ކޮމެޓީ ކޮޓަރިތައް ތަޅުލީ ނަޝީދު
ނަޝީދު ގެންދަވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވަމުން
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ކޮޓަރިތައް ތަޅުލައި އެތަންތާ މަސައްކަތްކުރުވުން ހުއްޓުވައިފިއެވެ. މިހާރު ހުރީ ހުރިހާ މޮމެޓީ ކޮޓަރިތަކެއް ތަޅުލައި ބަންދުކޮށްފައެވެ. މަޖިލީހުގެ އިމާރާތުގައި ކޮމިޓީތަކަށް ކަނޑައަޅާފައިވާ ހުރިހާ ކޮޓަރިތަކެއްގައި ހުރީ ތަޅު އަޅުވައި މެމްބަރުންނަށް ނުވަދެވޭ ގޮތަށް ހަދާފައިވާ ކަން މަޖިލީހުގެ ބައެއް މެންބަރުން ކަށަވަރު ކޮށްދެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ އިމާރާތް ކޮންޓްރޯލް ކުރުމާއި މަޖިލީހުގެ ގޯއްޗާއި އިމާރާތަކީ މަޖިލިސް ރައީސްގެ ބާރުގެ ދަށުގައިވާ ތަންތަނެވެ. އެހެންކަމުން މަޖިލީހުގެ ކޮމެޓީ ކޮޓަރިތައް ތަޅުލާ މަޖިލީހުގައި މަސައްކަތް ނުކުރެވޭނެ ގޮތް ހެއްދެވީ ސީދާ މަޖިލީސްގެ ރައީސް މުހައްމަދު ނަޝީދުކަމަށް ގިނަ މެންބަރުން އިއްތިފާގުވެއެވެ.
ރިޔާސަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަތަކެއް ވައްދައި ވޯޓު ނެގުމަށް ވެރިކަން ކުރަމުންދާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)އިން މަސައްކަތް ކުރަމުން ދާ ދަނޑިވަޅެއްގައި މަޖިލީހުގެ އިދާރައީން މިކަން ކުރީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ގެ ބާރާ ނުފޫޒުން އެ މީހުން މަގާމުގައި ދެމި ތިބުމަށް މަޖިލީހުގައި މަރުތަޅު އެޅުވުމުގެ ގޮތުން ކަމަށް ބެލެވެއެވެ. މިހާރު ވެސް މަޖިލީހުގެ ރިޔާސަތާއި މެމްބަރުންނާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމުގައި މަޖިލީހުގެ މަސައްކަތްތައް އެއްކޮށް ވަނީ ހުއްޓިފައެވެ.
އެމްޑީޕީގެ 13 މެމްބަރަކު ޕާޓީން ވަކިވުމުން ދާއިމީ ކޮމިޓީތަކުގެ ކޮންޕޮސިޝަން އަލުން ތަރުތީބު ކުރަން އޮތީ ޖެހިފައެވެ. ކޮމިޓީ ތަކުގައި ޕާޓީ ތަކުގެ މެމްބަރުންގެ އަދަދަށް ބަދަލު އައުމުން ކޮމެޓީތައް އަލުން ތަރުތީބު ކުރުމުގެ މަސައްކަތް ކުރެވޭނެ ގޮތުގެ ހައްލު މަޖިލީހުގެ ރިޔާސަތުން ވަނީ ނުހޯދައެވެ.
ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 54 މެމްބަރުންގެ ސޮޔާ އެކު ވަނީ ވައްދާފައެވެ. އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރާމެދު ގޮތެއް ނިންމުމުގެ ކުރިން އެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު ރައީސް ނަޝީދު ގެންދަވަނީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުއްވާ ލައްވަމުންނެވެ.