ރާއްޖެ މިދަނީ އެންމެބޮޑު ގޯހާ ދިމާއަށް

ދިވެހީންގެރާއްޖެ ކިޔާ ބޮޑު ސްކޭމެއް ހިންގައިގެން އަލުން އަނބުރާ ގެނައީ ކުރީގެ އަނިޔާވެރިކަން

ރާއްޖެ މިދަނީ އެންމެބޮޑު ގޯހާ ދިމާއަށް

30 އަހަރުވަންދެން ރާއްޖޭގައި އެކަކު ވެރިކަމުގައި ހުރި ހުރުން ނިމުމަކަށް ގެނައީ ދެންވާ އެހެން ގޮތެއްނެތި، އިތުރަށް ކެތްކުރެވޭނެ ހަމަ އެއްވެސް ފަދައެއް ނެތުނީމައެވެ.

ކެތްނުކުރެވުނީއޭ ބުނީމާ ހީވަނީ ހަމަ ތިބެފައި ނުކުމެ ވެރިކަން ބަދަލުކުރީހެން ހެެއްޔެވެ؟ ނޫނެކެވެ. އެކަން ކުރީ ހަށިތަކާ ކަށިތައް އަނިޔާވެރި ކަމުގެ ކުރިމައްޗަށް ހިލޭ ސާބަހަށް ގަސްތުގައި ކުރިމަތި ކުރާން ކެރުނު ހިތްވަރުގަދަ ދިވެހި ޒުވާނުންގެ އެޖީލު ނުކުމެ އަނިޔާ އާއި ލާ ހަފުސްވެ ހިމުން ވެގެންނެވެ. 

އެއީ، އެއްވެސް އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތުން މަނާ ޒަމާނެވެ. ދެތިން ނޫސް ނިކުންނަނީ ހަމަ އެކަނި ސަރުކާރަށް ސަނާ ކިއުމަށްޓަކައެވެ. އެއިން ނޫހެއްގައި ލިޔެވޭ އެއްޗެއްގެ ދެފޮޅުވަތް ދޭތެރެއިން ވެސް ސަރުކާރާ އިދިކީލި މާނައެެއް ދޭހަވިތަ؟ އެހިސާބުން ހަތަރެސްކަން ހަމަވީއެވެ. ލިއުނު މީހާއާ ނޫހުގެ މަސްއޫލްވެރިންނާ ޗާޕްކޮށްދޭ މެޝިނަށް ދަންދެން ކުއްވެރިވެއެވެ. 

އެއީ ބުނެވޭ ބަހަކުން ނުވަތަ ކުރެވޭ އިޝާރާތަކުން ނޫނީ ބަލާލެވޭ ގޮތަކުންވެސް ސަރުކާރާމެދު ނުރުހުމެއް އޮތްކަމަށް ފާހަގަވެއްޖެނަމަ މީހާގެ ދުވަސްދިޔަ ދުވަސްވަރެވެ.

އޭރުގެ ހަގީގަތް: 

ފުރޮޅުކަހާފައި އަންނަ ފުލުސް ޖިޕަށް މީހާ ނަގާ ހޫރާލުމަށް ފަހު ޕަޕަސް ލާފައި ދޮރުތައް ޖަހާ އައިވަރަށް ވުރެ ބާރަށް ނައްޓާލައިގެން ދާއިރު އާއިލާ އާއި އަވަށްޓެރިން ތިބެން ޖެހޭނީ ޝަހާދަތުގެ މަތީގައެވެ. ޖަލުގެ އަނިޔާއިން ސަލާމަތްވެގެން އެފަކީރަށް އާދެވޭނެތޯ ނުވަތަ ނޫންތޯގެ މަތީގައެވެ.

