އިގުތިސާދީ ކުރިއެރުން އަންދާޒާތަކަށްވުރެ މަތިވާނެ
ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފަ
ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަޅުވި ނަމަވެސް ބޭރުގެ ދަރަނި ބޮޑުވެ ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ. އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާ މެދު ކުރެވޭ އުންމީދު ބޮޑެވެ. ނެރެވޭ ނަތީޖާ ރަނގަޅެވެ.
ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައި ވަނީ ހިސާބު ކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅުވައިގެންނެވެ. 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރުން ވާލްޑް ބޭންކުން ހިސާބުކޮށް އަންދާޒާކުރި މިންވަރަށް ވުރެ ކުރިއެރުމުގެ ނިސްބަތް ރާއްޖޭގައި މާ މައްޗެވެ.
މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ ވަނީ އިތުރުވެފައެވެ. މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ރާއްޖޭގެ މާލީ ވަޒީރު ލަފާކުރައްވައެވެ. އެހެންކަމުން އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާ ތަކަށްވުރެ މަތިވާނެ ކަމަށް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދިޔަ ނަމަވެސް ރާއްޖޭގައި ތަކެތީގެ އަގުބޮޑު ވެގެން ކުރާ އަސަރު އަވައްޓެރި އެހެން ގައުމުތަކާއި އަޅާބަލާއިރު ވަރަށް ކުޑަކަމަށް ފިނޭންސް މިިނިސްޓަރ އިބްރާހިމް އަމީރު ފާހަގަ ކުރައްވައެވެ.
"ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަ"ކަމަށް އަމީރު ވިދާޅުވެއެވެ.
ރާއްޖޭގެ ތަކެތީގެ އަގު މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެއެވެ. ހުރި ހިރާސްތައް މެނޭޖް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންވެ އަޅަމުން އެބަދެއެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށެވެ. އުނދަގުލުން އަރައި ގަތުމަށް ސިޔާސަތު ތަކަށް ބަދަލު ގެންނަނީ ރައްޔިތުންނަށް އެ ކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ބަލައިގެންނެވެ.