މިފަހަރު ސްޕަރ މެޖޯރިޓީ ޑިމޮކްރެޓްސްއަށް!؟

އިބޫ ނޫން ގޮތެއް ނެތްކަމަށް ގަބޫލުކުރި އަދަދު އެއްލައްކަ ނުވަހާހަށްވުރެ ގިނަ

މިފަހަރު ސްޕަރ މެޖޯރިޓީ ޑިމޮކްރެޓްސްއަށް!؟

ރައީސް ނަޝީދަށް ވެފައި މިހުންނަނީ ކިހިނެއް ހެއްޔެވެ. އަބަދުވެސް އޮޔާވަޔާ ދެކޮޅަށް މަރުފަލި ޖެހުމަކީ ޖެހިފައި ހުރި ބައްޔަކީ ބާއެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިގެން އެމްޑީޕީއަށް ވެރިކަން ކުރަން ލިބުމުން އެވެރިކަން ހަރާބުކޮށްލީ ނަޝީދެވެ. އަސާސީ ހައްގުތައް ހަމަހަމަކޮށް ރައްޔިތުންނަށް ހޯދާދީ ގައުމު ހަމަ މަގަށް އަޅުވާން ލިބުނު ފުރުސަތު ގެއްލުވާލީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

ސަރުކާރުގެ އިދާރާތަކުގައި ކަތުރުފަނި އަޅުވާ ފަސްކޮށް ލަސްކޮށް ފާލުން ނައްޓާލީ ނަޝީދެވެ. މަޖިލީހުގެ ރިޔާސަތު ހިސޯރުކޮށްގެން އިނދެ އަމިއްލަ މަސްލަހަތުގައި އެމްޑީޕީގެ ވެރިކަމުގެ ލޭބަލް އެޅުވީ ނަޝީދެވެ. އަސްލެއްނެތް ތުހުމަތުތައް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އަޅުވައިގެން އިދިކޮޅަށްވުރެ އިދިކޮޅުވެގެން އުޅުނީ ނަޝީދެވެ. އަމާން ކަމާ އޮމަން ކަމާއެކު ހައްލުކުރެވެން އޮތް ކިތަންމެ ކަމެއް ހަމައިން ނައްޓުވާލާ އެމްޑީޕީ އޮޔަދުއްވާލަން އުޅުނީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ.

ނަޝީދު ޖެހިހާ ބެރަކަށް ނުނެށި މަޖިލިސް މެންބަރުންގެ ނިއްކުރީގައި ވައްކަމުގެ ޓެގް އަޅުވާ އެއްވެސް އަސާސެއް ނެތި އެމްޑީޕީގެ ސޫރަ ހަޑިކޮށްލި މީހަކީ ނަޝީދެވެ. އެމްޑީޕީގެ ރޫހުގައި ހިތާ ރޫހުން މަސައްކަތްކުރި ރޮޒޭނާމެން ފަދަ އެތައް ބަޔަކާމެދު މެންބަރުންނާއި ރައްޔިތުންގެ ހިތުގައި ނަފްރަތާއި ޝައްކު އުފެއްދީ ނަޝީދެވެ. ރައީސް ސޯލިހުގެ ވެރިކަމުގެ ބާރުތައް ނަޝީދުގެ އަތްމައްޗަށް ފުރޮޅާނުލައިގެން ކުޅުނު ގޭމް އަތަށް ގޮވުމުން ނަޝީދުގެ ފުރާނަ ދުއްވާލަން އުޅުއްވިކަމުގެ ނުރައްކާތެރި އިލްޒާމް ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުވީ ނަޝީދެވެ. ބޮޑުވަޒީރުކަން ނުލިބިގެންނެވެ. 

އެމްޑީޕީގެ ވިންދާ ދެކޮޅަށް އެތެރޭގައި ކުރިހާ މަސައްކަތް ބޭކާރުވެ ބޭޒާރުވުމުން މާބޮޑު ޑިމޮކްރެޓެއް ވެގެން ނިކުމެގެން ދިޔައީ ނަޝީދެވެ. އިދިކޮޅަށް ވުރެ އިދިކޮޅުވެގެން އުފެއްދި ޕާޓީ ގަނޑަށް ހަމަވީ ކިރިޔާ ތިން ހާހެވެ. އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. ދަ ޑިމޮކްރެޓްސް އިދިކޮޅާ ގުޅިގެން އިބޫ ނޫން ގޮތެއް ހޯދަން ނިކުތް ދަތުރުގައި ބޮޑުވަޒީރުކަން ނުލިބުނުތާ ރިޔާސީ އިންތިހާބުގައި ފަނަރަ ވަރަކަށް ހާސް ވޯޓު މުޅި ރާއްޖޭން ނުލިބުނެވެ. އަސްލު އެމްޑީޕީ އޮތީ އޮތް ގޮތަށެވެ. 