އެއީ ހިއުމަންރައިޓްސް ނުވަތަ އެނޫންވެސް މިނިވަން މުއައްސަސާއެއް އޮންނަން ޖެހޭކަން ދިވެހިން ނުވެސް ދަންނަ ދުވަސް ވަރެވެ. ދިފާޢީ ވަކީލުންނަކީ އުޅޭ ބައެއް ނޫނެވެ. އެކި ތުހުމަތުގައި ޖަލަށް ގެންދެވޭ މީހުންނަށް އޮންނަނީ ފުލުހުން ބުނާ ގޮތަށް އެެއްބަސްވާ އިއުތިރާފް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމެވެ. އޭގައި ލިޔެފައި އޮތީ އޭނާ އިންސާނަކު ރޮލާކޭ ކަމަށް ވިޔަސް ވަރިހަމައެވެ. ސޮއި ނުކުރަންޏާ އަނިޔާއާ ކުރިމަތި ލާންވީއެވެ. މީހާގެ ހަމަ ބުއްދިފިލާ ވަރަށް އަނިޔާކޮށްފައި އަތުލަފިކޮށްގެން ކޮމިޝަނަރ އާދަމް ޒާހިރުގެ ކުރިމައްޗަށް ގެނައުމުން ފުލުހުން ލިޔާނެ ގޮތަކަށް ބަޔާން ލިޔަން ހުސްގަނޑެއް ދިނަސް ސޮއިކުރަން އެއްބަސްވީ ކިތަންމެ ބަޔެކެވެ. މިއަދަކީ އާދަމް ޒާހިރު އިރުކޮޅަކާ ޢުމްރާއަށްދާ ދުވަސްވަރެވެ. އެކަމަކު އެއީ އެދުވަހު ކަންއޮތް ގޮތެވެ.

އެއްހުޅުބިޑިއާ، ކީސް ބިޑިއާ، މީހާ ލަނބާ ވާންކޮށް އަބަދު ގުދަށް އޮންނަންޖެހޭ ޗޭނުބިޑިއެވެ. ނޫނީ އަނދަގޮނޑިއެވެ. ނުވަތަ އެންގަލަށް ނެގިގެން ވައިގެ ތެރޭގައި  ވޭންދެނިވި ގޮތަކަށް އެލުވިގެން އޮތުމެވެ. ޖަލުގެ އަނިޔާގެ ރަސްމީ މެނިއުގެ ބޭރުން އިތުރު ސައިޑް ޑިޝްތައް އަދި މާ ކުޅިގަދައެވެ. 

ފުރަގަހަށް ދެއަތް ދަމާ ވާންކޮށް ރުއްރުކާލައި ބިޑިއަޅުވާފައި ނިދިޔަނުދީ ކޮޅަށް ބަހައްޓައިގެން ޑިއުޓީ އޮފިސަރުން ބޮއެފަ ބާކީ ހުންނަ ޖޫހާ ކިރުސައި ޖަގު އެމީހާ ގަޔަށް ޖެހުމެވެ. ކަނޑާއާ ހިނިއަރައިގެން ގައިގެ އެތަން މިތަނުގައި ހެފުމާ ލަވާ ހަޅޭކުން ޑިއުޓީ އޮފިސަރުން ނިދި ފިލުވާ މަޖާ ނެގުމެވެ. ފޫހިވީމާ ނިދާފައި ތިބޭ ގައިދީން ފައްޗަކަށް ބިޑިއަޅުވައިގެން ބޭރަށްނެރެ ދުވަން އެންގުމެވެ. އެދާގޮތަށް ގޮސް މެންދަމު އެންމެން މޫދަށްލުމެވެ. ފައްޗަކަށް ދުވާއިރު ވެއްޓިއްޖެ މީހަކާ ހުރެ އޭނާއާ ދެންތިބި މީހުންނަށް ލިބޭ އަނިޔާއެވެ. 

ބިޑި ފަތީގައި ހާޖަތަށް ދެވިއްޖެ ނަމަ އެންމެންގެ ތެރޭގައި ހާމައަށް ތާހިރުވާން އެންގުމާއި. މީހުންތެރޭ ބަރަހަނާކޮށް ދަށު ދަރަޖައިގެ ލަދުހުތުރު އަމަލު މަޖްބޫރު ކުރުމެވެ.

މިހާލުގައި މީހުން ޖަލުގައި އުޅެމުންދާއިރު ކުއްލިއަކަށް އެތަނުން މީހެެއްގެ ފޮޓޯ މާލޭގައި ހުންނަ ޕްރިޒްންސް ޑިވިޝަންގެ ބޭރުގައި ހުންނަ ނޯޓިސް ބޯޑަށް އަރަނީ ޖަލުން ފިލައިގެން ހޯދާ މީހެއްގެ ގޮތުގައެވެ. އޭނާ އަށްވީ ގޮތަކާ ޖަލުން ފިލިކަމަށް ބުނާ ހާދިސާ ދެނެވޮޑިގެން ވާނީ މާތްރަސްކަލާނގެއެވެ. އެ މީހާވީ ކަނޑު ފައްތާފައި ކަމެއް ބިމުއަޑީގައި ކަމެއް އެނގޭމީހަކު ނޫޅެއެވެ. އެހިސާބުން އެމީހާގެ ކަންތަށްނިމި، ތަހުގީގު ކުރަމުން ދިޔަ ކޭސް ނިމުނީއެވެ.

