ފިކުރެއްގެ ދިރުމުގެ ގުނބޯ ސަރުކާރު
ރައީސް ގާސިމުގެ ސަރުކާރެއް ނުއޮންނާނެ! ގާސިމުގެ ވަޒީރެއް ނުހުންނާނެ!
ގާސިމަށް ވެރިކަން ލިބިއްޖެ ނަމަ ބާރުތައް ދަމައިގަންނަން ދީގެން ގާސިމު ހުންނާނެ ހެއްޔެވެ. ދައުލަތުގެ ހުރިހާ ބާރު ނަޝީދަށް ދީގެން ދައުލަތުގެ އެންމެ މަތީވެރިޔާގެ ނަން ހޯދައިގެން މާޓުކުރިއެއް ގޮތުގައި ގާސިމް ދަތް ދިލުވައިގެން ހުރެދާނެ ކަމަށް ނަޝީދަށް ހީވަނީތާއެވެ. ނަޝީދުގެ ހީލަތްތެރި ހުށަހެޅުމެއް ޖޫމްހޫރީ ތެރޭގައި ލާހިފުމަކީ ދުރުކަމެކެވެ. ބޮޑަށް ބެލެވެނީ ނުހިފާނެ ކަމަށެވެ.
ޖުމްހޫރީއަކީ އަބަދުވެސް މޫސުމީ ކަނދުފައްޗެއް ކަމަށް ނަޝީދު ދެކެއެވެ. އެކަން ގިނަ ބަޔަކަށް އެނގެއެވެ. އެމްޑީޕީގައި އެ ފިކުރު ނުދިރިގެން ލައްކަ މަސައްކަތް ކުރިއެވެ. އުޅެއުޅެ ނަޝީދަކަށް އެކަމެއް ނުވިއެވެ. ދުސްތޫރީ ބޮޑެތި ބަދަލު ތަކެއް ގެނައުމުގެ ފިކުރު އެމްޑީޕީގައި ފެން ނުހިފައިގެން އެ އޮތީ ޖުމްހޫރީއަށް ވައްދާފައެވެ. ފިކުރު ދިރޭވަރު މިފަހަރު އެނގޭނެއެވެ. ރިޔާސީ އިންތިހާބުގެ ކުރީން ވަތްކަނޑާނުލާ ތިބިއްޔާ މޮޅެވެ.
އާދަ ފޫވައްޓަނިވި ފަދަ ތަފާތު ގޮތަކަށްވެސް ނަޝީދުގެ ހުށަހެޅުމާ އެއްގޮތަށް ނިޒާމު ބަދަލު ވެއްޖެނަމަ ވަޒީރުން އަންނާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނެވެ. ރައްޔިތެއްގެ ވޯޓަކުން މަޖިލީހަށް ހޮވެވޭވަރުގެ މީހަކު ޖުމްހޫރީގައި ނެތްކަން ނަޝީދަށް ރަނގަޅަށް އެނގެއެވެ. މިހާރު އޮތް މަޖިލީހުގެ ދައުރު ދަންމާލައިގެން ބަރުލަމާނީ ސަރުކާރެއް އުފެއްދިޔަސް ވަޒީރުކަން ދޭންވެސް ނުދޭންވެސް މަޖިލީހުގައި ހުރީ ގާސިމް ފިޔަވާ ޖުމްހޫރީގެ އެންމެ މެންބަރެކެވެ.
ދިވެހި ދައުލަތުގެ ސިފަތަކަށް ނަޝީދު ގެންނާން އުޅޭ ބަދަލުތައް ގެނެސްގެން ރައީސް ކަމަށް ގާސިމް ހޮވިގެން ކުރާނީ ބަރުލަމާނީ ވެރިކަމެއްތާއެވެ. މަޖިލިހަށް އަލަށް މެންބަރުންނެއް އޭރަކު އަދި ނުހޮވޭނެތާއެވެ. މަޖިލީހުގެ އުމުރު ދަންމަލައިގެން މަޖިލީހުގައި ތިބެނީ މިހާރު ވެސް އެތިބަ މެންބަރުންނެވެ. އޭރަކުން ރައީސް ގާސިމުގެ ސަރުކާރެއް ރައީސް ގާސިމުގެ ވަޒީރެއް ނުހުންނާނެއެވެ. އޮންނާނީ ބޮޑުވަޒީރު ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ވެރިކަމެވެ. ވަޒީރުކަން ކުރާނީ ތޮއްޑޫ ގިޓާއާއި ހޯޑެއްދޫ ފިރުޝާނާއި ބޮންޑޭ މެން ކަހަލަ ގުނބޯލުންނެވެ.
އައިޝާއާއި އަމީނު އިބްރާހީމާއި ޑރ. ހުސައިނާއި އިލްހާމާ ނިހަނާއި އަލީ އާރިފާއި ނަވާޒާއި ޑރ. އާމާލާއި ޑރ. ނާޒް ފަދަ މީހުނަށް ވަޒީރުކަން ނުލިބޭ ސަރުކާރެއް ގާސިމް އިސްވެ ހުރެ އުފެއްދިޔަ ދޭނެހެއްޔެވެ. ނުދޭނެކަން ގައިމެވެ. މަޖިލީހަށް މެންބަރުން ތަކެއް އައްޔަނު ކުރެވޭ ގޮތަށް ނިޒާމަށް ބަދަލު ގެންނަން ހުށަހަޅާފައި އެ އޮތީ އެކަމުގެ ފަރުވާގެ ގޮތުގައި ދައްކައިގެން ގާސިމުގެ ބޮލަށް ހީލަތްތެރި ކަމުގެ ޗިޕް ޖަހަން ކަމަށް ބެލެވެއެވެ. އެ މަޅީގައި ގާސިމް ޖެހުން ގާތެވެ.
ސިޔާސީ ގޮތުން ފަށްކަނޑާން ޖެހި އިއްދައިން ކެނޑިފައިތިބި ކަސްބީން ތަކެއް މަތިފަޑީގައި ތިބި ކަނދުފަތި ގަނޑަކަށް އެގޮތްވެސް ފަހަރުގައި ކަމު ހިނގައިދާނެއެވެ. އުޅެއުޅެ ނުވިކަމެއް ވަންޏާ ބޮޑުފެންޑާގައި އެލުވާފައި ހުންނަ ޗާނދަލިއާއެއްހެން އޮޔެއް ވަޔެއް ނުޖެހި ނަމެއްގައި ހުންނަން ރުހެގެން ވެސް ހުރެދާނެއެވެ.