ޑިމޮކްރަސީ ފޭރާމުގައި މުއިއްޒު ކުރަނީ ގޮށްމުށު ވެރިކަމެއް!

ގޮށްމުށު ހުދު މުހުތާރު ވެރިކަމެއް ކުރާނަމަ ބަޖެޓް ނުކޮށް ޕްރޮޖެކްޓުތައް ހިންގާނެއެވެ. ބިޑްނުކޮށް ޕްރޮޖެކްޓުތައް ދޭނެއެވެ. އިއުލާނު ނުކޮށް ބިންތައް ބަހާލާނެއެވެ. ހިތައްއެރި މީހަކަށް ހިތަށްއެރިހާ މަގާމެއް ދީގެން ދައުލަތް ބަހާލާނެއެވެ. މައުލޫމާތު ސިއްރުކޮށް އޮޅުވާލާ ދޮގުހަދާނެއެވެ.
ގޮށްމުށުގެ ވެރިކަމެއް ހިންގާއިރު އިންތިހާބު ބޭއްވުމާއި ވޯޓުލުމަކީ ބައިހެޔޮކުރަން ބާއްވާ ރަމްޒީ ކަމެކެވެ. އިންތިހާބީ ރަސްމީ އިދާރާގައި ތިބޭނީ ވެރިޔާގެ ޕަޕެޓުންނެވެ. ވޯޓު އޮޅުވާލުމާއި ރިޝްވަތު ދިނުމާއި ނުފޫޒު ފޯރުވުމުގައި ހައްދެއް އިމެއް ނުއޮންނާނެއެވެ. ވާދަވެރިއަކަށް އިންތިހާބެއް ކާމިޔާބު ކުރުމަކީ ކާޅަކުން ހުދުފަތެއް ފެނުން ފަދަ ކަމެކެވެ. ނަތީޖާއަކީ ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތައްވެސް ޑިކްޓޭޓަރގެ ރަބަރު ތައްގަނޑަކަށް ބަދަލު ވުމެވެ.
ގޮށްމުށުގެ ވެރިކަމެއްގައި ފާރަވެރި މުއައްސަސާތަކާއި ޒިންމާދާރު ކުރުވާ ހުރިހާ ވައްތަރެއްގެ އިދާރާއެއްވެސް ނަމެއްގައި ހުންނާނެއެވެ. ނަމުން މިނިވަން އެ މުއައްސަސާތައް ބޭނުން ކުރާނީ ވާދަވެރިން އޮބި އެޅުވުމަށާއި ރައްޔިތުން ބިސްމަޅި ދުއްވުމަށެވެ. ވެރިކަމުގެ ފަރާތުން ހަދާގޯހެއް ނުފެންނަ ވަރަށް ފާރަވެރި މުއައްސަސާތައް އޮންނާނީ ވާގި ނައްތާލާ ކަނުކޮށްލާފައެވެ.
ގޮށްމުށުގެ ވެރިޔާ ބޭނުންވާ މީހަކު ނުވަތަ ބަޔަކު ހިފާހައްޔަރުކޮށް ފިޔަވަޅުއަޅަން ކޯޓްތަކާއި ނަމުން މުސްތަގިއްލު އިދާރާތައް ނިކަން ފަރިތަވާނެއެވެ. ގޮށްމުށުގެ ވެރިޔާގެ ރުހުން ލިބިގެން ހުރި ހަމަ އެކަކަށްވެސް ގޯހެއް ނުހެދޭނެއެވެ. ވެރިކަމުގައި ޝާމިލުވާ ކޮންމެ މީހަކީވެސް މައުސޫމު ކުށެއް ބުށެއް ނުކުރެވޭ ވަރަށް މުގައްދަސްވެފާ ތިބޭ ބައެކެވެ. އެހެނެއް ކަމަކު ތަފާތު ހިޔަލުގެ މީހުންނާ ވާދަވެރިންނަށް ޑިކްޓޭޓަަރޝިޕެއް ހިނގާ ގައުމެއް ވާނީ ނަރަކަ އަކަށެވެ.
ގޮށްމުށުގެ ވެރިކަމެއް ހިނގާއިރު ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަކީ ކުށެކެވެ. ވެރިކަމާ ދެކޮޅުވެރި ގޮތަކަށް ބަލާލެވުނަސް އެމީހަކަށް ހަތަރެސްކަން ހަމަވާނެއެވެ. މޮޅެތި ޑިކްޓޭޓަރުން ގޮށްމުށުގެ ވެރިކަން ކުރާނީ ޑިމޮކްރަސީގެ ދުލި ގައިގައި ލައިގެން ދީނުގެ ނަމުގައެވެ. ދީނާއި ގައުމިއްޔަތު ދިދައަކަށް ނަގައިގެންނެވެ.
ގޮއްމުށުގެ ވެރިކަމެއްގައި ހިދުމަތް ދޭނަމުގައި ކަނޑާނީ އެންމެ ނިކަމެތިންގެވެސް ޖީބެވެ. އާއްމު ރައްޔިތުން ދިރިއުޅުމަށް ކުރާ އެންމެ އާދައިގެ މަސައްކަތްތައްވެސް ސަރުކާރުން ކުރާނެއެވެ. ރައްޔިތުމީހާ ގައިވީދައިގެން ހޯދާ މަދު ޢާމްދަނީ ކޮޅުން އެކި ނަންނަމުގައި ޓެކްހާއި ހިދުމަތުގެ އަގު ނަގާ ގައުމު ދަވާލުމަށްފަހު ހެޔޮފުޅުކަމުން ހިލޭދޭ އެއްޗެއްގެ ގޮތުގައި އަހަރަކު އެއްފަހަރު ދިއްކޮށްލާނީ އަތްގޮއްޓެއްގެ ކާނާކޮޅެކެވެ.
ގޮށްމުށުގެ ވެރިކަމަކަށް ރާއްޖެ މިހާރު މިވަނީ ފައްކަވެފައެވެ. މުއިއްޒުގެ ޝައިތާނީ ވެރިކަމުގައި ދިވެހީން ދެކެމުން ދާން މިފެށީ އެދުވަހެވެ. ވެރިންގެ ތުނބުން ވެއްޓޭ ބަތްފުށް ކައިގެން ނޫންގޮތަކަށް ބަނޑު ފުރާނަ މުއްތި ނުކުރެވޭ ވަރަށް މުއިއްޒު މިހާރު މިވަނީ އާއްމު ރައްޔިތުން ބިކާރީ ކޮށްލާފައެވެ. ހަގީގީ ގޮށްމުށު ވެރިކަމެއްގެ ހިތި ރަހަ ދިވެހީންގެ ރާއްޖޭން ފެންނަމުން ދާލެއް ހިތިވާނެއެވެ.