މުއިއްޒަށް މާރކްސް ދޭނީ ރައްޔިތުން - ޔާމީނެއް ނޫން

ޔާމީނު ގޮވާލާ ގޮވާލުން އަޑު އަހާނެ މީހުން މިހާރު ވަރަށް މަދު

މުއިއްޒަށް މާރކްސް ދޭނީ ރައްޔިތުން - ޔާމީނެއް ނޫން

ނޮވެންބަރ 17 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސް ކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުކުރީ ޔާމީނެއް ނޫނެވެ. 30 ސެޕްޓެމްބަރ 2023 ގައި އޮތް ރިޔާސީ އިންތިހާބުގައި %53 ވޯޓު ދީގެން ޑރ. މުއިއްޒު ރައީސް ކަމަށް އިންތިހާބުކުރީ ދިވެހި ރައްޔިތުންނެވެ. 

ޕީޕީއެމްގެ ލީޑަރުގެ ގޮތުގައި ހުރެ ޕީޕީއެމްގެ ރިޔާސީ ޓިކެޓްގައި ބަގުޑި ބައްދައިގެން ޖަލުގައި އޮވެ ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލީ ޔާމީނެވެ. ޕީޕީއެމަށް ރިޔާސީ އިންތިހާބުގައި ވާދަކުރަން ފުރުސަތު ދިންނަމަ އިންތިހާބު ކާމިޔާބު ކުރީހީ ޕީޕީއެމް ކަމަށް ވުމުގެ ފުރުސަތު ބޮޑެވެ. ޕީޕީއެމަށް އެ ފުރުސަތު ކަނޑައެޅިގެން ގެއްލުވާލީ ޔާމީނެވެ. 

އަމިއްލަ ހައިބަތަށްޓަކާ އެ އޮތް ބޮޑު ޕީޕީއެމް ޔާމީނު މަގުމަތި ކޮށްލުމުން ޕީޕީއެމް މެންބަރުން އެމްޑީޕީ ނޫން ގޮތެއް ހޯދުމަށް ކުރި މަސައްކަތުން ހޯދި ގޮތަކީ ޑރ. މުއިއްޒެވެ. ޔާމީނު އެދުނު ގޮތަށް ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރިނަމަ ކުރިއަށް އޮތް ފަސް އަހަރު ވެސް ޕީޕީއެމް އޮތީހީ މަގުމަތީގާ ހަރާން ހުކުމޭ ގޮވާލަ ގޮވާލައެވެ. ޔާމީނުގެ ދަންތުރައިން ނެއްޓި ޕީއެންސީއަށް ވަޑައިގެން ޕީޕީއެމް މަގުމަތި ވުމުން މިންޖުކޮށް ދެއްވީ ޑރ. މުއިއްޒެވެ. 

ބަންދަށް ލުއި ލިބުމުން ޕީޕީއެމް އޮފީހުގައި ޔާމީން ބޭއްވި ޖަލްސާ

ޔާމީނަށް ދޭންޖެހޭ ގަދަރާ އިހުތިރާމް ދީގެން ޕީޕީއެމާއެކު މަސައްކަތް ކުރައްވައިގެން ރިޔާސީ އިންތިހާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވުމަށް ފަހުވެސް މަސައްކަތް އެކުރައްވަނީ ޕީޕީއެމަކީ ހަށިގަނޑުގެ އެއްބައި ކަމަށް ބައްލަވައިގެނެވެ. އެހެނެއް ކަމަކު ބަންދުގައި ހުރި ޔާމީނަށް ލިބުނު ކުޑަކުޑަ ލުޔާއެކު މީހުން އެއްކޮށްގެން ޑރ. މުއިއްޒުގެ ވެރިކަން ފެށުމުގެ ކުރިން ވެރިކަން ހަރާބު ކުރަން ފެށީހެއްޔެވެ. އިދިކޮޅަށް ވުރެ އިދިކޮޅުވެގެން ކަންކަމަށް މުހުލަތު ދޭން ފެށީހެއްޔެވެ. 

