މުއިއްޒުގެ މުސީބާތުން ގައުމު ސަލާމަތް ކޮށްދޭނީ އަދުރޭ!

ގޮތް ދޫނުކުރުމާ ވިޔަރި ގަދަކަމަކީ ގައުމެއްގެ ވެރިއެއްގެ ސިފައެއް ނޫން

މުއިއްޒުގެ މުސީބާތުން ގައުމު ސަލާމަތް ކޮށްދޭނީ އަދުރޭ!

އަދުރޭއެވެ. އެމްޑީޕީ ދެކެއެރި ރުޅީގައި ދިވެހި ރައްޔިތުންނަށް ތިޔަ ޖެއްސީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ. ޖައްސާފައިވާ ގިލަންވެރިކަމުން ގައުމު ސަލާމަތް ކުރުމަކީ އަދުރޭގެ ޒިންމާއެކެވެ. މުއިއްޒަކީ އަދުރޭގެ ރޯލު މޮޑުލެއް ނޫނެވެ. ރުންކުރު މުއިއްޒުގެ މުސީބާތުން އެންމެ ފަސޭހައިން ދިވެހީން މިންޖުކޮށް ދެވޭނީ އަދުރޭއަށެވެ.

އަދުރޭ ނިކަން ވިސްނާލަ ބަލާށެވެ. މައިކެއް ކައިރިއަށް ހުއްޓެވޭ އިރަށް ވަނީ ވައުދެވެ. ބޮޑު އޯޑިއެންސެއް ކުރިމައްޗަށް ހުއްޓެވޭ އިރަށް ގަދަ ބަސް ބުނުމެވެ. ރައީސް މުއިއްޒުގެ ފުށުން ފެންނަނީ ތައުލީމެއް ބުއްދިއެއް ނެތް މޮޔައެއްގެ ފުށުން ފެންނަ ކަހަލަ ގަމާރުކަމާ ޖާހިލުކަމެވެ. މަވަރެއް ނެތިގެން ގަދަ ބަސްބުނުމާއި ސަޅިބައިސާ ކެނޑުމާއި އުނބަށް ޖެހުން ނޫން އެއްކަމެއް މުއިއްޒުގެ ފަރާތުން އެބަފެނޭ ހެއްޔެވެ.

އަދުރޭ ފިކުރުކޮށްލަ ބަލާށެވެ. ވެރިކަމަށް އަހަރެއް ވީއިރު ގައުމުގެ ވެރިމީހާ އަކީ ތިމަންނާކަމެއް މުއިއްޒަކަށް ނޭނގެއެވެ. ކަރުބުޑުން ނާރު ނަގާ ބާޒާރު ބައްޗާއެއްހެން ހާޅޭލުން ނޫންކަމެއް ނޭނގޭ ކަހަލައެވެ. ތިމާގެ ރައްޔިތުންގެ ތެރެއިން ވަކިވަކި މީހުނަށް އާއްމު ތަންތާ ހަނގާކުރުމާއި ފުރައްސާރަ ކުރުން ނޫން ކަމެއް ނެތް ކަހަލައެވެ. އިސްރާފު ބޮޑުވެ ޑޮލަރަށް ކޮށިއަރައިގެން ރަންބިސް އަޅާކުކުޅުގެ ބާނީން ހަވަރަށް ދޭން ގޮންޖަހާއިރު ދެއްކެނީ ބޮކުބާރުކަމެއްވެސް އެނގެނީއެއް ނޫނެވެ. ކިބުރުވެރިކަމާ ބޮޑާކަމުގައި އުޑެއް ބުޑެއް މުއިއްޒަށް ވަތްކެއް ވަނީއެއް ނޫނެވެ.  

