ދިވެހިންގެރާއްޖެއަށް ފިޔާ މުހިންމެއް ނޫން

ފުއްޕީމާ ޖެހޭ ދުއްޕާން އެންމެންނާ ލައިގަނޭ

ދިވެހިންގެރާއްޖެއަށް ފިޔާ މުހިންމެއް ނޫން

ފިޔައާ ނުލައި ދިވެހިންގެ ރާއްޖޭގައި ދިރިނޫޅެވޭންވީ ސަބަބެއް ނެތެވެ. އެއްވެސް ދިވެެއްސަކު ދުނިޔެއަށް އުފަންވަނީ ފިޔައެއް ނުވަތަ އަލުތްވެެއްގައި އަނގަޖަހައިގެން ބޯން އޮވެއެެއް ނޫނެވެ. ގައުމިއްޔަތުގެ ދިފާޢުގައި ދިވެހިން ފިޔާ ކެއުން ހުއްޓާލަން ވިޔަސް އެކަން ކުރާނެއެވެ.

ދިވެހިންނަކީ ވަކިކަމެއް ވަކި ވަރަކަށްވުރެ ބޮޑަށް ހައްދު ފަހަނަ އެޅީމާ ހިމޭނުން ތިބެން އުނދަގޫ ބައެކެވެ. 

ހުސްގޮނޑިކޮޅެއް ދައްކައިގެން ވެރިކަން ހޯދީކަން ރޭކާ ލުމާއެކު ސަރުކާރުގެ ބޭފުޅުން ވަޑައިގަންނަވާ ކޮންމެ ރަށަކުން ހުސްގޮނޑި ކޮޅު ނުކުމެ ވަޑައިގެން އެބަ މަރުހަބާ ވިދާޅުވިއެވެ. ދެން އޮތީ ފިޔާ ކެއުން އުމުރަށް ހުއްޓާލައިގެން ދިވެހިން ނުކުމެ ގައުމިއްޔަތު ފެންފޮދަކާނުލާ ދިރުވުމުގެ މަރުހަލާއެވެ.

އިންޑިއާ އަކީ ދުނިޔޭގެ އެންމެ މީހުން ގިނަ ގައުމެވެ. އެ މީހުން ކައިފައި ގައުމުން ބޭރަށް އެކްސްޕޯރޓް ކުރަން ބާކީ ނުވާ ފަހަރު އާދެއެވެ. އަމުދުން މޫސުމީ ގޮންޖެހުންތަކާ ގުޅޭ ދަނޑުވެރި ބާވަތްތައް ހަމަ އެކަނި އިންޑިއާގެ އެތެރޭގެ ބޭނުން ތަކަށް ފުދޭ ވަރަށް ނުހެދޭ ހާލަތު މެދުވެރިވެއެވެ. 

އެފަދަ ހާލަތުގައި މިހާރު ފިޔާއަށް ވެފައިވާ ގޮތް ހަވާދާ ގޮވާމާ ބިހާ އަލުތްވައް ވެސް ވެއެވެ. ވަކި މުއްދަތަކަށް އެ ބާވަތެއް އެކްސްޕޯރޓް ކުރުން އިންޑިއާ އިން މަނާ ކުރެއެވެ. މިހާރު މިއީ ދުވަސް ކޮޅަކަށް އެއްވެސް ގައުމަކަށް އިންޑިއާއިން ފިޔާ އެކްސްޕޯރޓް ކުރުން މަނާ ދުވަސް ކޮޅެކެވެ.

މިގޮތަށް މީގެ ކުރިން މަނާ ކުރިއަސް ރާއްޖެއަށް ބޭނުންވާ ވަރަށް އިންޑިއާ އިން ހުރިހާ ބާވަތެއް ވެސް ރާއްޖެއަށް ލިބޭ ގޮތް ހަދައިދެއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖެ ގެނައި އިންޑިއާ ހެލިކޮޕްޓަރެއް އޮވެއެވެ. އަދި ފަހުން ރައީސް ޔާމީނުގެ ކެބިނެޓްގައި ރައީސް މުޢިއްޒު އިންނަވައިގެން އިންޑިއާ އިން ގެނައި އިތުރު ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާ ބޯޓެއް ވެސް ރާއްޖޭގައި އޮވެއެވެ.

