އުރައްޕަތް ނެތީ އިދިކޮޅަކު ނޫން | އުރައްޕަތް ނެތީ ސަރުކާރު

ދައުރު ދެބައިވެގެން ދިޔައިރު ކޮށްދެންޖެހޭ އެތައް ހާސްކަމެއް އޮތީނުކޮށް

އުރައްޕަތް ނެތީ އިދިކޮޅަކު ނޫން | އުރައްޕަތް ނެތީ ސަރުކާރު

ވާދަވެރި ސިޔާސީ ޕާޓީތަކުން ދައްކާއެއްވެސް ވާހަކައެއް އަޑުނާއްސަވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް އިން ނޭޝަން ޗެޓް ގެ ނަމުގައި ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ރައްޔިތުންގެ ހަގީގީ ކަންބޮޑުވުން ތަކަށް އިޖާބަ ދެއްވާނަމަ ބާއްވަވާނީ ހުޅުވާލެވިފައިވާ ފޯރަމްތަކެވެ. އިދިކޮޅުން ހުށަހަޅާ ރައްޔިތުންގެ އަޑަށް ބީރުކަންފަތެއް ދެއްވާ ހަމައެކަނި ބޭނުންފުޅުވެ ވަޑައިގަންނަވާ މެސެޖް ދެއްވުމަށް ބާއްވާ ޗެޓަކުން ޕޮޑްކާސްޓަކުން ހަގީގީ މަންޒަރެއް ފެނިވަޑައެއް ނުގަންނަވާނެއެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އުރައްޕަތް ހުރި އިދިކޮޅު ފަރާތެއް ރާއްޖެއަކުނެތެވެ. އިދިކޮޅު ފަރާތްތަކަށް ރައީސް ސީރިއަސް ނަޒަރެއް ދެއްވާނީ އިދިކޮޅު ފަރާތްތައް ޒިންމާދާރުވީ ދުވަހަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުންވަނީ ޖަވާބު ދާރީކުރުވާ ޒިންމާދާރު ކުރުވަން ހުރި މުއައްސަސާތަކުގެ ވާގިނައްތާލާފައެވެ. ޖަވާބު ދާރީވުމާއި ޒިންމާދާރުވުމާއި ދައުލަތް ހިންގުމުގައި ސަރުކާރުގައި އެއްވެސް އުރައްޕަތެއް ނެތްއިރު އިދިކޮޅުގެ އުރައްޕަތް ނެތް ވާހަކަ ދައްކަވަން ލަދު ގަންނަން ޖެހޭނެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވަރަށް ގިނަކަންތައް ކޮށްދެއްވައިފިއެވެ. އެހެން ނަމަވެސް އެއްވެސް ކަމެއް ކޮށްދެވުނުކަމަށް އިދިކޮޅު ފަރާތްތަކުން ގަބޫލު ނުކުރާ ކަމަށް ވެސް ވިދާޅުވިއެވެ. ގައުމެއްގެ ނިސްބަތުގައި ވެރިކަމެއްގެ ދައުރު ދެބައިވެގެން ދިޔައިރު ސަރުކާރަކުން ކޮށްދެންޖެހޭ އެއްވެސްކަމެއް ނުކުރެވެއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. 

ރައީސް މުއިއްޒު ގަބޫލު ކުރައްވަނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އެއްވެސް ބަދަލެއް ގެނައުމަށް ރައްޔިތުން ގަބޫލެއް ނޫންކަމަށެވެ. ނިޒާމު ބަދަލުކޮށްގެން ބައިބައިވުން އުފެދޭނެ ކަމަށް މުއިއްޒު ދެކެވަޑައިގަންނަވައެވެ. އިދިކޮޅު ފަރާތްތަކުން ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރަން ބޭނުންވެގެން އުޅެނީ އިދިކޮޅުގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަ ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަން ކުރަން ބޭނުންވުމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެކެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. މައްސަލައަކީ ތިމާނޫން މީހަކު ވެރިކަން ކޮށްގެންނ ނުވާނެ ކަމަށް ގަބޫލުކުރެވޭ ކުރުމެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅުން ހާމަ ވެގެން ދިޔައީ ތަފާތު ފިކުރަށް މިވެރިކަމުގައި ޖާގަ ނެތްކަމެވެ. ސަރުކާރުން ޖަހާހާ ބެރަކަށް ނުނަށާ ބަޔަކަށް އެއްވެސް ފުރުސަތެއް ދެއްވަން ނެތްކަމެވެ. ރައްޔިތުންގެ އިހުސާްސް އެއްވެސް ވަރަކަށް އެނގިވަޑައި ނުގަންނަވާކަމާއި އެނގިވަޑައިގަތުމަށް ބޭނުންފުޅުވެސް ނުވާކަމެވެ. 

ރާއްޖޭގައި އޮތީ މަލްޓިޕާޓީ ޑިމޮކްރަސީއެއް ކަމާއި ރައްޔިތުންގެ ތެރެއިން އެތައް ހާސްބަޔަކު ވާދަވެރިންގެ ގޮތުގައި ތިބިކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވަން ޖެހެއެވެ. ވާދަވެރިންނަކީވެސް ދިވެހިރައްޔިތުންކަން މުއިއްޒު ގަބޫލުކުރައްވަން ޖެހެއެވެ. ރައްޔިތުންގެ ތެރެއިން ވަކިބަޔަކު ބާކީކޮށް ވާދަވެރިންގެ އަޑު ނާއްސަވާ ކުރައްވާ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެއް ނޫންކަން އެންމެ ފުރަތަމަ ގަބޫލު ކުރައްވަން މުއިއްޒަށް ޖެހި ވަޑައި ގަންނަވައެވެ. 

ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ހުވާކޮށްގެން ހުރިވެރިޔަކު ރައްޔިތުންގެ ތެރެއިން ވަކިބައެއްގެ ވާހަކަ އަޑުނާހާނެ ކަމަށް ބުނުމަކީ ހުދުމުހުތާރު ކަމުގެ އިންތިހާއެވެ. ޒިންމާދާރު އިދިކޮޅަކީ މުއިއްޒަށް ސަނާކިޔަން ތިބޭބައެއްކަން ނޭގުމަކީ ވެރިކަމަށް ކުފޫހަމަނުވުމެވެ.