އާޒިމާ ހޮވުމުގެ ޝައުގެއް މުއިއްޒުގެ ނެތް
ރައީސް އާޒިމާއަށް އިތުބާރު ނުކުރައްވަނީ ކީއްވެ
އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދިންގޮތުގައި މާލޭސިޓީ މޭޔަރު ކަމަށް އާޒިމާ ޝަކޫރު ހޮވުމުގެ މާބޮޑު ޝައުގެއް ރައީސް މުއިއްޒުގެ ނެތެވެ. ރައީސް ހީފުޅުކުރެއްވި ވަރުގެ ޕޮޓެންޝަލް ކެންޑިޑޭޓަކަށް އާޒިމާ ނުވާކަމަށް އެ މަސްދަރުން މައުލޫމާތު ދިނެވެ.
އާޒިމާ ޝަކޫރާއި މެދު ރައީސް އުންމީދު ކަނޑުއްވާލެއްވީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް މަގުބޫލުކަން ގެއްލެވޭ ވަރުގެ ގިނަ ކަންތައް ތަކެއް ހުރުމުންނެވެ. އެގޮތުން ފާހަގަ ކުރެވޭ އެންމެ ބޮޑު ކަމަކީ ކޯޓްތަކުގައި ހުރި މައްސަލަ ތަކެވެ.
އިސްލާމިކް ބޭންކުން ނެގި ލޯނެއް ނެގުމުގައި ވީއެއްބަސްވުމާ އެއްގޮތަށް ލޯނު އަދާނުކޮށްގެން ޝަރީއަތަށް ދަރަނި ސާބިތުވެފައި އޮތް އޮތުމަކީ ގަބޫލު ކުރެއްވޭ ކަމަކަށް ނުވާކަމަށް ވެއެވެ. ޕްލެޓިނަމް ކުންފުންޏަށް އޮތް އިތުރު ދަރަންޏެއް ފެންމަތި ވުމަކީވެސް ރައީސްގެ ކަންބޮޑުވެ ވަޑައިގަތުމަށް މެދުވެރިވި ކަމަށް ވެއެވެ.
ކުރިމިނަލް ކޯޓްގައި ހިނގަމުންދާ ކުށުގެ މައްސަލައެއް އޮތުމަކީވެސް އާޒިމާގެ މަތިން ރައީސް ފޫހިވެ ވަޑައިގެން ސަބަބެއް ކަމަށް ވެއެވެ. މިހާ ނުސާފު ބޭފުޅަކަށް އާޒިމާ ވެވަޑައިގެންފާނެ ކަމަށް ހިތްޕުޅަށް ވެސް އަރާވަޑައި ނުގަންނަވާ ކަމަށް ވެއެވެ.
އާޒިމާ ފަދަ ތައުލީމީ ކަނބަލަކާ ގުޅުވައިގެން ދެކެވޭ ވާހަކަ ތަކަކީ ސިޔާސީ ގޮތުން ދެކެވޭ ވާހަކަ ކަމަށް ކުރިން ރައީސް ހީފުޅު ކުރެއްވިއެވެ. އާޒިމާއަށް އިތުބާރު ކުރައްވާ ޕްރައިމަރީއަކާ ނުލާ ޕާޓީ ޓިކެޓް އާޒިމާއަށް އެރުވުނީތީ ރައީސް މިހާރު ހިތާމަފުޅު ކުރައްވާ ކަމަށްވެއެވެ.
މޭޔަރ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ކެންޕޭނުގެ އެންމެ ފަހު ވަގުތުކޮޅު ބޮޑު ޓީމަކާއެކު ރާއްޖޭން ބޭރުގައި ހުންނަވަން ރައީސް ނިންމެވީ އާޒިމާ ހޮވުމުގެ އެއްވެސް ޝައުގުވެރި ކަމެއް ރައީސްގެ ނެތުމުން ކަމަށްވެއެވެ.