ނަޝީދަށް ނެތް ވެރިކަމެއް އެމްޑީޕީއަށް އޮތަކަ ނުދޭނެ
ކުރައްވަން އުޅުނު އެއްކަމެއް ނުވެ ވެވަޑައިގަތީ ބާކީ
އަށާރަ މަސް ދުވަހު ވެރިކަން ކުރަން ދިވެހި ރައްޔިތުން ދުވަހަކުވެސް ވެރިއަކު ހޮވާފައެއް ނުވެއެވެ. 2018 ގައި އިއްތިހާދު ވެގެން ރައީސް ޔާމީނާ ދެކޮޅަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ގެނައީ 18 މަސް ދުވަހަކަށް ނޫނެވެ. ފަސް އަހަރު ދުވަހަށެވެ. އިއްތިހާދުވި ހުރިހާ ލީޑަރުން 18 މަސް ދުވަހަށް އިއްތިހާދު ވީނަމަ އަށާރަ މަސްވުމުން އެ ވާހަކަ ދެއްކެވީހެވެ. ހޮދު ރައީސް ނަޝީދު ވެސް މީގެ ކުރިއަކުން އެ ވާހަކަ އެހެނެއް ނުދައްކަވައެވެ. ނިޒާމު ބަދަލުކުރާ ވާހަކަ ރައީސް ސާލިހަށް ހުށަހެޅުއްވި އިރުވެސް އަށާރަ މަހެއްގެ ވާހަކައެއް ދައްކަވާފައެއް ނެތެވެ. އެހެން ކަމުން 18 މަސް ދުވަހެއްގެ ވާހަކައަކީ ރައީސް ނަޝީދު އުފައްދަވައިގެން އުޅުއްވާ ހޮޅި ވާހަކައެކެވެ.
ރައީސް ނަޝީދަކީ އެ ވަގުތަކަށް އެ މަނިކުފާނުގެ ސިޔާސީ ހައިބަތު ފުޅާކުރެއްވުމަށް ހިތުހުރި ވާހަކަފުޅެއް ދައްކަވައިގެން މީހުންގެ ބޯ ދޮއްވަން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ފާޑަށް އުޅުއްވުމުގެ ސަބަބުން އިންތިހާ ދަރަޖައަށް އެ މަނިކުފާނުގެ މަގުބޫލުކަން ދަނީ ކުޑަވަމުންނެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުންނަވަނިކޮށް ޕާލަމަންޓްރީ ގްރޫޕްގެ ކޮންޓްޓްރޯލު ގެއްލި ވަޑައިގެންފިއެވެ. ގައުމީ މަޖިލިސް ގެއްލި ވަޑައިގެންފިއެވެ. ތާއީދު ކުރައްވާ ހޮއްވަވަން އުޅުއްވި ޗެއަރޕާސަން ކެންޑިޑޭޓް ވެސް ލަދުވެތި ބައްޔަކުން ވީ ބައްޔެވެ. ކޮންގްރެސްގައި ފާޅުގައި ޕާޓީގެ ރައީސާ ދެކޮޅަށް އަޑުއުފުލި ކުރައްވަން އުޅުނު އެއްކަމެއް ނުވެ ވެވަޑައިގަތީ ބާކީއެވެ.
ނިޒާމީ ވޯޓަކަށް ނުގޮސް ރިޔާސީ ޕްރައިމަރީ ނުބޭއްވޭނެ ކަމަށް ގަދަބަސް ވިދާޅުވެ ދެކޮޅު ހެއްދެވިއެވެ. ނިޒާމީ ވޯޓެއްގެ ވާހަކަ ދެކެވޭނެ ގޮތްނުވެ ރިޔާސީ ޕްރައިމަރީއަށް ނިކުމެ ވަޑައިގެން މަރުފަލި ޖައްސަވަން ފެއްޓެވީއެވެ. ޖަލުގައި ގައިދުކޮށް ނިޒާމުން ފުހެލަން އުޅުނު މީހުން އަމިއްލަޕާޓިގެ މެޖޯރިޓީ ސަރުކާރަށް ވުރެ ރައީސް ނަޝީދަށް ކަމުދެއެވެ.
2008 ގައި ލިބިވަޑައިގެން ވެރިކަން ވެއްޓި މަގުމަތިވެ ވަޑައިގަތުމުން މުޅި ޕާޓީއާއި އެނޫން ވެސް އެތައް ބައެއްގެ ހަމްދަރުދީ ލިބި ވަޑައިގެން ރައީސް ނަޝީދު މަގުބޫލުކަން އެންމެ މަތިވެގެން ދިޔައީ 2013 ގައެވެ. އެހެނެއް ކަމަކު 2013 ގައި ރައީސް ޔާމީނުގެ މައްޗަށް ދެވަނަބުރުން ވެސް ރައީސް ނަޝީދަށް ކުރިއެއް ނުހޯއްދެވުނެވެ. ބޮޑު ބައްޔަކުން ވެވަޑައިގަތީ ބައްޔެވެ. މިހާރު ރައީސް ޔާމީނަށް ޖެހިވަޑައިގެން ހުންނެވި ހާލުކޮޅު 2018 ގައި ރައީސް ނަޝީދަށް ޖެހިވަޑައިގަތެވެ. ރައީސް ކަމަށް ޝަރުތު ހަމަނުވާ ހާލުކޮޅެއްގައި ހުންނަވަނިކޮށް ހަމައެއް ލަމައެއް ނެތި ޖަޒުބާތުގައި ރިޔާސީ ޓިކެޓް ނަޝީދަށް އެރުވީ ވާދަކުރުމެއް ނެތި ފެންނުހިފޭ ޑަމީ އިންތިހާބަކުންނެވެ. އާހިރުގައި ކުރިމަތި ނުލެއްވި އެކަން ވެސް ދިޔައީ ތޮޅިއަށެވެ.
ރާއްޖޭގެ ރައީސްކަން ކުރައްވާ އަދި ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ލީޑަރު ކަމުގައި ހުންނަވާ އަލަށް އުފަންކުރި ކުރިން ނުއުފަންނަ ކުޑަކުޑަ ދާއިރާއަކުން ލޯ ނުދެކޭ އައު ކުޑަކުޑަ ކުއްޖަކާ މަޖިލީހަށް ވާދަ ކުރައްވައިގެން ހޮވިވަޑައިގަތީ ކިރިޔަ ކިރިޔާއެވެ. އަނެއްކޮޅުން ދެބޯގެރި ދުއްވަވައިގެން މަޖިލީހުގެ ރައީސް ކަމުގެ ގޮނޑިއަށް ސަވާރުވެ ވަޑައިގެންނެވުނަސް ރައީސްކަން ކުރެއްވޭ ވަރުގެ މަގުބޫލު ކަމެއް މިހާރަކު ރައީސް ނަޝިދުގެ ނެތެވެ.
ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައި ނުގަންނަވަންޏާ އެމްޑީޕީއަށް ވެރިކަން އޮތަ ނުދޭން ކުރައްވާ މަސައްކަތް ރައީސް ނަޝީދު ހުއްޓަވާ ނުލައްވާނަމަ ހުތުރު ނިމުމަކުން އެމްޑީޕީއާއި ރައީސް ނަޝީދު ނިމިދިޔުން ގާތެވެ. އެކަމަށް ރައީސް ސާލިހު ފުރުސަތެއް ނުދެއްވާނެއެވެ.