބުނެއެވެ. އިންތިހާބު ކާމިޔާބު ކުރަނީ ކޮންމެ ފިކުރެއްގެ ބައެއްގެ ތާއީދު ލިބިގެން ކަމަށް ވިޔަސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ މުޅި ރައްޔިތުނަށް އެއް ހަމައަކުން އިސްކަން ދީގެން ކަމަށް ގާނޫނު އަސާސީ ބުނެއެވެ. 

މަޖިލީހުގެ މެންބަރަކު އިސްލާމު ދީނުގެ އަސްލަކާ ހިލާފު ނުވެ މަޖިލީހުގައި ދައްކާ ވާހަކައަކުން ވޯޓު ދޭގޮތަކުން ސުވާލުކޮށް ތަހުގީގެއް ހިންގާ ޝަރުއީ ކޯޓަކުންވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށް ގާނޫނު އަސާސީ ބުނެއެވެ. މަޖިލީހުގެ މެންބަރުން ޕާޓީގެ ވިޕްލައިނާ ހިލާފުވެގެން ފިޔަވަޅުއަޅާ އެޅުމަކީ ގާނޫނު އަސާސީއާއި ހިލާފަށް ކުރާކަމެކެވެ. އެހެން ކަމުން ޕީއެންސީ ނުވަތަ އެނޫން ބަޔަކު ވިޔަސް މެޖޯރިޓީ އޮތަތީ ދައުލަތުގެ ބާރުތައް ހިސޯރުކޮށް ރައްޔިތުންގެ ބާރު ކަނޑުވާލުމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމެވެ.

އެންމެ ފަހުން ސިޔާސީ ޕާޓީގެ ބާރު ރައްޔިތުންގެ ބާރަށްވުރެ ގަދަވެ ރައްޔިތުންގެ މަންދޫބުންގެ ގޮނޑި ގެއްލުވާލާ ހިސާބަށް ހަޔާތް އަރުއްވައިގަތީއެވެ. ޕީއެންސީން ދައުލަތުގެ އެއް ބާރު ހައިޖެކް ކޮށްގެން ގާނޫނު އަސާސީގެ ބާރުކަނޑުވާލީއެވެ. ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނިކުންނަން މަޖުބޫރު ކުރުވީއެވެ.