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 200 މޭލުން ބައެއް ގެއްލުނިއްޔާ ގެއްލުމުގެ ޒިންމާ ބޮލުގައި އެންމެ ބޮޑަށް އެޅޭ އެކަކީ ޔާމީނު ނޫން ހެއްޔެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި މޮރިޝަސްއާ ދެކޮޅަށް ރާއްޖޭން ވޯޓު ދީގެން ސަރުކާރު ކުށްވެރިކުރީ ވެސް ޔާމީނެވެ. އެ މައްސަލައިގާ ދެން ވޯޓެއް ނަގާނަމަ މޮރިޝަސްއާ އެއްކޮޅަށް ރާއްޖޭން ވޯޓުދޭން ނިންމުމުން ވެސް ކަމުނުދިޔައީ ވެސް ޔާމީނަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން ބައިނަލް އަގުވާމީ މުޖުތަމައުގައި މޮރިޝަންއިން ހޭވައްޓާލާފައި މަސައްކަތް ކުރިއިރު އެކަމާ ނޫޅެ ރާއްޖެ ގަދަ ނިންޖަކުން ނިންދަވާލައިގެން ހުރީވެސް ވެރިކަމުގައި ހުރެ ޔާމީނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބުމުން އުފެދުނު ކަނޑުގެ ފުށުއެރުން ބައިނަލް އަގުވާމީ ކޯޓަކުން ހަމަޖެއްސުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ ރައްޔިތުންގެ ލޭކެއްކުވީ ވެސް ޔާމީނު އިސްވެ ހުރެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބައިގެން އިންޑިއާ އާއި އެކު އަޝްކަރީ އެއްބަސްވުންތައް ހައްދައިގެން އިންޑިއާގެ އުނގަށް ރާއްޖެ ވައްޓާލާފާ ވެރިކަން ގެއްލުމުން ސިޔާސީ ބޭނުމުގައި އިންޑިއާ އައުޓް ޖައްސައިގެން ރާއްޖެ ނުރައްކަލުގެ ތެރެއަށް ވައްޓާލީވެސް ހޮދު ޔާމީނެވެ. ހެއްދެވިހާ ނުބައެއް ހަދައިގެން ހުރެ އެނުބައިތައް ރަނގަޅު ކުރާށޭ ބުނެ އިންތިހާބީ ރައީސަށް މުހުލަތުދީ މާކްސްދީ ހަދަން ޔާމީނު ނުހަދާށެވެ. 

އިންތިހާބީ ރައީސް ޑރ، މުއިއްޒަށް ހެޔޮވެރިކަމެއް ކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ޔާމީނު ގޮވާލާ ގޮވާލުން އަޑު އަހާނެ މީހުން މިހާރު ވަރަށް މަދެވެ. ޕީޕީއެމް ވެސް އޮތީ މުޅިއަކުން ޔާމީނު ބޭނުންހާ ގޮތަކަށް މޮޑެވޭ ފުށްގަނޑަކަށް ވާން ނޫންކަން އިންތިހާބު ބޮއިކޮޓް ނުކުރި ހިސާބުން ޔާމީނަށް އެނގެންވާނެއެވެ. އިންތިހާބީ ރައީސަށް އަލްޓިމޭޓަމް ދިނުމަށް ޕީޕީއެމް އޮފީހުގައި ޔާމީނު ބޭއްވި ޖަލްސާއަށް ޕީޕީއެމް-ޕީއެންސީ ލީޑަރޝިޕްގެ ދެތިން މީހުންނާ އެކު ތިރީހަކަށް އާއްމު މެންބަރުން ދިޔައިމާ ޕީޕީއެމްގައި މިހާރު ޔާމީނުގެ ސައިޒް އެންމެންނަސްވެސް އެބަފެނެއެވެ.