ގޯތި ލިބޭ މީހުން ލިސްޓް އިއުލާނުކުރުން މިއަދު!

ގޯތި ލިބޭ މީހުން ލިސްޓް އިއުލާނުކުރުން މިއަދު!

މިއަދު " ދަ ޕްރެޒިޑެންޓްސް އޮފީސް" ރައިސް އޮފީހުން ކޮއްފައިވާ ޓުވިޓާގައި ބުނެފައިވާގޮތުން ބިންވެރިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ގޯތީގެ މަޢުލޫމާތު ޙިއްޞާކުރުމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓަކްޗަރ އަދި ގެދޮރުވެރިންގެ ކޮމިޓީގެ މެންބަރުން މިއަދު 16:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާނެއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި، އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުންވެސް ގޯތިދިނުމަށް ނިންމައި ރައީސް ޞާލިޙްވަނީ އެކަން އިއުލާނު ކުރައްވާފައިވެއެވެ.

މިގޮތުން ބޯހިޔާވަހިކަމަށް އެދި ފޯމް ހުށައެޅުމުގެ މުހުލަތު ހަމަވިއިރު ހުށައަޅާފައިވާ 35،861 ފޯމްގެ ތެރޭގައި ބިންވެރިޔާ ސްކީމަށް ހުށައެޅި 15،164 ފޯމް ހިމެނެއެވެ. އޭގެ އިތުރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން 3 ކޮޓަރީގެ ފުލެޓަށް 14،489 ފޯމާއި، 2 ކޮޓަރީގެ ފުލެޓަށް އެދި 6،208 ފޯމް ވަނީ ހުށައަޅާފައެވެ.

ރައްޔިތުންނަށް ގޯތި ދޫކުރުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. މީގެ އިތުރުން މާލެ މީހުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން 4000 ފުލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.