ފަތުރާ އަންނިގެ ވީޑިއޯއަކުން މުއިއްޒު ކަޅާނުކުރާ ކަމަކަށްނުވާނެ!

55.8 ބިލިޔަން ރުފިޔާ ހިތަކަށްލިބި ކުރަންޖެހޭ ކަންކަންނުކޮށް މުއިއްޒު ބަޖެޓް ކަޅާކޮށްލި؟

ފަތުރާ އަންނިގެ ވީޑިއޯއަކުން މުއިއްޒު ކަޅާނުކުރާ ކަމަކަށްނުވާނެ!

49.3 ބިލިޔަން ރުފިޔާގެ މާސިންގާ ބަޖެޓަކާއި 6.5 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް 11 މަހުން ޕަކަޅާކޮށްލީ ރައީސް މުއިއްޒު ނޫން ދެވަނަ މީހެއްނޫނެވެ. 11 މަހުން އެ ދެ ބަޖެޓްގައި ހިމެނޭ ޖުމްލަ 55.8 ބިލިޔަން ރުފިޔާ ހޭދަކޮށް ތަޅާހުސްކޮށްލީ ދައުލަތާއި އާއްމު ރައްޔިތަކަށް މަންފާހުރި އެއްވެސް ކަމެއް ނުކޮށެވެ. 

55.8 ބިލިޔަން ރުފިޔާ ހިތަކަށް ލިބި ކުރަން ޖެހޭ ކަންކަން ނުކޮށް ބަޖެޓް ކަޅާކޮށްލީ ފާޅުގައެވެ. އެންމެ ފުރަތަމަ ހުވާކުރަން ފަންސަވީހަކަށް މިލިޔަން ހަރަދުކޮށްލިއެވެ. ބޮޑާކަމާ ގޮތް ދޫނުކުރަން، ދައްކަން ނުޖެހޭ ވަގުތެއްގައި 50 މިލިޔަން ޑޮލަރުގެ ލޯނެއް އަދާކޮށްލީއެވެ. އިންޑިއާއަށް ވާދަޔަށް އެތަށް މިލިޔަން ޑޮލަރެއް ހޭދަކޮށްގެން ތުރުކީން ނުއަގުގައި ބޭނުމެއް ނުހިފޭ ޑްރޯނެއް ގަތީއެވެ. އީދަށް ބޮކިދިއްލަން އެތައް މިލިޔަނަކުން ކުރީ އިސްރާފެވެ.

22 ވުޒާރާ ހަދައިގެން އެތަންތަން ހިންގުމަށް އައުވާނުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެން ކުލީގެ ގޮތުގައި އައުވާނުންނަށް ބަޖެޓުން ބައިއަޅާލީއެވެ. މުއިއްޒުގެ ބިޔަ ބޮޑު ސަރުކާރު ހިންގުމަށް ކޮންމެ އޮފީހެއްގެ އިދާރީ ހިންގުމަށާއި އިދާރީ މުއައްޒަފުންނަށް ބިލިޔަނުން ހަރަދުކުރިއެވެ. ދެތިންހާސް ސިޔާސީ މަގާމު އުފައްދައިގެން އެމީހުނަށް އަތްގުޅި ނުކާވަރުގެ ބޮޑު މުސާރަދީގެން ބަޖެޓް ތަޅާ ބުރުވީ ވެރިކަން ނަގަހައްޓާށެވެ.

ބައިހަދާފައި ރައީސާއި ވަޒީރުންގެ ބޮޑެތި ފައުޖުތައް ހަދައިގެން ފަސްޓް ކްލާހުގައި ދުނިޔެ ބަލަން ދަތުރުކޮށްގެންވެސް ބަޖެޓް ކައްވާލީއެވެ. ވެރިކަން ވެއްޓިދާނެ ކަމަށް ބިރުން މަޖިލީހުގައި ތިބި ހަށިވިއްކާ މެންބަރުން ގަތުމަށްވެސް ދައުލަތުގެ ބަޖެޓުން ނުސީދާކޮށް ގިނަ އަދަދަކަށް ފައިސާ ހަރަދުކުރި ކަމަށްވެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދަން ރިޝްވަތުގެ ގޮތުގައާއި ރަށްރަށަށް ޓީމުތައް ދަތުރުކޮށް ހެދުމަށް ބަޖެޓުން ހައްދެއްނެތް މިންވަރަށް ފައިސާ ހޭދަކުރުވިކަމުގެ ސާފު ހެކި އެބަހުއްޓެވެ. 

މުއިއްޒަށް ލިބުނީ ކިތަންމެ ބޮޑު ބަޖެޓެއް ނަމަވެސް އާސަންދައިގެ ހިދުމަތަށް ފައިސާއެއް ނުދައްކައެވެ. އާސަންދައިން ފައިސާ ނުލިބިގެން ބޭސް ފިހާރަތަކާއި ޕްރައިވެޓް ކްލިނިކްތަކާއި ހޮސްޕިޓަލްތައް އޮތީ ކަރުތާފެނުގައެވެ. ސަބްޑީ ދެއެއް ނުދެއެއް ނޭގުނަސް ކަރަންޓާއި ފެނަށް ރައްޔިތުން ދައްކަންޖެހޭ ފައިސާ ކުރިއަށްވުރެ ތިންހަތަރު ގުނަ ބޮޑެވެ. އެކި އަހަރަށް ބަހާލައިގެން ބަޖެޓުން ހޭދަކުރަން ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތައް ހުރީ ހުއްޓިފައެވެ. ކޮށްފައިހުރި މަސައްކަތްތަކަށް ފައިސާ ނުދީގެން މަސައްކަތް ކުރި މީހުން މަގުމަތިވެއްޖެއެވެ. މަސްވެރިން ކިރާ މަހަށް ފައިސާ ލިބެނީ މުޒާހަރާކޮށްގެން މަރަށް ފުރާނައަށެވެ. 

ރައްޔިތުންނަށް ހިދުމަތެއް ނުދީ ހެއްދެވިހާ މުސީބާތެއް ޖައްސަމުން 49.3 ބިލިޔަންގެ ބަޖެޓް ހުސްކޮށް ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކުރަން ބޭނުން ވުމުން ނުވާކަމަކަށް ހަދަން ނޫޅޭށެވެ. ވެރިކަމައިގެން ބޫތުކައިފާ ހުރި މީހަކު ކުރީ ސަރުކާރަށް ނިސްބަތްކޮށް މަޖިލީހުގެ ފްލޯރގައި ދައްކާފައިހުރި ވާހަކައެއް އައު ކޮށްކޮށްފައި ދެއްކިޔަސް މުއިއްޒު ދައުލަތުގެ ބަޖެޓް ކަޅާކޮށް ނުލާކަމަކަށް ނުހެދޭނޭއެވެ.