ގެއްލުނު އެއްޗެއް ނަގާލީ ކުރީގެ ބަންޑާރަ ނައިބުން
ބަހަން ޖެހުނީ ރާއްޖޭ ކަޑުގެ ގާނޫނުގެ ސަބަބުން
ހާއްސަ އިގްތިސާދީ ސަރަހައްދު ޗާގޯސްއާއި ފުށުއަރާ މައްސަލާގައި ސަރުކާރުން އަމަލުކުރިގޮތް ކުށްވެރިކޮށް ފުންނާބު އުސް ކުރީގެ ބަންޑާރަ ނައިބުން އެކި ކަހަލަ ފެން ނުހިފޭ ހުއްޖަތް އެބަ ދައްކަވައެވެ. ކުރިން ވިދާޅުވަމުން އައީ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމަށެވެ. ދެން ދައްކަވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އަދި މޮރިޝަސްއަށް ނެތްކަމަށް ބުނެ ދައްކާ ހުއްޖަތެވެ. މިހާރު ޗާގޯސް ވާހަކަ ގޯހަކަށް ވެއްޖެއެވެ. މިހާރު ދައްކަވަނީ ސަރަހައްދުން ބައެއް ދޫކޮށްލައިގެން އުޅޭ ވާހަކައެވެ. ޗާގޯސްގެ ރާއްޖޭގެ ބަޔެއްކަމަކަށް މިހާރަކު ނުވެއެވެ.
ރައިސް ސޯލިހުގެ ސަރުކާރުން ވެސް ކުރީން ގަބޫލު ކުރީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ނެތް ކަމަށެވެ. ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލު ކުރުމުގައި ސަރުކާރުން ގޯސްތަކެއް ހަދާފައިވާ ކަމަށް ދައްކަން ރާގުރާގަށް ވާހަކަ ދައްކަވަނީ ފިތުނަ އުފެއްދުމަށެވެ. ސިޔާސީ ބޭނުމުގައެވެ. އެކަމަކު އެކަމުގައި ސަރުކާރުން ގޮތްދުކުރީ ކީއްވެކަން ވަރަށް ސާފެވެ.
އެއްބަހެވެ. އިގްތިސާދީ ސަރަހައްދެއް އޮންނާނީ އެ ސަރަހައްދެއްގެ މަންފާ ހޯދާނެ ބަޔަކު ތިބި ތަނަކަށެވެ. ކުރިން ޗާގޯސްއަކީ ބަޔަކު ދިރިނޫޅޭ ވަކި ގައުމަކަށް ނިސްބަތްނުވާ ފަޅުތަނެކެވެ. އެހެން ކަމުން ޗާގޯހުގެ އިގްތިސާދީ ސަރަހައްދެއް ނުއޮންނާނެއެވެ. އެހެން އެކަން އޮތްއިރު ޗާގޯހާ ރާއްޖެއާއި ދެމެދު އިގްތިސާދީ ސަރަހައްދުގެ ފުށުއެރުމެއް ވެސް ނެތެވެ. ޖެހުނު މައްސަލައެއް ވެސް ނެތެވެ. މި ސަރުކާރުން ކުރީން ހިފެހެއްޓީ ވެސް އެ ހަމައެވެ.
މޮރިޝަސް އާއި ރާއްޖެއާއި ދެމެދު ހާއްސަ އިގްތިސާދީ ސަރައްދުގެ ފުށުއެރުމެއް އޮތްކަމަށް ބުނެ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނުގައި ވާގޮތަށް ފުށުއަރާތަން ބަހާލުމަށް މޮރިޝަސް އިން އެތައް ވާހަކައެއް ރާއްޖެއާ ދެއްކިއެވެ. ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއެރުމެއް އޮތްކަމަށް އޭރު ރާއްޖޭން ނުދެކޭތީ ރާއްޖޭން އެކަން ކުރުމަށް މިސަރުކާރުން ދެކޮޅު ހެދިއެވެ. އެންމެ ފަހުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ވެއްދީއެވެ. އެ މައްސަލައަކީ މޮރިޝަސްއަށް ރާއްޖެއާ ދެކޮޅަށް އިޓްލޮސް ގައި ބެލޭނެ މައްސަލައެއް ނޫންކަމަށް ބުނެ މުޅި މައްސަލައާއި ރާއްޖޭން ދެކޮޅު ހެދީ މި ސަރުކާރުންނެވެ. ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެންމެ އިންޗިއެއްވެސް ގެއްލެން ބޭނުން ނުވާތީއެވެ.
