ޖޭޕީގެ މިލަންދޫ ފަހުލަވާނު ހަބީބާ އެމްޑީޕީއަށް
އެމްޑީޕީއަށް ލިބުނު މި ކާމިޔާބަކީ ޖޭޕީއަށް ލިބުނު ބޮޑުގެއްލުމެއް
ށ. މިލަންދޫއަކީ ޒަމާނަށްސުރެ އެމްޑީޕީގެ މެޖޯރިޓީ ނަގަހައްޓަމުންދާ އެއްރަށެވެ. މިލަންދޫ ދާއިރައަކީ ރައީސް ސޯލިއުއަށް ކާމިޔާބު ދާއިރާއެކެވެ. މުޅި ދާއިރާގައި ތަފާތު ކުރުމެއްނެތި ހިންގަމުންދާ ތަރައްގީގެ މަސްރޫއު ތަކަކީ ރައީސް ސޯލިހު އެ ދާއިރާއަށް ބަހައްޓަވާ ގާތްކަން ހާމަކޮށްދޭ އެއްކަމެވެ.
މިލަންދޫ ގައި ޖޭޕީ ލީޑުކުރަމުންދާ ފަރާތަކީ ހަބީބާ އާއި އޭނަގެ އާއިލާއެވެ. މިލަންދޫން ޖޭޕީން ވަނީ މީގެ ކުރިން ބައެއް ކާމިޔާބީތައް ވެސް ހާސިލްކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީން ރަށްރަށަށް ކުރި ދަތުރުތަކުގައި އެންމެ ފާހަގަ ކޮށްލެވިގެން ދިޔަ އެއް ކަމަކީ ޖޭޕީގެ ޒަމާންވީ ސަޕޯޓަރު އަދި ބަދަލުވުމެއްނެތި ޖޭޕީގެ ހަރަކާތް މިލަންދޫއާއި މިލަންދޫ ދާއިރާގައި ހިންގަމުންދާ ފަރާތްކަމުގައިވާ ހަބީބާ އެމްޑީޕީއަށް ސޮއިކުރުމެވެ.
ހަބީބާ އެމްޑީޕީއަށް ސޮއިކުރުން ކުރިއަށް ގެންގޮސްފައި ވަނީ މިލަންދޫ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ހަބީބާގެ ފޯމާ ހަވާލުވެ ވަޑައިގަތީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ. ފޯމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން އަލީ ރިޒާ ވިދާޅުވީ ، މިއީ ތާރިހީ ކާމިޔާބީއެއްކަމަށާއި ކުރިއަށް އޮތްތަނުގައި ނަތީޖާތައް ދެގުނަ ކުރުމަށް ލިބެގެން ދިޔަ ފަހި ފުރުސަތެއް ކަމަށެވެ. މި ރަސްމިއްޔާތުގައި މިހާރު މިލަންދޫއަށް އަންނަމުންދާ ތަރައްގީއާއި ،ކުރިއަށް ރޭވިފައިވާ ކަންކަމަށް އަލި އަޅުވާލެއްވިއެވެ. މި ރަސްމިއްޔާތުގައި އެމްޕީ އަލީ ރިޒާގެ އިތުރުން އެމްޑީޕީގެ ގިނަ ސަޕޯރޓަރުންނާއި އެކު ސަރުކާރުގެ ވުޒާރާތަކުގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަތެވެ. ސޮއިކުރެއްވުމަށްފަހު ހަބިބާ ވިދާޅުވީ ސަރުކާރުން މިލަންދޫއައް ގެންނަމުންދާ ތަރައްޤީ ހުއްޓެން ބޭނުން ނުވާކަމަށާއި ، މިލަންދޫ ދާއިރާގެ މެންބަރާއި ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިލަންދޫއާއި މިލަންދޫ ދާއިރާއަށް ގެނެސްދެއްވާ ތަރައްގީ ބަލައިގަންނަ ކަމަށެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ފައިދާހުރި ގޮތަކީ ދެވަނަ ދައުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވުން ކަމުގައެވެ. ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވެސް އިސްކޮށް ހުންނެވީ ހަބީބާއެވެ. މި ފޯރިގަދަ ހަރަކާތް ނިމިގެން ދިޔައީ ރަޢީސްގެ ކެމްޕެއިން ޕޯސްޓާރ ހަރުކުރުމާއިއެކު މެންބަރުގެ ހާއްސަ ސައިފޮދަކާ އެކުއެވެ.