ޔާމީންގެ ދުޝްމަނުންނާއެކު މުއިއްޒު ކޮންގަނޑެއް
ކާނަލް ނާޒިމާ ރައީސް ޔާމީން ހައްޔަރު ކުރަން އުޅުނު މުހްތާޒު މުހުސިން މުއިއްޒާއެކު
ރައީސް ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރގެ މަގާމުގައި ހުރީ ކާނަލް ނާޒިމްއެވެ. ނައިބު ރައީސް އަކީ ޖަމީލެވެ. ހައުސިންގ މިނިސްޓަރަކީ މުއިއްޒެވެ. މުއިއްޒަކީ އަޭގެ ކުރިން ނާޒިމް ކުންފުނީގެ ވަޒީފަގައި ގެންގުޅުނު މީހެކެވެ.
ރައީސް ޔާމީނާ އަދީބާ ދެބޭފުޅުން ރާއްޖޭން ބޭރަށް ވަޑައިގަތް ދަނޑިވަޅެއްގައި ކުއްލިއަކަށް ހިނގީ ބޮޑުކަމެކެވެ. އެކަމުގެ ފަހަތުގައިވާ ޝައްކުތަކާ ސުވާލުތައް ބޮޑުވެގެން ގޮސް ނާޒިމާ ޖަމީލް އަދި މުއިއްޒާ މެދު ރައީސް ޔާމީން ވަރަށް ބޮޑަށް ސަމާލުވިއެވެ. އެއީ ޕީޕީއެމް ތެރޭގައި އޭރު ވައިއަޑުން ކިޔަން ފެށި "ފެންބަޣާވާތެވެ"
މުޅިމާލެ ފެނައްޖެހުނީ "ކާޓޫނު" ގޮތަކަށް ވޯޓަރ ސަޕްލައިގައި ހިނގި އަލިފާނުގެ ހާދިސާ އަކުންނެވެ. އަލިފާން ނިއްވީ ސިފައިންނެވެ. މިނިސްޓަރަކީ ނާޒިމެވެ. ހުރިހާ ޝައްކުތަކާ އެކު މައްސަލަ ވަޔަށް ދިޔައެވެ.
ހާދިސާ ހިނގުމާއެކު އަސްތާއެވެ. ކަމަކު ދާކަށްނެތެވެ. ދެންފެނުނީ މާލޭ ރައްޔިތުން ފެނައް ޖެހުމުން ސަލާމަތްކޮށްދޭ ސްޕައިޑަރމޭންގެ ގޮތުގައި ކާނަލް ނާޒިމް ރައްޔިތުންގެ ތެރޭގައި "ކުނބުއަނބުރަން" ނުކުތްތަނެވެ.
މަނަވަރު ފަހަރާ ވައިގެ މަގުން ގެނެވުނު ފެންކޭސް ރައްޔިތުންނަށް ބަހާ ބޮހަކީ ނާޒިމްއެވެ. މެޑަމް ފާތުންގެ ސޮދަގާތު ފައުންޑޭޝަނާ އެކަން ހަވާލު ކުރަން ޔާމީން އެންގެވީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ.
ނުބައެއް ހިނގާކަން ޔާމީނަށް ކަށަވަރުވެ ލަސްތަކެއް ނުވެ ޖަމީލު ބޭރުކޮށްފިއެވެ. ނާޒިމް ކޮޓަރިން ބަޑި ފެނިއްޖެއެވެ. މުއިއްޒު އާދޭސް ދަންނަވާ އަވަދި ވިއިރުވެސް އިކޮނޮމިކް ކައުންސިލުން ޖާގަ ނުދެއްވާ ހުރިގޮތަށް ބެހެއްޓީއެވެ.
މަންޒަރު ބަދަލުވި އިރު އެއްކަލަ ޖަމީލް އައިސް ޔާމީންގެ ލޯޔަރަކަށްވީ ވީނުން އެ މަނިކުފާނު އިތުރަށްވީ ތާއްޓެވެ. ފަހު ވަގުތު ރިޔާސީ ޓިކެޓް އެއޮތީ މުއިއްޒު އަތުގައެވެ. އެއްކަލަ ނާޒިމް އެހުރީ މުއިއްޒުގެ މާއަރިހުގައެވެ. ރައީސް ޔާމީން ހައްޔަރު ކުރަން އުޅުނު މުހްތާޒު މުހުސިން އަދި މުއިއްޒާ މާގާތެވެ. އަދީބާ ހަމައިން ރައީސް ޔާމީނަށް އެންމެ ބޮޑު އުނދަގުލަކަށްވި މޫސާ ސިރާޖް ވެސް އެހުންނެވީ މުއިއްޒު އަރިހުގައެވެ.
ރިޔާސީ ޓިކެޓް އަތަށް ނަގައިގެން، ރައީސް ޔާމީންގެ ހަތުރުން އެއްކޮށްގެން މުއިއްޒު ކުރަން އުޅޭ ކަމެއް ނޭނގި، ގުނބޯ ތަކެއްހެން ޕީޕީއެމް މީހުން ނަށަނީއެވެ. އެއްބުރުގައި ވޯޓްލާ ނިމުނު އިރުވެސް ހޮވިއްޖެއްޔާ ވަގުތުން ރައީސް ޔާމީން މިނިވަން ކުރާނަމޭ މުއިއްޒަކަށް ފަހަކުން ނުބުނެވެއެވެ.
އެމްޑީޕީ އެދަނީ ވޯޓްނުލާ ތިބި ރައީސް އިބްރާހީމްގެ އެތައް ހާސް އިތުރު ވޯޓާއެކު އިންތިޚާބް ކާމިޔާބް ކުރުމަށް ކަމަށް ފެނެއެވެ. ރައީސް ޔާމީން މިނިވަން ވެގެން މުއިއްޒަށް ސިޔާސީ ގެއްލުމެއް ލިބިދާނެތީ ހައްޕު ކިޔައިގެން ހުއްޓަސް 2 ވަނަ ދައުރު ފެށިގެން ރައީސް ޔާމީނާ މެދު ރައީސް އިބްރާހިމާ މެދު ކުރެވޭ އުންމީދު ވެސް މުއިއްޒަކަށް ނެތެވެ.
އާދޭސްކޮށް މަޖުބޫރު ވެގެން މުއިއްޒުގެ ކެމްޕޭނަށް މޫނުފުޅު ދިއްކޮށްލެއްވިޔަސް މެޑަމް ފާތުންނަށް އެ ދުވަސް ފެނިވަޑައިގަންނަވާ ފަދައެވެ.