އަންނަ ތީރާއި އުންޑައިން ދިފާއުވާން އޮތީ ބާ ޓިނުގަނޑެއް
ބިރުން ފިލަން ނުގޮސް ވަންނާނީ ވަކީން ކޮން ވަލަކަށް
މިނިކާ ބާޒުތައް ފަހަތުގާ ތިބީ ޖަހައިގަންނާނެ ވަގުތަކަށް ބަލަބަލައެވެ. ރޯގިލަ ކަންފުޅެއް ނުވެގެން އަނގަ ކާލަ ކާލައެވެ. އާނއެކެވެ. މިނިކާ ބާޒުތަކުގެ ކަންކަން ހައްދުންމައްޗަށް ގޮސްފައިވަނީ މާބޮޑަށެވެ. ހައްދުން މައްޗަށް ނުދާ ވަކިކަމެއް ނެތެވެ. ޓިނުގަނޑަކުން ހުނި ގޮނޑިއަކުން ހުސްގޮނޑިއަކުން އުސްގޮނޑިއަކަށް އެރުމަކީ ކަންކަން ހައްދުން މައްޗަށް ނުގޮސް އޮންނާނެކަމެއް ނޫންތާއެވެ.
އިއްޔެގާ އެކީ އުޅުނު މިތުރުނާ އަޒީޒުނާ ވަކިވެ އެދަނީ އަޑަފި ހިއްޕަވައިގެން ހައްޕުޑު ބުރުވާތީ ކެތްނުކުރެވިގެންނެވެ. ކަޅުއޮށު ބަނޑުދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ފަނިހަންޖަކަށް ވުމުން ބަނޑުދޮށު ލައިގެން ގެންގުޅެ ބޮޑުކުރި ކަޅުއޮށް ކާލައިގެން ފަނިހަނދި ކަނޑު ބޭރުވުމަކީ ހައްދުން މައްޗަށް ދިޔުން ނޫން ކަމެއް ނޫނެވެ.
ގެންގުޅުނު ހުސް ގޮނޑީގައި ނުފެންނަ ތާކިހާ އަޅުވާފައި ބައިންދައިގެން އުޅުނު ރޫހާނީ ލީޑަރުގެ އުނގަށް އެކަކު އަތްލައިގެން، އަނެކަކު ފައި ފަލަމަސްގަނޑުގައި އަތް އަޅައިގެން ތުން ގުޅައިގެން ތިބެވުނު ހަނދާން ނެތުނަކަސް އެކަން ދެނަހުރި މީހުން ބައިވަރެވެ.
ސައިޒަށްވުރެ ބޮޑު މަރަވަޅިއެއް ފައިތިލަޔަށް މަހާލެވުނީމާ ކަންކަން ހައްދުން މައްޗަށް ދިޔައީތާއެވެ. އެކަމަކު އެންމެނަކު ތިބީކީ އެޅިހާ ބަތަކަށް ރިހަވެގެނެއް ނޫނެވެ. އެންމެންނަކު ބެޔަށް މަސް ވެގެނެއް ވެސް ނޫޅެއެވެ.
މިހާ އަވަހަށް ތީރުތަކާ އުންޑަތައް މެޔަށް އަމާޒުވެގެން އަންނަން އުޅޭތަން ފެންނަން ފެށީތާއެވެ. ހަފަރާތުން ތީރު ތަކާ އުންޑަތައް އަންނަން ފެށީމާ ގަންނާ ކުރެއްވި ބިރުން ފިލަން ނުގޮސް ވަންނާނީ ވަކީން ކޮން ވަލަކަށް ހެއްޔެވެ.
ވަށަވަށައިގެން ތީރުތަކާ އުންޑަތައް އަންނަން ފެށީމާ މޭދިއްކޮށްގެން އަމަށަކުން ނުހުރެވޭނެއެވެ. ފޫ ގޮސް ހަސްނެތިފައި އޮތް ބާ ޓިނުގަނޑެއް އައްޑަނައަކަށް ދިއްކުރިޔަސް ވާނޭކަމެއް ހަރާމުން ހަރާމެވެ.