އަދުރޭ ލޯހުޅުވާލަ ބަލާށެވެ. އުޅުމާއި ގުޅުންތައް ހުންނަ ގޮތުން މުއިއްޒަކީ ސިނކުޑީގެ އުނިކަމެއް ހުރި ބަލި މޮޔައެކޭ ނުބުނެވޭ ވަރެއް ނޫނެވެ. ދުނިޔެއަށް ލޯހުޅުވެ އާޖުފާޖު ކުޑަކޮށް އެނގޭ މީހަކު ނުކުރާވަރު ކަންކުރުމާއި ނުބުނާވަރު ވާހަކަ ބުނުން މުއިއްޒުގެ ކަށީގެ މަދުގައި ވަނީ ހިފާފައެވެ. އަންޑަރވޯޓަރ ބިއްލޫރި ޓަނަލް އެޅުމާއި އިންޑިއާ އަކީ ރާއްޖެއަށް ބުލީ ކުރާ ގައުމެކޭ މުއިއްޒުގެ ދުލުން ބުނެ އިންޑިއާއަށް ޖެއްސުމަށް ޑްރޯން ގަތް ހިސާބުން ބޮލަށް ބޭސްކުރަން ޖެހިފައި ހުރިކަމަށް ގަބޫލު ކުރެވެއެވެ. 

އަދުރޭ ދެވަނަ ވިސްނުމަކަށް ދޭބަލާށެވެ. މައިންބަފައިން ވަކިވެފައި ވުމުން މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުމުން މަހުރޫމުމެފައިވާ ދެމަފިރިންނަށް މުއިއްޒާއި ސާޖިދާ ވީތި ހަމްދަރުދީ ވަމެވެ. އެކަމަކު މައިންބަފައިންގެ ފުރިހަމަ ލޯތްބާއި އަޅާލުން ނުލުބުމުން ކުޑައިރުއްސުރެ ބާކީ އިހުސާސްވެ ދުނިޔެދެކެ ރުޅިއައުމަކީ ދިވެހިންގެ މައްސަލައެއް ނޫނެވެ. ތިމާ ބޭނުންވާ ގޮތް ނޫންގޮތަކީ ގޮތް ނޫންކަމަށް ދެކިގެން މައިން ބަފައިންނަށް ގޮތްދޫނުކޮށް އުޅުނު ވައްތަރަށް ރައްޔިތުން ކިބައިން އިންތިގާމު ހިފަން އުޅޭނެ ކަމެއް ނެތްތާއެވެ. 

އަދުރޭ އެއްބަސްވެ ބަލާށެވެ. ކުޑައިރުއްސުރެ ހަށީގައި ހަކި ހިފާފައިވާ ގޮތް ދޫނުކުރުމާއި ވިޔަރި ގަދަކަމަކީ ގައުމެއްގެ ވެރިއެއްގެ ސިފައެއް ނޫނެވެ. ރުންކުރުކަމާއި މަވެތިކަމާއި ޖަދަލުކުރުމަކީ ލީޑަރެއްގެ ގޮތެއް ނޫނެވެ. ގައުމެއްގެ ވެރިކަން ރައްޔިތުންދެނީ ތިމާ ބޭނުންވާހާ ގޮތަކަށް ކަންކަން ބަދަލުކޮށް ހިތުހުރި ކަމެއް ކުރާކަށް ނޫނެވެ. ރައްޔިތުންނަށް މޮޅާ ރަނގަޅުގޮތަކީ ތިމާ ބޭނުންވާ ގޮތްކަމަށް ނުވުމުން ތިމާ ބޭނުން ގޮތަށް ގައުމުގެ ކަންކަން ފޮރޮޅާލަން ހިތުހުރި އެއްޗެއް ހަދަންދެން ރައްޔިތުން ބަލާކަށް ނުތިބޭނެއެވެ.

އަދުރޭއަށް ވެސް ހުތުރެވެ. ބައިސާ ކެނޑުމާއި އުބަށް ޖެހުމަކީ ނިސްބަތްވާ ބައެއްގެ ކިބައިން ވާރުތަވެގެން އުޅޭ ކަމަކީތާއެވެ. ރުންކުރުކަމާއި ބޯހަރުކަމުގައި ކުރާހާ ކަމެއްވެސް ޖަހަމުން އެ ދަނީ އުނބަށެވެ. ނުކުރާނެ ކަމަށް ގަދައަޑުން ބުނި އެތައް ކަމެއް ދިމާ އިދިކޮޅަށް ކައްޗަށް ބަޅަށް ކޮށްފިއެވެ. ހަމަ ތެދެކެވެ. މުއިއްޒުގެ މުސީބާތުން ގައުމު މިންޖު ކުރެވޭނީ އަދުރޭއަށެވެ.