ބޭހެއްނެތް- ހޮސްޕިޓަލްތައް ހުއްޓެނީ- ބޭސް އެތެރެނުކުރޭ: މުއިއްޒު

ދަނޑި ދިގު އުނދުޅި ހެދިގެން ކަމަކު ނުދާނެ

ބޭހެއްނެތް- ހޮސްޕިޓަލްތައް ހުއްޓެނީ- ބޭސް އެތެރެނުކުރޭ: މުއިއްޒު

ޓްރާންސިޝަން މަރުހަލާގައި ކޮމެޓީތައް ހަދައިގެން ސަރުކާރުގެ އޮފީސް ތަކަށް ޓީމުތައް ދަނީ ސަރުކާރުގެ ހިނގުން ހުއްޓުނަނުދީ އޮތް ހިސާބުން ކުރިއަށް ދިޔުމަށް ތައްޔާރުވުމަށެވެ. ނިމެމުންދާ ސަރުކާރުގެ ކުށްހޯދާ ކުށް ދައްކާ ފަލީހަތް ކުރާކަށް ނޫނެވެ. ކުށްވެރިކޮށް ފިޔަވަޅު އަޅާކަށް ވެސް ނޫނެވެ. ސަރުކާރުން ކުރަމުން އަންނަ ކަންކަން ހުއްޓުވަން އަމުރު ނެރޭކަށްވެސް ނޫނެވެ. 

ހިނގަމުންދާ ސަރުކާރު ހިންގުމުގައި ހުރި ބަލިފައިތައް ދެނެގަނެ އައު ސަރުކާރު ހިންގުން ތަރުތީބު ކުރުމަށް ދެވޭ އިންތިގާލީ މަރުހަލާގެ ބޭނުން ކުރަން ވާނީ ފިތުނަ އުފައްދާކަށް ނޫނެވެ. ގޯސްކޮށް ހުރި ކަންކަން ދެނެގަނެ އެކަންކަން ރަގަޅުކޮށްގެން ސަރުކާރު ހިންގުމަށްޓަކާ އެ މަރުހަލާގައި އައު ސަރުކާރުން ޖެހެނީ ތައްޔާރުވާށެވެ. ހިނގަމުންދާ ސަރުކާރުގެ ގާނޫނީ ސައްހަކަން އޮންނަ އެންމެ ފަހު ވަގުތާ ޖެހެންދެން ޖެހޭނީ ކެތްތެރިވާށެވެ. 

އިންތިހާބީ ރައީސްގެ އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެއް ނޫނެވެ. ހިނގަމުން ދާ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ ހިނގާފައި އޮތްނަމަ އެކަމަކަށް ފިޔަވަޅު އަޅަން ޖެހެނީ އައު ރައީސް ގާނޫނީ ހުވާ ކުރުމަށް ފަހުގައެވެ. ސަރުކާރު ހިންގަން ޖެހޭ ގޮތުގެ އަމުރުތައް ނެރޭނީވެސް ވެރިކަމާ ހަވާލުވުމަށް ފަހުގައެވެ.

ތަނެއް ދޮރެއް ނުބަލާ އިންތިހާބީ ރައީސްގެ އޮފީހަށް މައުލޫމާތެއް ލިބޭ އިރަށް ކަމުގެ ދެކޮޅު ނުބަލާ ޕްރެސްއަށް އަރާ ވާހަކަ ދައްކައިގަތަކަސް ކަމަކު ނުދާނެއެވެ. ވެރިކަމާ ހަވާލު ނުވެވެނީސް ވެސް އެކަމުން ގެއްލެނީ ބަހުގެ އިތުބާރެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭގައިވެސް އެކަހަލަ ކިތަންމެ ކަމެއް ތިލަވެއްޖެއެވެ.

އިންތިގާލީ ކޮމެޓީއަކުން ގެނައި މައުލޫމަތާކާ ގުޅިގެން އިންތިހާބީ ރައީސްގެ އޮފީހުން އެގޮތަށް ދެއްކި އެއް ވާހަކައަކީ ރާއްޖޭން ބޭސް ހުސްވާ ވާހަކައެވެ. ބޭސް ނެތިގެން ހޮސްޕީޓަލްތައް ހުއްޓުމަކަށް ދާހިސާބުގައި އޮތް ވާހަކައެވެ. އެވާހަކަ ދެއްކިތާ ދެތިން ދުވަސް ފަހުން އިވުނީ ރާއްޖެއަށް ބޭސް އެތެރެކުރުމާބެހޭ އެއްބަސްވުމެއްގައި ސަރުކާރުން ސޮއިނުކުރާން އިންތިހާބީ ރައީސް އެދުނު ވާހަކައެވެ. 

ސަރުކާރު ހިއްސާވާ އެސްޓީއޯގެ މަސްއޫލިއްޔަތުގެ ތެރޭގައި ބޭހާ ކާޑާ ތެލާ ހުސްނުކޮށް ބެހެއްޓުމަށް ކަނޑައެޅިފައި އޮވެއެވެ. ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް އެސްޓީއޯއިން އެކަން ކުރުމަށް ރޭވިފައި އޮތް ގޮތަށް ތަރުތީބުން އެކަން ކުރަމުން ދާނެއެވެ. ބޭސް އެތެރެކުރުމަށް އެގްރިމެންޓް ކުރެވިފައި ހުންނަ ފަރާތްތަކާއެކު ވެވޭ އެއް ބަސްވުމުގެ މުއްދަތު ހަމަވުމުން އެގްރިމަންޓް އައުކުރުމާއި އެހެން އައު ފަރާތް ފަރާތާއެކު އެގްރިމަންޓް ކޮށްގެން ބޭސް އެތެރެ ކުރުމަކީ އެސްޓީއޯއިން މެދުކަނޑާނުލާ ވަކި ތަރުތީބަކުން ކުރަމުން އަންނަ ކަންކަމެވެ. އެކަންކަން އެސްޓީއޯ ފަދަ ދައުލަތުގެ ކުންފުނިތަކުން ކުރަނީ ވެރިކަމުގައި ތިބޭ ބައެއް ބަލައިގެނެއް ނޫނެވެ. 

އެސްޓީއޯ ހިންގަނީ ވަކި ގަވަރނިންގ ބޯޑަކުންނެވެ. އެ ބޯޑަށް މީހުން އައްޔަނު ކުރަނީ އެކަމަށް ހާއްސަ މުއައްސަސާއަކުންނެވެ. ރައީސްއަކަށް ހުންނަ މީހަކަށް އޮންނަ ފުރުސަތަކީ ކުންފުނީގެ ގަވަރނިން ބޯޑަށް ސަރުކާރުން އައްޔަނު ކުރަން ބޭނުންވާ ބަޔަކީ ކޮންބައެއް ކަމާމެދު ޕީސީބީއަށް ލަފާދިނުމެވެ. ކުންފުނި ހިންގަނީ ގަވަރނިންގ ބޯޑުން ކަނޑައަޅާ ގޮތަކަށެވެ. ވެރިކަމެއް ލިބެން އުޅުނަކަސް ކޮންމެ ކަމަކަށް ދަނޑި ދިގު އުނދުޅި ހެދިގެން ކަމަކު ނުދާނެއެވެ.