ވައުދެކޭ ވައުދޭ ބުނެލާއިރު އިތުރަށްއެވީ ބޭޒާރު ކޮބާހޭ!

ހޮޅިންގެ 100 ދުވަސް: ވައުދު ނުފުއްދާ ވައުދު މައްޗަށް ވައުދު

ވައުދެކޭ ވައުދޭ ބުނެލާއިރު އިތުރަށްއެވީ ބޭޒާރު ކޮބާހޭ!

ފުދޭނެއެއް ނުފުދޭނެއެއް ބެލުމެއް ނެތެވެ. ވައުދު ވަނީ ފަތުއަޑު ކިޔާފައެވެ. ކަމެއްގެ ވާހަކަ އޮންނަނީ މީހަކު ބުނަންވާ ލަހެކެވެ. ކޮށްދޭން ވައުދުވެއެވެ. މީހުން ގުނބޯ ހެދޭ ވާހަކަ އަޑުއަހަމެވެ. މިވަރުކަމެއް އެކަމަކު ނުދެކެވެ. 

މުއިއްޒު ވެރިކަމަށް އަންނަން ވައުދުވީ ނިކަން ރަނގަޅަށް ހިސާބު ޖަހާފައި ކަމަށް ބުނެއެވެ. ޖެހި ހިސާބު އޮތީ އޮތް ތާކުއެވެ. ރިޔާސީ ކެންޕޭނުގައި އެރިހާ ރަށަކަށް އަރާ ވައުދުވީ އެމްޑީޕީން ވީ ވައުދަކަށް ވައުދެކެވެ. އެމްޑީޕީން ގޯތިދޭން ވައުދުވިއްޔާ ގެއަޅަން ފައިސާ ދޭން ވައުދު ވެއެވެ. އެމްޑީޕީން ފްލެޓްގެ ކުލިކުޑަކުރަން ބުނިއްޔާ ކުލި ކަނޑާލަން ވައުދުވެއެވެ. މުސާރަ ބޮޑުކުރަން އެމްޑީޕީން ބުނިއްޔާ މުސާރަތައް ދެގުނަ ތިންގުނައަށް ބޮޑުކުރަން ވައުދުވިއެވެ. އެމްޑީޕީގެ ރިޔާސީ ވައުދުތައް ކޮޕީކޮށްގެން ވައުދަކަށް ވައުދެއްވަމުން ގޮސް ވެރިކަން ހޯދީ ދޮގު ވިއްކައިގެނެވެ.

އެވަރަކުން ނުނިމެއެވެ. ވެރިކަން ލިބުމުންވެސް ވީވައުދު ފުއްދުމަށްވުރެ މުއިއްޒު އިސްކަން ދިނީ އައު ވައުދު ވުމަށެވެ. މުއިއްޒުގެ ކަމަކީ ވައުދު ފުއްދުމެއް ނޫނެވެ. މަތި މައްޗަށް ވައުދު ވުމެވެ. ތިންމަސްވެ ހަތަރު މަހަށް އެޅިއިރުވެސް ވައުދު ވުމަކަށް ހުއްޓުމެއް ނާދެއެވެ. 

ހަފްތާ 14 ވައުދު ފަތީގައި ހުރީ ވައުދަށްވުރެ ކުޅޭކުޅޭ ހޮޅިކަންކަމެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރި ކުރުމަށް ވުޒާރާއެއް ހެދުންވެސް އެއީވައުދެކެވެ. އަޖައިބެއް ނުވާނެހެއްޔެވެ. ރައީސް މައުމޫނު އިރުއްސުރެ އެ މޭންޑެޓްތަކުގައި މިނިސްޓްރީއެއް ނެތް ސަރުކާރެއް ރާއްޖެއަކަށް ނާދެއެވެ. ސަރުކާރުގެ އޮނިގަނޑަށް ގެނެވޭ ބަދަލަކީ ވައުދުކަމަށް ވަންޏާ އަންނަފޮށާ ބަދަލުކުރުންވެސް ވާނީ ރިޔާސީ ވައުދަކަށެވެ. 

އެއްސަރުކާރުން އަނެއް ސަރުކާރަށް ދައުލަތް ހިންގުން ބަދަލު ވެގެންދާއިރު ހިނގަ ހިނގާ ހުންނަ ކަންކަން އިންތިޒާމު ކޮށްގެން ކުރުމަކީ ވައުދު ފުއްދުމެއް ނޫނެވެ. ރަނގަޅު ހެޔޮ ވައުދަކީ ހިންގުމަށް ގެނެވޭ ތަފާތު ހެޔޮ ބަދަލެވެ. ކުރިއަށްވުރެ މަންފާހުރި ހަރަދު ކުޑަ ހިދުމަތް އަވަސް އަވަހަށް ނަތީޖާ ހާސިލްވާ ހެޔޮބަދަލެވެ. 

ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ވެފައިވާ އެއްވެސް ވައުދެއް ހަފްތާ ސާދަ ނިމުނު އިރަކު ނުފުދެއެވެ. ރައީސް ޔާމީނު މިނިވަނެއް ނުކުރެވެއެވެ. ބޫޓް ޖޯޑެއްވެސް ނުބަހައްޓާ ބާލާނެކަމަށް ވައުދުވި އިންޑިއާ ސިފައިނެއް ނުބޭލުނެވެ. ގެއްލިގެން ހޯދަން އުޅުނު ކަނޑާއި ޗާގޯސް ހޯދަން މައްސަލަ އިސްތިއުނާފެއް ނުކުރެވުނެވެ. ބޮޑުކުރަން ބުނި ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑެއް ނުކުރެވުނެވެ. ވަކިނުކުރާން ބުނި ރަށްރަށުގެ ނިކަމެތި ރައްޔިތުން ވަޒީފާތަކުން ނުކަނޑައެއް ނުވިއެވެ. ގެޒެޓް ކޮށް ދޭން ކަނޑައަޅަފައިވާ ގޯތިތަކާ ފްލެޓްތައް ނުދެވުނެވެ. ރަށްރަށުގައި ކޮށްދޭން ވައުދުވީ އެއްކަމެއް ނުކުރެވޭތާ ކުރެވޭތޯ ނުވެސް އުޅެއެވެ. ކުރާން ވީ ވައުދުތައް ހޮޅިއަށްވެ ނިމުނީއެވެ.

ފައިސާ ހޭދަނުކޮށްވެސް ފުއްދެން އޮތް ވައުދުތައް ވެސް އޮތީ ނުފުއްދައެވެ. އިންޑިއާ އާއިއެކު ކުރީގެ ސަރުކާރުން ވެފައި އޮތްކަމަށް ބުނި 100 އެއްބަސްވުން ހުދުކާފޫރަށް ވީއެވެ. އެއްވެސް ކަމެއް ސިއްރު ނުކުރަން ވީ ވައުދުގެ ދަށުން ޗައިނާ އާއިއެކު ސޮއިކުރި އެއްބަސްވުންތަކު ހިޔަނިވެސް ނުވެއެވެ. ރަސްމާލެ އެއްބަސްވުމުގެ ކުލަ ފާޅެއް ނުވެއެވެ.   

ވީވައުދުތައް ހުރި ގޮތަށް ހުއްޓާ އަނެއްކާވެސް ވައުދުގެ ސިލްސާ ފެށުނީއެވެ. ސަރަހައްދު ބަލަހައްޓަން ޑްރޯނެވެ. ކޮންމެ ރަށަކަށް ހޮސްޕިޓަލެކެވެ. ކޮންމެ ދެރަށެއް ދޭތެރޭގައި ބުރިޖެވެ. ފުށިދިއްގަރުފަޅުން މާލެއަށް އަންޑަރ ވޯޓާރ ޓަނަލެވެ. ކޮންމެ ރަށަކަށް އެއަރ ޕޯޓެކެވެ. ރޮކެޓް ޖައްވަށް ފޮނުވާ ވާހަކައާއި ނިއުކްލިއަރ ހަތިޔާރު އުފައްދާ ވާހަކަ ނުދައްކާނެ ކަމެއްވެސް ނޭނގެއެވެ.

އެކަމަކު ގައުމު އޮތީ ދަރާ ވިކިފައެވެ. ކިރިމަހަށް މަސްވެރިންނަށް ފައިސާ ދެވޭން އޮތް ކަމަކަށް ނުވެއެވެ. ރަށްރަށުގައި ފަށަފައިވާ މަސައްކަތް ކުރިއަށް ގެންދެވޭހާ ފައިސާ ހުރިކަމަކަށް ނުވެއެވެ. ލޮނުމަދުކޭ ގިތެލެއްހެން ބާރުބާރަށް މުއިއްޒު ކުރުކާލި ކެނޑީމާ އެންމެންވީ ގުނބޯ ހެދިގެން ބާރަށް އަތްޖަހާށެވެ. މަޖިލިސް މުއިއްޒަށް ދީގެން ރައްޔިތުންވީ ނަގޫފިތގެން ނުފޭބި ސައްކެޔޮގަހު އިން މަކުނަށް ވާށެވެ.