ގޮނޑިގެއްލުމުގެ ޒިންމާ އިސްލާހު ބާތިލުކުރަން ހުށަހެޅި މީހާގެ ބޮލަށް

ގޮނޑިގެއްލުމުގެ ޒިންމާ އިސްލާހު ބާތިލުކުރަން ހުށަހެޅި މީހާގެ ބޮލަށް
ހިޔާލީ އެއްކޮށްލުމެއް:

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް އިސްލާހެއް ވަނީ ގެނެސްފައެވެ. ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު ބާތިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

އަލީ ހުސައިންގެ ހުށަހެޅުން ބަލައިގަތުމަށް ސްޕްރީމްކޯޓުން ނިންމުމާއި ގުޅިގެން އަސްލެއްނެތް ތުހުމަތަކަށް 3 ފަނޑިޔާރުން ކޯޓުން ވަނީ ބޭރުކޮށްލާފައެވެ. އޭގެ އިތުރަށް އޭރު ހުންނެވި އުއްތަމަފަނޑިޔާރުވެސް މީހާރަކުނެތެވެ. ސްޕްރީމް ކޯޓުގެ ބެންޗް ރައީސް މުއިއްޒު ބޭނުންވާ ގޮތަށް މިހާރު އޮތީ ބަދަލުކޮށް ނިންމާފައެވެ. 

ދުސްތޫރީ އެވަރުގެ ބޮޑު މައްސަލައެއް ހުށަހެޅިފައި އޮވެ ހޭވެސް އަހަނުލާ އަހަރަކަށްވުރެ ގިނަވީއެވެ. އަހަރުވަންދެން ވެސް ލަސްކޮށް ފަސްކުރީ ގޮނޑިގެއްލުވާލާ އިސްލާހު ބާތިލުނުކޮށް ވާންއޮތްގޮތެއް ހޯދުމުގައިކަމަށް ގިނަ ބަޔަކުދެއެވެ. އިސްލާހު ބާތިލުނުކޮށް ދައްކާނެ ހަމައެއް ފެނުމުން މައްސަލައިގެ އަޑުއެހުމެއް މިހާރު އެއޮތީ ތާވަލުކޮށްަފައެވެ. 

މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލުވާލާ އިސްލާހު ބާތިލުނުކޮށް އަޅާނެ ހަމައެއް ހޯދާ ރަނގަޅަށް ވިއްޔާ ހުކުމްވެސް މިހާރު އޮންނާނީ ލިޔެ ނިމިފައެވެ. ހޯދުނު އިސްލާހު ބާތިލު ނުކުރާ ވިސްނުން އާއްމު ރައްޔިތުންނަށް ގަބޫލު ކުރެވޭނެހެން ސޯޝަލް މީޑިއާ ކެމްޕޭނު މިހާރު އެވަނީ ފަށާފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ބާތިލުކަމަށް ކަނޑައެޅުމުގެ ބާރު ސްޕްރީމް ކޯޓަށް ނޯންނަކަމަށް ބުނެ ގޮނޑިގެއްލޭ އިސްލާހު ބާތިލު ނުކުރެވޭނެކަމުގެ ގާނޫނީ ހަމައެއް އަޅަން ކާކުކަން ނޭނގޭ އެކައުންޓުތަކަކުން ސޯޝަލް މީޑިއާގައި ވަކާލާތު ފައްޓައިފިއެވެ.

ގޮނޑިގެއްލުވާލުމުގެ މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލާ އިސްލާހު ބާތިލުކުރެވެން ނެތް ކަމަށް ކޯޓުން ނިންމާނީ ކަމަށް މުއިއްޒުގެ ބޮޓުން ބުނަން ފަށައިފިއެވެ. އެގޮތަށް ނިންމަންޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރުގެ ދަށުން ގެންނަ އިސްލާހެއް ބާތިލުކުރުމުގެ ބާރު ކޯޓަކަށް ލިބިދީފައި ނެތުމެވެ. ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން، މަޖިލީހުން ފާސްކުރާ ގާނޫނުއަސާސީގެ އިސްލާހެއް ބާތިލުކުރުމުގެ އިޚްތިޞާޞް ރާއްޖޭގެ އެއްވެސް ކޯޓަކަށް ދީފައި ނުވާކަމަށް ބޮޓުން އެބަބުނެއެވެ. 

އިސްލާހު "ބާތިލުކުރަން" ހުށަހެޅުމުގެ ބަދަލުގައި، ގާނޫނުއަސާސީގެ އެއް މާއްދާ އަނެއް މާއްދާއާ ތައާރުޒްވޭތޯ ބަލައިދިނުމަށް "ޤާނޫނުއަސާސީ މާނަކުރުން" އެދި ހުށަހެޅިނަމަ، މައްސަލައިގެ ނަތީޖާ ތަފާތުވީސްކަމަށް ބޮޓުން ދެކެއެވެ. އިސްލާހަކީ މެންބަރެއްގެ މިނިވަންކަމާއި ރައްޔިތުންގެ މަންދޫބެއްގެ ހައިސިއްޔަތަށް އުނިކަން އަންނަ އިސްލާހެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ މެންބަރުންގެ ގޮނޑިގެއްލުމުގެ ޒިންމާ އިސްލާހު ބާތިލުކުރަން ހުށަހެޅި މީހާގެ ބޮލަށް ކަނޑާލަން ރޭވިފައިވާކަން ކަންކަން ތަރުތީބުވެ ހިމުންވަމުން ދާގޮތުން ނިކަން ސާފެވެ.