އިބޫ ނޫން ގޮތެއް ހޯދަން ވާދަވެރިން ގުޅިގެން އިބޫ ނޫން ގޮތެއް ހޯދިއިރު އިބޫ ނޫން ގޮތެއް ނެތްކަމަށް ގަބޫލުކުރި މީހުންގެ އަދަދު އެއްލައްކަ ނުވަހާހަށް ވުރެ ގިނައެވެ. ރާއްޖޭގެ ތާރީހުގައި އިންތިހާބެއްގައި ބަލިވި ކެންޑިޑޭޓަކަށް އެންމެ ގިނަ ވޯޓު ލިބުނު މީހަކީވެސް އިބޫއެވެ. އެހެން ކަމުން އަސްލު އެމްޑީޕީ އޮތީ އިބޫ ފަހަތުގައި ކަމާމެދަކު ޝައްކެއް ނެތެވެ. 

އެމްޑީޕީގެ ތިލަފަތް އޮތީ ޑިމޮކްރެޓްސްގައި ނޫންކަން ވަރަށް ސާފެވެ. އަސްލު އެމްޑީޕީ އޮތީ އިބޫއާއި އެކުގައިކަން މާބޮޑަށް ވެސް ސާފެވެ. ފާރަވެރި މަޖިލިސް އޭ ކިޔައިގެން ޑިމޮކްރެޓްސްއިން ކެމްޕެއިން ކުރިޔަސް ވާނެ ކަމެއް ހަރާމުން ހަރާމެވެ. ނަޝީދު ފަހަކަށް އައިސް ދެއްކިހާ ވާހަކައަކާއި ކުރިހާ ކަމެއް ވެގެން ގޮސްފައިވަނީ ޖަމަލު ފޮޑިއަށެވެ. 

ފާރަވެރި މަޖިލީހަށްޓަކާ މުއިއްޒުއަށް ސަނާކިޔައިގެންނާއި އޭނައަށް ކުރުނީސްކޮށްގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒުގެ މޮޅު ވާހަކަ ދައްކައިގެންނާއި މުއިއްޒުގެ ޕްރޮޕަގަންޑާ ހަބަރުތައް ފަތުރާ ދީގެން ލައްކަ މޮޅުވާނެއެވެ. މުއިއްޒު ވިއްކާ ދޮގު ދޮލަނގު ބޮލަށްލައިގެން ހިނގުމުން ލައްކަ މޮޅުވާނެއެވެ. އޭރުން ޑިމޮކްރެޓްސްއަށް މަޖިލީހުގެ ސުޕަރމެޖޯރިޓީ ލިބޭނެއެވެ.

ވާނީ އެހެންތާއެވެ. ފާރަވެރި މަޖިލިސް ހޯދަން ނިކުތް ދަ ޑިމޮކްރެޓްސް އޮތީ ފުށިދިއްގަރު ސްކޭމް ހިންގިއިރު ހަނެވެ. ޑްރޯން ވައްކަން ކުރިއިރު ނިދާފައެވެ. ތިނަދޫ އެއަޕޯޓު ޕޭޕާ ކުންފުންޏަކަށް ދިންއިރު ކޯމާއެއްގައެވެ. މުއިއްޒުގެ ސިޔާސީ މަގާމުތައް ހާހުން މައްޗަށްދާއިރު ލޯމަރައިގެންނެވެ. ވަޒީފާތަކުން މީހުން ވަކިކުރާއިރު ބަސް ހުއްޓިފައެވެ. ފޭކު ގައުމިއްޔަތެއް ފަތުރަން ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް ބަދަލުކުރާއިރު ވަގިނެތިފައެވެ. ރަށްރަށުގައި ފަށާފައިވާހަ މަސްކަތް ހުއްޓާލާފައި އޮތްކަން ނޭނގޭ ވަރަށް ހިނދުކޮޅުގައެވެ. ދޮގު މައްޗަށް ދޮގު މުއިއްޒު ހަދާއިރު ބީރުވެފައެވެ. އިންޑިޔާ ސިފައިންގެ ބޭލުންގަނޑު ނުފެންނަ ވަރަށް ކުދިކޮކާ ބުރާފައެވެ. މުއިއްޒުގެ ދަށް ގޮހޮރުން ލާފާ ދަ ޑިމޮކްރަޓްސް މި ދަނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ނެގުމާ ދިމާލަށެވެ. މަރުހަބާއެވެ.