މެންބަރުން ވާހަކަ ދައްކާލަންދެން ކެތްނުވެ އީވާ ދިން އިސްތިއުފާ

ބަހުސަށް ފުރުސަތުނުދީ އީވާ އިސްތިއުފާދިނީ ބަރަހަނާ ނުވާން

މެންބަރުން ވާހަކަ ދައްކާލަންދެން ކެތްނުވެ އީވާ ދިން އިސްތިއުފާ
  • ނަޝީދާއި އީވާ އެތައް ދުވަހަކު ރިޔާސަތުގައި ތިބެ:-
  • އެންމެ މަރެއްގެ ހަގީގަތް ނުހޯދުނު
  • ދަރަނި މެނޭޖްކޮށް ކޮރަޕްޝަން ނައްތާނުލެވުނު
  • ކޮރަޕްޝަންގެ މައްސަލަތައް ނުބެލުވުނު
  • ފަނޑިޔާރުގެ ނުފޫޒުން މިންޖެއް ނުކުރެވުނު

މީހުންގެ ތެރޭގައި ތެދުވެ އަނގަފުރާ ވާހަކަ ދައްކަން ލަދުނުގަންނަ ކަމެވެ. ފަށުވި ރީތި އިބާރާތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް އީވާއަކީ ކާކުކަން ނޭނގޭ މީހަކު މި އުޑުދަށުގައި ނެތެވެ. މާ އަބުރުވެރި މާ ގަދަރުވެރި މީހަކަށް ހެދިގެން ދިފާއުގައި ދެއްކި ވާހަކައިގެ ހަގިގަތަކީ ކޮބައިކަން ނޭނގެނީ ކާކަށް ހެއްޔެވެ. މަޖިލީހުގައި އީވާ މިއަދު ދެއްކި ވާހަކައަށް މީހަކު އެއްޗެއް ބުނުމުގެ ކުރިން އިސްތިއުފާ ދިނީ މަޖިލީހުގައި ހުތުރު ގޮތަކަށް ބޮލާފޮށާ އެޅޭނެ ކަން އެނގޭތީއެވެ. 

އީވާގެ އިތުބާރު ނެތިގެން މަޖިލީހުގެ ރިޔާސަތުން ބޭރުކުރީ އެމްޑީޕީއަށް ވެރިކަން ގެއްލުމުގެ އަދަބެއްގެ ގޮތުގައި އީވާ ބުނީމާ ގަބޫލު ކުރާނެ ބަޔަކު ތިބެދާނެއެވެ. އީވާ އެހެން ބުނީމާ ގަބޫލު ކުރާނީ އިވާގެ ދުލުން ބަސް ބުނެގެން އީވާގެ ކަންފަތުން އަޑު އަހައިގެން އީވާގެ ލޮލުން ބަލައިގެން އުޅޭ ބީރު މަންމަން ކަނު ބަޔަކު އެކަންޏެވެ.

އީވާގެ އިތުބާރު ނެތިގެން އިތުބަރު ނެތްކަމަށްވީ މީގެ ވިއްސަކަށް ދުވަސް ކުރިއަކުން އެކަންޏެއް ނޫނެވެ. އީވާގެ އިތުބާރު ނެތްކަމަށް ހަށަހެޅީކީ އެމްޑީޕީއަށް ވެރިކަން ގެއްލުނު ފަހަކުން ވެސް ނޫނެވެ. ނަޝީދާއި އީވާގެ އިތުބާރު ގެއްލުނީ އަދަކު އިއްޔެއަކުވެސް ނޫނެވެ. ނަޝީދާއި އީވާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީ ވެރިކަމުގައި އާރާ ބާރުގައި އޮވެއެވެ. އަމިއްލަ މަސްލަހަތުގައި މަޖީލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަގާތީއެވެ. ހިސާބަށްވުރެ ނޮހޮރުއްޕާން ބޮޑުވެ ދައުލަތް ހިންގަން ދަތިވެގެންނެވެ. ނަޝީދާއި އީވާ ދައުލަތުގެ އެއްބާރު ހިސޯރުކޮށްފައި އޮވެގެންނެވެ. 

