އިތުބާރު އޮތްތޯ ބެލުމުގެ ހިތްވަރެއް ނަޝީދުގެ ނެތް
ގާނޫނާއި އެއްގޮތަށް ކަމެއްކޮށްގެން އިތުބާރު ގެއްލުމަކީ އަރަތެއް
އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު މަޖިލީހުގެ ތެޅުމަށް ގެންގޮސްގެން ހަޔާތް ގޮވަން އިދިކޮޅުން ބޭނުންވާ ފުރުސަތު އެމްޑީޕީއަކުން ނުދޭނެއެވެ. މަޖިލީހުގެ ތެޅުމަކީ ސިޔާސީ ވާދަވެރިން މީހުންގެ އަބުރު ކަތިލަން ހުޅުވިފައިއޮތް ތެޅުމަކަށް ހަދާކަށް އެމްޑީޕީ އޮތީ ފުރުސަތު ދޭގޮތަކަށް ނޫނެވެ.
ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުން ވާދަވެރިން އެ އޮތީ އެޓަރނީ ޖެނެރަލްގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައެވެ. އިތުބާރު ނެތް މައްސަލައިގެ ހުށަހެޅުމަށް އެޓާރނީ ޖެނެރަލް އެ އޮތީ ލިޔުމުން ޖަވާބު ދާރީ ވެފައެވެ. މަޖިލީހުގެ ތަޅުމުގައި އިތުރު ދިފާއެއް އެޓަރނީ ޖެނެރަލް ބޭނުންފުޅުވެ ވަޑައެއް ނުގަންނަވައެވެ. އެ މިނިކުފާނު ބޭނުންފުޅުވެ ވަޑައި ނުގަންނަވާ ދިފާއެއް މަޖިލީހުގެ އިދިކޮޅުންނާއި ރިޔާސަތުން ދޭން މިއުޅެނީ ކީއްވެގެން ހެއްޔެވެ.
ރިޔާސަތުންނާއި އިދިކޮޅުން ބޭނުން ވެގެން އުޅެނިއްޔަކީ ދިފާއެއްް ހޯދާ ދޭކަށް ނޫނެވެ. މަޖިލީހުގެ ތަޅުމަށް އެޓަނީ ޖެނެރަލް ހާޒިރު ކުރުވައިގެން ސިޔާސީ އެޑްވާންޓޭޖް ނަގާށެވެ. ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއްގެ ވާހަކަ ދައްކައިގެން މައްސަލަ ދިގު ދެންމުމުގެ އެހެން ބޭނުމެއްވެސް ރައީސް ނަޝީދުގެ އެބަ އޮތެވެ. މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުން ލަސްކުރެވެން އޮތް ވަރަކަށް ލަސްކުރުމެވެ.
އަޖައިބެއް ނުވާނެ ހެއްޔެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މުހައްމަދު ޖަމީލު އަހުމަދު އިންޕީޗް ކުރީ ޖަވާބު ދާރީވާން ކޮން ފުރުސަތެއް ދީފައިހެއްޔެވެ. ފުރުސަތެއް ނުދެއެވެ. އެ ހުރީ މަޖިލީހުން އިންޕީޗްކޮށްފައެވެ. މިއަދު ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް ބަޔަކަށް ފެނިގެން އެކަން އެ އޮތީ މަޖިލީހަށް ހުށާހަޅާފައެވެ. ހުށަހެޅުމަށް ލިޔުމުން އެ އޮތީ ބަންޑާރަ ނައިބު ދިފާއު ހުށަހަޅުއްވާފައެވެ.
ޗަރުކޭސް ކުޅެން ނުހަދާ އިތުބާރު އޮތްތޯ ނެތްތޯ ބަލައިލަން ވޯޓަށް އަހާށެވެ. ބަނޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ވަރަށް ރަނގަޅަށް ނަތީޖާއިން ފެނިގެން ދާނެއެވެ.
ދައުލަތުގެ އިތުބާރު ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް ފުރިހަމައަށް އޮތްކަން އެނގި ތިބެ މަޖިލީހުގެ ތަޅުން ބޭނުންކޮށްގެން ދައުލަތުގެ މުއައްސަސާތައް ރޭޕްކުރަން ފުރުސަތު ދީގެން ނުވާނެއެވެ. ރާއްޖޭ ކަނޑުގެ ސަރަހައްދުތަކުގެ ގާނޫނާއި ގާނޫނުއަސާސީއާއި އދގެ ބައިނަލްއަގުވާމީ ގާނޫނާއި އެއްގޮތަށް ކަމެއްކޮށްގެން ދައުލަތް ހިންގާ ވެރިން ކުށްވެރިވެ އިތުބާރު ގެއްލެންޏާ މިތާ މި ހިނގަނީ ގާނޫނުގެ ހުކުމް ކަމާމެދު ސުވާލު އުފެދެއެވެ.