ހިންގުމުގާ ޖޭޕީ ބައިވެރިކުރާކަމަށް ވާނީ ކިހާވަރެއްވީމަ!
ވެރިކަމަށް ނާދެވި، ތަސައްވަރުތައް އޮޅާލަންޖެހެނީ ރައްޔިތުންގެ ރުހުން ނެތީމަ!
ކޮންމެ ބަޔަކު ޖުމްހޫރީ ޕާޓީއާ އެކު ވެރިކަމަށް އައިސް ވެރިކަން ހިންގުމުގައި ޖުމްހޫރީ ޕާޓީ ބައިވެރި ނުކުރާ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވީމާ ހައިރާނެއް ނުވެއެވެ. ރައީސް ނަޝީދާއި ރައީސް ޔާމީނު ހެއްދެވީ އެހެންނެވެ. އެކަމަކު ކޮންމެ ބަޔެކޭ ވިދާޅުވެ ރައީސް ސާލިހަށް އެބަސް ރައްދު ކުރެއްވީމާ ގާސިމްގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެދެއެވެ.
އެހެން ވިދާޅުވުމުން ގާސިމަކީ ވެސް ހަނދުމަފުޅު ބަލި އަމިއްލަ ހައިބަތު ބޮޑު ކުރައްވަން އުޅުއްވާ ބޭފުޅެއް ކަމަށް ބުނެވިދާނެއެވެ. ރައީސް ސާލިހު ސަރުކާރު ހިންގުމުގައި ޖުމްހޫރީ ޕާޓީއަށް ނުލިބުނު މޮޅެއް އެމްޑީޕީއަށް ވެސް ލިބިފައެއް ނެތެވެ. ނައިބު ރައީސް ކަމުން ފެށިގެން ކެބިނެޓްގެ ބާރުގަދަ ވުޒާރާ ތަކުން ފެށިގެން ބޮޑެތި ކުންފުނި ތަކުގެ އެމްޑީކަމާއި ސިޔާސީ އެތައް މަގާމެއް ޖުމްހޫރީ ޕާޓީއަށް އެބަ އޮތެވެ. އެމްޑީޕީގެ މައިގަނޑު ޝަކުވާއަކަށް ވީވެސް ޖުމްހޫރީ ޕާޓީ ހައްދެއް ނެތް މިންވަރަށް ސަރުކާރުގައި ބައިވެރިކުރުމެވެ. ރައީސް ސާލިހު ސަރުކާރުގެ އެންމެ ހިންގުންތެރި މިނިސްޓަރުންނާއި އެމްޑީންނާއި އެ ނޫން ސިޔާސީ މީހުންނަކީ ޖުމްހޫރީ ޕާޓީގެ މެންބަރުންނޭ ގާސިމް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ބައިވެރި ނުކުރާތީ ހެއްޔެވެ.
ގަބޫލުކުރައްވާށެވެ. ރައީސް ސާލިހުގެ ސަރުކާރަށް އެންމެ ގިނަ ފާޑުކިޔުމާ ބަދުނާމުތައް އަމާޒުވީ ޖުމްހޫރީ ޕާޓީގެ ސަބަބުންނޭ ބުނުން ކުށަކަށް ނުވާނެއެވެ. ހައްގުގޮތުގައި ލިބުނު ނަމަވެސް އަދަލުވެރި ބަދަލު އެންމެ ބޮޑަށް ލިބި ވަޑައިގަތީ ވެސް ޖުމްހޫރީ ލީޑަރަށެވެ. އެކަން ކަމުގައި ރައްޔިތުންގެ ގިނަ ބައެއްގެ ކަންބޮޑުވުންތައް ހުއްޓެވެ.
ރައީސް ސާލިހު ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނު ވެންޓީލޭޓަރ މައްސަލައާއި ޖުމްހޫރީ ޕާޓީއާއި ގުޅުން ބޮޑެވެ. ގިނަ ބައެއްގެ ކަންބޮޑުވުން އޮތް ވެންޓިލޭޓަރ މައްސަލަ ގުޅިފައި އޮތީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގެން ހެލްތު މިނިސްޓަރާއެވެ. ވެންޓިލޭޓަރ ގަތުމަށް ނިންމި ނިންމުން ވަޒަންކުރި ކޮމެޓީގެ މެޖޯރިޓީއަކީ ޖޭޕީގެ ސްލޮޓްގައި ތިއްބެވި އެކިފެން ވަރުގެ ސިޔާސީ ވެރިންނެވެ.
ރައީސް ސާލިހުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ ނިސްބަތްވެ ވަޑައިގަންނަ ވަނީ ވެސް ޖޭޕީއަށެވެ. އެ ބޭފުޅާގެ އަމަލުފުޅުތައް ހުރި ގޮތުން ސަރުކާރުގައި ހުތުރު ލައްގަޑެއް ޖެހި ސަރުކާރު ހޫނު ފެނަށް ވެއްޓުނެވެ. ސަރުކާރަކުން ކުރިމަތި ލާން ނުޖެހޭ އެތައް މައްސަލަ ތަކަކާ ޖޭޕީގެ ސަބަބުން ރައީސް ސާލިހުގެ ސަރުކާރަށް ކުރިމަތިލާން ޖެހުނެވެ. އެކަމަކު ގާސިމް އެވިދާޅުވަނީ ސަރުކަރު ހިންގުމުގައި ޖޭޕީ ބައިވެރި ނުކުރާ ވާހަކައެވެ.
ޖުމްހޫރީ ޕާޓީން ސީދާ ވެރިކަމަށް ނާދެވި، ތަސައްވަރުތައް އޮޅާލަން ޖެހެނީ އެއްބުރުން ވެރިކަމަށް ނާދެވޭތާ ދެވަނަ ބުރަށްދާ ވަރަށް ވެސް ރައްޔިތުންގެ ރުހުން ނެތީމައެވެ. އެއްޔަކީ ޕީޕީއެމާއި އެމްޑީޕީގެ މައްސަލައެއް ނޫނެވެ. ކޮންމެ ފަހަރު ޖުމްހޫރީ ޕާޓީން ގަދަވާ ކޮޅަށް އަރަނީ ކިންގ މޭކަރ ހެދޭށެވެ. ބޯކިބަލުން ބޮޑުފޮތިކާށެވެ.
މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބުގައި ވެސް ޖޭޕީ ބައިވެރި ކުރުމަށް ރައީސް ސޯލިހު ކުރެއްވި މަސައްކަތްޕުޅު ގާސިމް ހަނދުމަފުޅެއް މިހާރަކު ނެތެވެ. ކޯލިޝަން ޕާޓްނަރުންނަށް ސަރުކާރުގައި ހިއްސާވާ މިންވަރަށް އިންތިހާބުތަކުން ޖާގަ ނުދެއްވީ ރައީސް ސާލިހެއް ނޫނެވެ. އެކަން އެގޮތަށް ވިޔަނުދިން މީހަކީ ރައީސް ނަޝީދެވެ. ހައްދެއް ނެތް މިންވަރަށް ރައީސް ނަޝީދަށް މިއަދު ގާސިމް ތައުރީފް ކުރެއްވިޔަސް ތާރީހު ބަދަލެއް ނުވާނެއެވެ. ކާކުކުރީ ކީއްކަން ވަރަށް ސާފެވެ. ގާސިމް މޮޔަފުޅުވެ ވަޑައިގަތަސް އެންމެނަކު މޮޔައެއް ނުވެއެވެ.