އީވާއާއި ނަޝީދު މަޖިލީހުގެ ރިޔާސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކުރިހާ ކަންކަމުގެ ވާހަކަ މެންބަރުން ދައްކާލަން ދެން ކެތެއް ނުވިނޫން ހެއްޔެވެ. ދައްކާނެ ރާގަކަށް ދައްކާނެ ވާހަކައެއް ދައްކާފައި އަވަހަށް އިސްތިއުފާ ދިނީ އެހެން ވެގެންނެވެ. ދިފާއުގައި އީވާ ދެއްކި ވާހަކައަށް ރައްދުދީ މާބޮޑު ބަޔަކަށް ވެގެން އެވާހަކަތައް ދައްކާ އައުކުރާކަށް ނެތީމެވެ. 

އެކަމަކު ބުނަމެވެ. މަޖިލީހުގެ ރިޔާސަތުގައި އާރާބަރުގައި ފުރިހަމަ މެޖޯރިޓީ އޮވެގެން ތިބެ އެންމެ މަރެއްގެ ހަގީގަތް ހޯދުނު ހެއްޔެވެ. ހިޔާނާތުގެ އެންމެ މައްސަލައެއް ބެލުވުނު ހެއްޔެވެ. ފަނޑިޔާރުގެ އިސްލާހު ކުރެވުނު ހެއްޔެވެ. ދަރަނި މެނޭޖްކޮށް ކޮރަޕްޝަން ނައްތާލެވުނު ހެއްޔެވެ. ނުކުރެވެއެވެ. ނުވެސް ކުރެވޭނެއެވެ. ހުދު ބޯކިރު ކޮޅަކަށް ހެދިގެން އަނގަ ދިޔާކުރިޔަސް ފަހުގެ ތާރީހުގައި ރާއްޖޭގައި ހިނގިއްޔާ ހިނގި ކޮރަޕްޝަނަކާއި ހިޔާނާތެއްގެ މުގުލުގައި ނަޝީދާއި އީވާ ތިބޭ ކަމަށްވެއެވެ. ހިނގިއްޔާ ހިނގި ޓެރެރިޒަމްގެ އަމަލެއްގެ ސަބަބު މެދުވެރި ކުރުވި ފަރާތަކަށް ނަޝީދު ވާކަމަށް ވެއެވެ. ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުމުގައި ނަޝީދަކީ "ނަންބަރ ވަން" ކަމަށް ވެއެވެ. އެމްޑީޕީގައި ލާދީނީ ސިއްކަ ޖެހުމުގެ ސަބަބަކީ ނަޝީދާއި އީވާ ކަމަށް އެންމެންހެން ގަބޫލު ކުރެއެވެ. އެމްޑީޕީއާއި ދިވެހި ރައްޔިތުންނަށް ނަޝީދު ނޫން ގޮތެއް ހޯދަން ޖެހުނީ އެހެން ވެގެންނެވެ. 

މަޖިލީހުގެ ރިޔާސަތުން ނުފައިބާން ގަދަފައި ވިއްދައިގެން ނަޝީދާއި އީވާއަކަށް ނުތިބެވުނު ނޫން ހެއްޔެވެ. ސްޕްރީމް ކޯޓް ހުކުމޭ މަޖިލީހުގެ ގަވައިދޭ ކިޔައިގެން އަނގަހުޅުވަން އީވާމެން ތާހިރެއް ނޫނެވެ. ތިމާމެންނާ ޖެހުމުން ގާނޫނެއް ގަވައިދެއް ޑިމޮކްރަސީއެއް މެޖޯރިޓީއެއް ނޯވެއެވެ. ޑިމޮކްރަސީގެ އަމަޔާ ބަފަޔަށް ވެގެން ތެޅިބޭލި އެންމެ ފަހުން ހުޅުނބު ފޭބީއެވެ.