މިހެން އޮތް ދުވަސްވަރު ފުލުހުންގެ ޖިޕްގައި ހައްޔަރަށް  ގެންދާ މީހާގެ ވާހަކަ އިސްވެ ބުނެފީމެވެ. ސަރުކާރަށް ފާޑުކިއުމަށް ހިތަށް އަރާނެ ނޫސްވެރިއަކު ލިއުންތެރިއަކު ނުވަތަ ޅެންވެރިއަކު އޭރުނެތީ ހިތުގައި އެއްޗެއް ނެތިގެންނެއް ނޫނެވެ. ގަންނާ ކުރައްވާ ބިރުންނެވެ. 

އަނިޔާ އިޔާދަވަނީ ކިހިނެތް:

މި އަނިޔާވެރި ކަމަށް ސަނާ ކިޔަން އޭރުގެ ހަވީރު ނޫހުގައި އުޅުނު ޝަހީބް މިހާރު އެހުރީ ރައީސް އޮފީހުގެ ތަރުޖަމާނަކަށެވެ. އޭރުގެ ހުންނަ ހަމައެކަނި ޓީވީ ކަމަށްވާ ޓީވީއެމްގައި އެ އަނިޔާ އޮފުދާރު ކުރަން އުޅުނު ހޭޔަންބޯ ޚަލީލު މިހާރު އެއީ ރައީސް އޮފީހުގެ މީޑިއާ މިނިސްޓަރެވެ. ކަންމިހެން އޮތްއިރު މި ސަރުކާރުން މީޑިއާއަށް ހުރަސް ނާޅާ، ނޫސްތައް ބްލޮކް ނުކުރުމަކީ އަޖައިބެކެވެ. 

ޚުދުމުޚްތާރު އަނިޔާވެރިކަން ބަލިކޮށް ރާއްޖޭގެ ރައްޔިތުންނަށް ޚިޔާލުފާޅު ކުރުމާ ދުލާ ގަލަމުގެ މިނިވަންކަން ގެނައީ ފާޅުގައި ނިކުތް އެމްޑީޕީ ޖީލު ދޫނުދީ ހާމައަށް ތަހަންމަލު ކުރި އަނިޔާއިންނެވެ.

2008 ނޮވެމްބަރ 11 ގެ ފަހުން ހީކުރެވުނީ އަނިޔާވެރިކަން ނިމުމަކީ ދިވެހިން އުފާވާ ކަމެއް ކަމަށެވެ. ކަންވީ އެހެނެއް ނޫނެވެ. 2008ގައި ވޯޓުން ބަލިވިޔަސް އަނިޔާވެރިކަން އިއާދަ ކުރަން ބޭނުން ދިވެހިން ނުކުމެ ގަދަބާރުން މަގުމަތިން ވެރިކަން ވައްޓާލިއެވެ.

ދީނާ ގައުމާ ހުއްބުލްވަތަނީ ބަސްތަކަކީ އަނިޔާވެރިކަން އަނބުރާ ގެނައުމަށް އަބަދުވެސް އެ މީހުން އަތުރާ ކެހިވެރި ބަސްތަކެވެ. އެއީ ރައީސް ޔާމީނަށް ބެހެއްޓި ހުސްގޮނޑި ފަދަ ހުސްހޮޅި ވާހަަކަ ތަކެވެ. 

އޭރުވެސް މިހާރުވެސް ރާއްޖޭގައި މިހިނގާ ކަމަކީ އަނިޔާވެރިކަމަށް ދެވިހިފާފއިވާ ހިތްތަކުން އަނިޔާވެރިކަން އަނބުރާ ގެނައުމުގެ ސިލްސިލާއެވެ.

އަނިޔާއާ ގޮއްމުށުގެ ބާރަށް ހިތްޖެހިފައި ތިބޭ މީހުން އަނިޔާއާ ދެކޮޅު ވާނީ ހަމައެކަނި އެ މީހުންނަށް އަނިޔާލިބޭ ވަގުތު އެކަންޏެވެ. ކާނަލް ނާޒިމް އާއި އަބްދުއްލާ  ރިޔާޒަކީ ކުރިން ބުނި އަނިޔާވެރިކަން ހިނގިއިރު އެކަނި މުހަންމަދު ހޮޓާ ހިންގިހެން އޭރު ފުލުހުންނާ ސިފައިންގެ ތެރޭގައި އަތްއަނބުރާފައި އުުޅުނު 2 މީހުންނެވެ. އެ މީހުންނަށް އަނިޔާވެރިކަން ކަމު ނުދިޔައީ ހަމައެކަނި އެ މީހުން ޖަލުގައި ހައްޔަރު ވުމުންނެވެ. 

