ދޮގު ދޮލަނގު ހުރީ މަތިން ވެއްޓުނު ކަމަނާގެ އޮޑިވަޅުގަ!
ލަކުޑި ދީބު ފުޅޮއިން ނެގި ރާޅުބާނީގައި ދިރުބާކޮޅު އެއްގަމަށް
ރޯ ބަރަހަނާ ހާލު ބެލްކަނިން ކާރެއް މައްޗަށް ވެއްޓި ބޯޖެހި ބޯ ގޮވާފައި ހުރިތީ ހަމްދަރުދީ ވަމެވެ. ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުންގެ ތެރޭގައި ކަލާނގެ ބަދަލު ކުރާހެން ރޫހާނީ ލީޑަރ ބަދަލުކުރިޔަސް ހަގީގަތަކީ ބަދަލުވާ އެއްޗެއް ނޫނެވެ. ކަޅުފޮތިން ނިވާކުރެވޭނީ ވަނާތަކެވެ. އޮރިޔާން ހާލެވެ. ކަމަކާ ޖެހެލާއިރަށް ހަސީލަތް ދެއިނގިލި ދޭތެރެއިން ފާޅުވާނެއެވެ.
މީހެއްގައި ހުރި ހުސްތޯހިރުކަމަކާއި މައުސޫމު ކަމުން އެމީހާ ކުރިހާ ވައްކަން ހަލާލުވެ ކުރި ހުކުން ހަރާން ކޮށްގެން ބޮލަށް ފިތުނު ތާވަޅަ ހިކިފަސްތާ ތެޅިބޭލީމާ ފަތިފުލުން ދޮޅިކެނޑިގެން ވެއްޓޭނީ ބިމަށެވެ. ނުރުހޭހާ މީހުންގެ ކަރުބުރި ކުރަން ގޮވަމުން ދުވެވުނު ކަން ހަނދާނުގައި ނެތަސް ކެނބު ކެނޑިފާ ހުރި ޗާބީ ގަޑިއެއް ހަމަ ނުވާނެކަން އެހެން މީހުނަށް އެނގެއެވެ. ބާލަން އުޅުނު އެއްޗެއް ނުބޭލި ބޭލުނީ ފޮށާކަން ނޭނގުނަސް ހެޔޮތާއެވެ.
ހުސްގޮނޑިއަކާއި ފޮޓޯ ގަނޑެއް ހިފައިގެން ނިކުތް މީހާގެ ބާނދީއަކަށްވެ އެއްކަލަ މައުސޫމު ކުށެއްނެތް މިހާ ގުއިވީއެވެ. ބާނދީ ކަމަނާ ސާހިބުގެ ބުމަރަށްވެ މެންދުރު ބަތަށް ކިރުއަޅުވާ ވާހަކަ ތުންތުން މަތީން ކިޔާތީ އިވެއެވެ. އެއްކަލަ ހަރާން ހުކުމެކޭ ކުށެއްބުށެއް ނެތޭ ބުނި ސާހިބުންގެ ސާހިބާ މިނިވަން ނުވާކަން ހަނދާނުގައިވެސް ނެތުނީއެވެ. ވެއްޓި ބޯޖެހުނު ގޮތަކުން ހަދާނުގެ ބައި ފުހެވުނީވެސް ތޯއްޗެކެވެ.
ކުރިން ހަރާން ހުކުމުގައި ހުރި މައުސޫމު މީހާ ކުށެއް ނެތްކަމަށް ކޯޓަށް ސާބިތު ކޮށްދިނީމާ މިނިވަން ވާނެ ކަމަށް ބުނާނީ މެންދުރު ބަތަށް ހާދަހާވާ ކިރެއް އެޅިގެންތާއެވެ. އުޅެވުނު ގޮތާ ދައްކާ ވާހަކަ ދިމާ ނުވީމާ ލަދެއް ހަޔާތެއް ގަންނަން ނޭނގޭނީ ބަރަހަނާ ހާލު މަތިން ވެއްޓުނު ޓާމިނޭޓަރެއް ވީމާތާއެވެ.
ނުވަރު މަރުވަޅިއަކަށް އެރުމުން ފުންނާބުން ބަޑިތަޅައިގަތް ގަތީނުން ލަކުޑިދީބު ފުޅޮއިން ނެގި ރާޅުބާނީގައި ދިރުބާކޮޅު އެއްގަމަށް އެހެލަން ރާޅުފަށުގައި ކަނދުމައްޗަށް އޮޑިހިއްޕީމާ ރާޅާތަޅާ ކޮޅުފަހުން މަޑޫހިލި މައިދާ ނެއްޓޭ އިރުވެސް އެނގެނީއެއް ނޫނެވެ. ފެންނެތްތާ ނަގޫ ފަތުން ބަޑިތެޅީމާ ހުޅުނބު ފޭބުން ނޫން ކަމެއް ވަނީއެއް ނޫނެވެ.
އަބަދުވެސް ތެދަށް ވުރެ ބާރަށް ދޮގު ދައުރުވާނެ ކަން އެނގެނީ ބުހުތާން ދޮގު ވިއްކާ ބަޔަކަށެވެ. ދޮގުވިއްކުމުގައި ދޮންއަމާ ނޮޅާލި ސޮރަށް ވުރެވަކީން ފަރިތަ މީހަކު ނުހުންނާނެއެވެ. ރަން ކޮޅުންނޭވެ. ހަގީގީ ދޮގު ދޮލަނގު ހުރީ ބަރަހަނާ ހާލު ކާރެއް މައްޗަށް މަތިން ވެއްޓުނު ބާނދީ ކަމަނާގެ އޮޑިވަޅުގައެވެ. ކުނިވެ ފުޅަ އަޅާފައެވެ.