ރާއްޖޭން އެގޮތުގައި ސާބިތުވެ އޮވެ މި ސަރުކާރުން މަސައްކަތްކުރިއެވެ. އދ ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ރާއްޖޭން މޮރިޝަސްއާއި ދެކޮޅަށް ވޯޓު ދިނީވެސް މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބި ދާނެތީއެވެ. އެކަމަށް އޭރުވެސް މި ސަރުކާރުން ދެކޮޅު ހެދީތީއެވެ. ރާއްޖޭން ކިތަންމެ ބޭނުން ނުވިޔަސް އެންމެ ފަހުން މޮރިޝަސްގެ ސިޔާދަތަށް ޗާގޯސް ވަދެ މޮރިޝަސްގެ ބައެއްކަމަށް ޗާގޯސްވެގެން ދިޔައީއެވެ. އެހެންކަމުން މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ކުރި މަސައްކަތުން އައިސީޖޭގެ އިސްތިޝާރި ލަފައަކާއި އދގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗަގޯސްގެ ސިޔާދާތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބުނުމުން އިޓްލޮސް ގެ ފަނޑިޔާރުންގެ ބެންޗުން ނިންމީ ރާއްޖެއާ ދެކޮޅަށް މޮރިޝަސް ހުށަހަޅާފައިވާ މައްސަލަ އިޓްލޮސްއިން ބެލޭނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން މޮރިޝަސްގެ ސިޔާސީ ސަރަހައްދަށް ޗާގޯސްވަދެ ޗާގޯސްއާއ ރާއްޖެއާއި ދޭތެރޭގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު މޮރިޝަސްއާއި އެކު އޮތް ފުށުއެރުމަކަށް ބަދަލުވީއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނު ބުނަނީ ފުށުއަރާތަން ބައިކުރުމަށެވެ. ދުނިޔޭގެ ގާނޫނު ތަކާއި ބެސްޓް ޕްރެކްޓިސް އަކީ ވެސް ފުށުއެރުން ބައިކުރުމެވެ. ޑރ، މުނައްވަރު ހުރިހާ އަކުރަކަ ފިއްޔެއް އަތްޕުޅުން 1996ގައި ލިޔުއްވާ މަޖިލީހުން ފާސްކޮށް ތަސްދީގުކޮށް އާޒިމައާއި ދިޔާނާވެސް ތަންފީޒުކުރެއްވި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކުގެ ގާނޫނުގެ 7 ވަނަ މާއްދާގައި އެއްބަސްވާ ގޮތަކަށް ބައިކުރުމުގެ ފުރުސަތު އޮވެ އަމިއްލަ އަމިއްލައަށް މިސަރުކާރުން އެކަމެއް މުކުރެއެވެ. ސަރުކާރުން މަސައްކަތްކުރީ އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) މެދުވެރިކޮށް ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާ ގޮތައް ހަމަޖެހިގެން ދިއުމަށެވެ. ސިޓީ ފޮނުވައިގެން ފައިސާ ނަގައިގެން ކޮށްލާނެ ނަމަ އިޓްލޮސްއިން މައްސަލަ ނަގާ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު ބުނާގޮތަށް އަމިއްލަ އަމިއްލައަށް ކޮށް ނިންމާ ލެވުނީހެވެ. އެކަމަކު ސަރުލަރުން އިސްކަން ދިނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތަށެވެ. އެވަރުންވެސް މިވީ ސަރަހައްދު ބައެއް މިސަރުކާރުން ދޫކޮށްލީ ކަމަށެވެ. އިގްތިސާދީ ސަރަހައްދުން ގެއްލުނު އެއްޗެއް ގެއްލުނީ ކުރީގެ ބަންޑާރަ ނައިބުންގެ ސަބަބުންނެވެ. އެމީހުންގެ އިހުމާލުންނެވެ.