2018ގައި އެމްޑީޕީ ވެރިކަމަށް އައިސް އެ މީހުން މިނިވަންވުމާ އެކު އުޅުނުގޮތާއި މިހާރު ގޮސް އެތިބަ ތަން ދެކޭށެވެ. ގާސިމާއި ސަން ސިޔާމަކީ ވެސް ހަމަ އެ އަނިޔާވެރި ޒަމާން ޖަރީކޮށްގެން މުއްސަނދިވާން އުުޅުނު އަނިޔާވެރިކަމަށް ހިތްޖެހިފއި ތިބި މީހުންނެވެ. 

ހެޔަންބޯ ޚަލީލާއި ޝަހީބާ ދެމީހުން ނޫސް ތައް ބަންދުކުރަން ފޫގެޅި ގޮތަށް ގާސިމާއި ސަން ސިޔާމްގެ އަމަލު ހުންނަގޮތް ފެނެއެވެ. މިހާރު ގޮސް އެރި އެތިބީ އެމީހުންގެ އަސްލިއްޔަތާ ގުޅޭ އަސްލު ޖަމާޢަތުގެ ތެރެއަށެވެ. 

މިބާވަތުގެ އަނިޔާވެރިންނަށްވާ ވަރަކީ މިމީހުން ތާށިވީމާ، އަނިޔާވެރިކަމާ ދެކޮޅު ދިވެހިން ނުކުމެ އެމީހުން އެކަމުން މިންޖުކުރަން ތެޅިފޮޅެން ޖެހުމެވެ. ހައްގުތަކާ ނޫސްވެރިކަމާ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދަން ޖެހެނީ އެހެން ބަޔަކަށެވެ. ތިމާމެނަށް ހަމަނޭވާ ލެވި ގައުމަށް ހަމަ ޖެހުން ގެނެވި އަތްފައިގައި ވަރުޖެހުމާ އެކު އަނެއްކާ ދުއްވައިގަންނަނީ އަނިޔާވެރިކަން އިޢާދަ ކުރުމަށެވެ.

އާޚިރު ނަތީޖާ:

ރާއްޖެއަށް ވީގޮތާ ވަމުންމިދާ ގޮތުން އެނގެނީ ކުރެވޭ ސިޔާސީ ހަނގުރާމަ އަކީ އަނިޔާއާ ނިޔާއާ ދެމެދު ހިނގާ ކަމެއް ކަމެވެ. ނިޔާ ގަދަވެއްޖެ ނަމަ އަނިޔާ އެނބުރި އަންނަން ގަދަފައި ވިއްދައިގެން އެކަން ކާމިޔާބު ކުރެއެވެ. އަނިޔާއަށް ހިތްޖެހި އާދަވެފައި ތިބި އެންމެން އެއްތަންވެ އެކަމާ އުޅޭ ގޮތް ގާސިމާއި ނާޒިމާއި  ރިޔާޒާއި ސިޔާމާއި ޚަލީލާ ޝަހީބު އެއުޅޭ  ގޮތުން ސާފުކޮށް ފެނެއެވެ.

ޖީލު އާވެ އުފަންވާ ގޮތަށް ލާއިންސާނީ އަނިޔާއާ ނާއިންސާފަށް ލޯބިކުރާ މީހުންނަކީ ވެސް އުފަންވެ ހެދިބޮޑުވާ ބައެކެވެ. އަނިޔާވެރިކަމަށް ލޯބިކުރާ ޒުވާނުން މި ފެންނަނީ އެހެންވެގެންނެވެ.

ދިވެހީންގެރާއްޖެ ކިޔާ ބޮޑު ސްކޭމެއް ހިންގައިގެން އަލުން އަނބުރާ ގެނެސްފައި މިވަނީ ކުރީގެ އަނިޔާވެރި ގޮތްގަނޑުގެ އާފެށުމެކެވެ.

ބުނީމާ ގަބޫލު ކުރާށެވެ. މި ސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ އަންނަ ދައުރުން ބާރެއް ލިބިއްޖެނަމަ، އެއީ ގޯހުގެ މައްޗަށް ދިވެހިން ހަދާނެ އެންމެ ބޮޑުގޯހެވެ.