މިތިން އުޅަނދުގެ ކަންކަމާ ގުޅޭ 77 އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް ނިމިދިޔަ ސަރުކާރުން ބުންޏެވެ. މީގެ ކުރިން އިންޑިއާ އިން ބޭރަށް އެކްސްޕޯރޓް ކުރުން މަނާ ބާވަތްތައް ވެސް އިންޑިއާ އިން ރާއްޖެ ފޮނުވަނީ މިބުނި 77 މީހުން ކާކަށް ނޫނެވެ. އެ މީހުން ރާއްޖޭގައި ތިބެގެން ކުރާ ކަމަކީ އިމަރޖެންސީ ހާލަތުތަކާ، ސަރަހައްދު ބެލެހެއްޓުމުގައި ދިވެހި ސިފައިންނަށް އެހީތެރި ވުމެވެ.

އެކަމަކީ ދުނިޔޭގައި ނެތްވަރުގެ ނުބައި ކަމަކަށް ވެގެން ރާއްޖޭގެ 54 އިންސައްތަ ރައްޔިތުން ވޯޓުދިނީ އިންޑިއާ އައުޓް ކުރާށެވެ.

އިންޑިއާ އައުޓް ކުރަން އަލަށް އައި ސަރުކާރުން ކުރީ ސަރުކާރުން ނެރުނު އިންޑިއާ އައުޓް މަނާ ކުރާ ގަރާރު އުވާލާކަށް ނުކެރުނެވެ. ނުވިތާކަށް އިތުރަށް އިންޑިއާ އާއި ގުޅުން ބަދަހި ކުރަން އަތް ދިއްކޮށްފިއެވެ. ބްރިޖްގެ މަސައްކަތް ވެސް މިހާރު އޯކޭއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމެއް ތިބިވަރެއް އަދި އަދަށް ވެސް ސާފުވި ކަމަކަށް ވެސް ނުހެދިއެވެ.

ފިޔާ ވެސް ބިސް ވެސް އަލުވި ވެސް އިންޑިއާ އިން ރާއްޖެއަށް ދޭނެއެވެ. އެކަމަކު ސަލާމަށް ދިއްކޮށްފަައި ހުރި އަތަށް މިފަހަރު ލޮލުން އަލި ދާވަރަށް ފިތާލާނެއެވެ. އިންޑިއާ ދާނީ އިންޑިއާ ދާން ބޭނުން މަގުންނެވެ. އެ މީހުން ރާއްޖެ ހިފާކަށް ނޫޅެއެވެ. ގޮތް ހުސްވާނީ ހަމަ މުއިއްޒަށެވެ. 

ގައުމިއްޔަތޭ އިސްތިގުލާލޭ ކިޔައިގެން ޖާހިލިއްޔަ ޒަމާނުގެ ގަބީލާތައް އުޅުނު ގޮތަށް، ނެތްވަރުން ފުއްޕާފައި ދިވެހިންގެ ރާއްޖޭގައި މިއުޅޭ މީހުންގެ އަނގަމައްޗަށް އިންޑިއާއިން ބިހާއި ފިޔައާއި އަލުވި ޗަސްކުރާތަން ބަލަން ތިބޭށެވެ.

މި ޒަމާނުގައި ދުނިޔެ ހިނގާ ގޮތް ނޭނގުނަސް މާއެނގޭ ހެދި، ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ފޫކޮޅުގައި ނެތްއިރު ލައްކައެކޭ ހީވެގެން ފުއްޕީމާ ޖެހޭ ދުއްޕާން އެންމެންނާ ލައިގަނެއެވެ.